ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދުކުރުމަށް ތުރުކީން އެއްބަސްވެއްޖެއެވެ.
އެކަން ހާމަކުރައްވަމުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ވިދާޅުވީ ނޭޓޯގައި ބައިވެރިވުމަށް ސްވިޑަން އިން ކުރާ މަސައްކަތަށް ތާއީދު ކުރަން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ނޭޓޯގައި އެއްވެސް ގައުމެއް ބައިވެރިކުރެވޭނީ މެމްބަރު ހިމެނޭ ހުރިހާ ގައުމުތަކުން އެކަމަށް އެއްބަސްވެގެންނެވެ. ތުރުކީން މީގެ ކުރިން ވަނީ ކުރުދީ ހަނގުރާމަވެރިންނަށް ހިމާޔަތްދޭ ކަމަށް ބުނެ ސްވިޑެންގެ އެޕްލިކޭޝަން ބްލޮކް ކުރުމަށް އެތައް މަހެއް ހޭދަކޮށްފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ތުރުކީން ނިންމި ނިންމުމަށް މަރުހަބާ ކިޔާފައެވެ.
"ޔޫރޯ އެޓްލާންޓިކް ސަރަހައްދުގައި ދިފާއީ އަދި ޑިޓެރެންސް ވަރުގަދަ ކުރުމަށް ރައީސް އުރުދުގާން އާއި ތުރުކީއާ ގުޅިގެން މަސައްކަތް ކުރަން މިހުންނެވީ ތައްޔާރަށް. އަދި ނޭޓޯގެ 32 ވަނަ ބައިވެރިއެއްގެ ގޮތުގައި ބޮޑުވަޒީރު ކްރިސްޓާސަން އާއި ސްވިޑަން އަށް މަރުހަބާ ދެންނެވުމަށް އުއްމީދު ކުރަން،" ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޖަރުމަނުގެ ހާރިޖީ ވަޒީރު އެނަލީނާ ބެއަރބޮކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ " 32(ސްވިޑެން) އާ އެކު އެންމެން އެކުގައި ސަލާމަތުން" ތިބި ކަމަށެވެ.
ސްޓޮލްޓެންބާގް މި އެއްބަސްވުން އިއުލާނު ކުރެއްވީ ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ތުރުކީ އާއި ސްވިޑެންގެ ލީޑަރުންގެ މެދުގައި ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.
ނޭޓޯގެ ޗީފް ސިފަކުރެއްވި ގޮތުގައި އެއީ ތާރީހީ ފިޔަވަޅެއް ކަމަށާއި ނަމަވެސް ސްވިޑަން އަސްކަރީ އިއްތިހާދާ ގުޅޭނެ ދުވަހެއް "ސާފު ތާރީހެއް" ދެވެން ނެތް ކަމަށާއި އެއީ ތުރުކީގެ ޕާލަމެންޓަށް ބަރޯސާވެފައިވާ ކަމެއް ކަމަށެވެ.
ސްޓޮލްޓެންބާގް ވިދާޅުވީ ތުރުކީ އާއި ސްވިޑަން އިން ތުރުކީގެ ސަލާމަތީ ކަންކަމަށް ހައްލު ހޯދައިދީ، ސްވިޑެންގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ދެކޮޅަށް ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ފުޅާކުރުމާއި ތުރުކީއަށް ހަތިޔާރު އެކްސްޕޯޓް ކުރުން އަލުން ފެށުމަށް މަގުފަހިވެފައިވާ ކަމަށެވެ.