ޝޯޝަލް މީޑިއާގައި ދައުރުކުރި ވީޑިއޯއެއްގައި ނަގުދު ފައިސާ ބަހައި، "ޝޯ އޮފް" ކުރި މީހަކު ޔޫއޭއީގައި ހައްޔަރުކޮށްފިއެވެ.

އެ މީހާގެ މައްޗަށް ތުހުމަތު ކުރަނީ އިންޓަނެޓް ބޭނުންކޮށްގެން ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ހަރުކަށި ޕްރޮޕެގެންޑާ ފެތުރުމުގެ ތުހުމަތެވެ. މީގެ އިތުރުން މީޑިއާކޮންޓެންޓްގެ މިންގަނޑުތަކަށް ނުފެތޭ އަދި ޔޫއޭއީގެ މުޖުތަމައަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ޝެއާ ކުރުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލައިފައެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލް އޮފީހުގެ ފެޑެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މި ދައުވާތައް އުފުލާފައިވަނީ ލަގްޒަރީ ކާރު ޝޯރޫމެއްގެ ތެރޭގައި އެމިރާތީ މީހުންގެ އަޅާ ހެދުމެއް އަޅައިގެން ހުރި މީހާ ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެނުމާ ގުޅިގެންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ދައުވާ ލިބޭ މީހާއާ އެކު ގިނަ އަދަދެއްގެ ފައިސާ ޕެލެޓެއްގައި އުފުލަން ތިބި ހުރި ކަމަށް ބެލެވޭ ދެ މީހަކު ވެސް ތިއްބެވެ. އެ ވީޑިއޯގައި ދައުވާ ލިބޭ މީހާ ވަނީ ކާރު ޝޯރޫމްގެ ވެރިފަރާތާ ވާހަކަ ދައްކައި، ދެ މިލިއަން ދިރްހަމްގެ ކާރެއް ގަންނަން ބޭނުންވާ ކަމަށް އެދިފައެވެ. ޝޯރޫމްގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ނަގުދު ގިނަ އަދަދއްގެ ފައިސާ އޭނާ ބަހައެވެ.

ޕަބްލިކް ޕްރޮސެކިއުޝަނުން ބުނި އެ އަމަލުގެ ސަބަބުން އާންމުންގެ ނުތަނަވަސްކަން އުފެދި، އާންމު މަސްލަހަތަށް ގެއްލުން ވެދާނެ އެވެ.

އެ މީހާގެ މައްޗަށް ދައުވާ ކުރުމުގެ އިތުރުން ޕަބްލިކް ޕްރޮސެކިއުޝަނުން ވަނީ ވީޑިއޯ ރެކޯޑްކުރި ކާރު ޝޯރޫމްގެ ވެރިފަރާތް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޕަބްލިކް ޕްރޮސެކިއުޝަނުން ވަނީ ޔޫއޭއީގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ކޮންޓެންޓް އުފައްދައި ހިއްސާކުރުމުގައި ގާނޫނީ އަދި އަހުލާގީ މިންގަނޑުތަކަށް ބޯލެނބުމަށް ގޮވާލާފައެވެ. އަދި ޔޫއޭއީގެ އިޖުތިމާއީ ހަމަތަކާއި އަސާސްތަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގާނޫނާ ހިލާފުވިޔަ ނުދިނުމަށް މީހުންގެ އަހުލާގަށް އިރުޝާދު ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.