މީގެ ދިހަ ވަރަކަށް އަހަރު ކުރިން އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ގިލްގޯ ބީޗް ގައި މަރުވި 11 މީހުންގެ ތެރެއިން ތިން މީހަކު މަރުވި މައްސަލާގައި އާކިޓެކްޓެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ރެކްސް ހިއުއާމަން، 59، ގެ މައްޗަށް އުފުލާފައިވަނީ މެލިސާ ބާތެލެމީ އާއި މޭގަން ވޯޓާމަން އަދި އެމްބާ ކޮސްޓެލޯ މަރާލުމުގެ ދައުވާއެވެ. ދައުވާތަކަށް ހިއުއާމަން އިންކާރު ކުރެއެވެ.

ފުލުހުން ބުނީ ގާތިލު ކެއި ޕިއްޒާގެ ޑީއެންއޭ އާއި މަރުވި އަންހެނުންގެ ހަށިގަނޑުން ފެނުނު ޖެނެޓިކް މެޓީރިއަލްއާ ދިމާވާކަމަށެވެ.

ސަފޯކް ކައުންޓީގެ ޕޮލިސް ކޮމިޝަނަރު ރޮޑްނީ ހެރިސަން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ "ރެކްސް ހިއުއާމަން އަކީ އަހަރެމެންގެ މެދުގައި ހިނގަމުން އުޅޭ ޑެވިލްއެއް. އާއިލާތައް ހަލާކުކޮށްލި ޝިކާރަވެރިއެއް" ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ހިއުއާމަންގެ މައްޗަށް މީހަކު މެރުމުގެ ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. ކޯޓުގައި ހިއުއާމަން ރޮމުން ރޮމުން އޭނާގެ ވަކީލު ގާތުގައި ބުނީ "އެކަން ނުކުރާ" ކަމަށެވެ.

ގާނޫނީ ވަކީލު މައިކަލް ބްރައުން ވިދާޅުވި ގޮތުގައި އޭނާގެ މުވައްކިލު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ކަމަށާއި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ ހާލަތީ ހެއްކެއްގެ މައްޗަށް ބިނާވެފައިވާ ހެކިތަކެއް ކަމަށެވެ. ބްރައުން ވިދާޅުވީ އާންމުންގެ ހިޔާލު ހޯދުމުގެ ބަދަލުގައި ގާނޫނީ ނިޒާމުގެ ތެރެއިން މައްސަލަ ބެލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

[caption id="attachment_55240" align="aligncenter" width="690"] އަންހެނުންތަކެއް މަރާލުމުގެ ދައުވާ އުފުލާފައިވާ ހިއުއާމަން[/caption]

ގިލްގޯ ބީޗް ކައިރިން 2010 ވަނަ އަހަރު ފެނުނީ ހަތަރު އަންހެނުން ކަމަށްވާ ބާތެލެމީ، ވޯޓާމަން، ކޮސްޓެލޯ އަދި މައުރީން ބްރެނާޑް-ބާންސްގެ ހަށިގަނޑެވެ.

ހިއުއާމަންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ އަނިޔާ ލިބުނު މީހުންނާ ގުޅުން ހުރި މޯބައިލް ފޯނުގެ ރެކޯޑްތަކާއި އަނިޔާ ލިބުނު މީހުންގެ ގެއެއް ކައިރިން ފެނުނު ޕިކަޕަކުން ހޯދި ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. އަނިޔާ ލިބުނު މީހުންނާ އޭނާ މުއާމަލާތްކުރީ އެއްފަހަރު ބޭނުންކުރެވެ "ބާނާ" ފޯނު ބޭނުންކޮށްގެންނެވެ.

މަރުތައް ހިނގާފައި ވަނީ ހިއުއާމަންގެ ދަރިއާއި އަންހެނުން ގޭގައި ނޫޅޭ ވަގުތުގައިކަން ތަހުގީގަށް ވަނީ ހާމަވެފައެވެ.

މަރުވި މީހުންގެ ތެރެއިން އެކަކު އޮޅާލުމަށް ބޭނުންކުރި "ބާލަޕް" ތެރެއިން ފެނުނު އިސްތަށިގަނޑު ހިއުއާމަންއާ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު މެންހަޓަންގެ ކުނި ކޮތަޅެއްގައި އޭނާ އުކާލި ޕިއްޒާ ފޮއްޓެއްގެ ސާމްޕަލްއާ ދިމާވެއެވެ.

މަރާލި މީހުންގެ ތެރެއިން ބާތެލެމީ ވަގަށް ނަގާފައިވަނީ 2009 ވަނަ އަހަރުއެވެ. ވޯޓާމަން އާއި ކޮސްޓެލޯ ގެއްލުނީ 2010 ވަނަ އަހަރު ކަމަށެވެ. 2007 ވަނަ އަހަރު ވަގަށް ނެގި މައުރީން ބްރެނާޑް-ބާންސްގެ މަރުގެ މައްސަލާގައި ހިއުއާމަންގެ މައްޗަށް ބޮޑު ތުހުމަތު ކުރެވޭ ނަމަވެސް އޭނާގެ މައްޗަށް މިވަގުތު އޭނާގެ މައްޗަށް އެއްވެސް ދައުވާކޮށްފައެއް ނުވެއެވެ.

2010 ވަނަ އަހަރު ގެއްލުނު ޝަނާން ގިލްބާޓް ނަމަކަށް ކިޔާ އަންހެނަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިތުރު ހަތަރު މީހެއްގެ ހަށިގަނޑެއް ފުލުހުން ވަނީ ފެނިފަ އެވެ. ގިލްގޯ ބީޗްގެ އެއް ސަރަހައްދަކުން 2010 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ދެމެދު ޖުމްލަ 11 އިންސާނުންގެ ހަށިގަނޑެއް ފެނިފައިވާއިރު، އެއީ ނުވަ އަންހެނަކާއި ފިރިހެނަކާއި ކުޑަ ކުއްޖެކެވެ.

ސަފޯކް ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ޓިއަނީ ވިދާޅުވީ ހިއުއާމަންގެ ކޮމްޕިއުޓަރުގައި އަންހެނުންނަށް ގޯނާކުރާ މަންޒަރުތަކުގެ ވީޑިއޯތައް ހުންނަ ކަމަށެވެ.

ހިއުއާމަން އަކީ ނިއުޔޯކް ސިޓީގެ އެންމެ ބޮޑު އާކިޓެކްޗަރަލް ފާމް ކަމަށްވާ މެންހަޓަންގެ އާކިޓެކްޗާ ފާމެއް ކަމަށްވާ އާރްއެޗް ކޮންސަލްޓަންޓްސް އެންޑް އެސޯސިއޭޓްސްގެ ވެރިޔާ އެވެ. އޭނާގެ އަންހެން ކުއްޖަކާއި ދޮންދަރިއަކު ވެސް އެބަތިއްބެވެ.

ޓިއަނީ ވިދާޅުވީ ހިއުއާމަންގެ އަތުގައި 92 ހަތިޔާރުގެ ލައިސަންސް އޮތް ކަމަށާއި ހަތިޔާރު ބަހައްޓާފައި ހުރި ބޮޑު "ސޭފް" އެއްގައި ކަމަށެވެ.

ރިއަލް އެސްޓޭޓް ފޯކަސްޑް ޗެނަލަކަށް މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ހިއުއާމަން ބުނެފައިވާ ގޮތުން 1987 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތްކުރަމުން އަންނަނީ ނިއުޔޯކް ސިޓީގައެވެ.

ލޯންގް އައިލެންޑްގެ މަސަޕެކުއާ ޕާކް އަވަށުގެ ރައްޔިތުންނަށް ހިއުއާމަން ހައްޔަރުކުރުން ވެގެންދިޔައީ ހައިރާންކުރުވަނިވި ކަމަށެވެ. އަވަށްޓެރިއަކު ބުނީ އޭނާ އަކީ އަބަދުވެސް ހިމޭނުން އުޅޭ މީހެއް ކަމަށާއި ދުވަހަކުވެސް އެއްވެސް މީހަކަށް އުދަނގުލެއްކުރި މީހެއް ނޫން ކަމަށެވެ.