މި ފަހުން ހުޅަނގު އައްސޭރީގައި އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނަތައް ވަނީ ގެއްލިފައެވެ. ހާލަތު އިތުރަށް ގޯސްވެ، ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރު އޮތުމުން އާންމުންގެ ރައްކާތެރިކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ރޭ ޖެނިން ރެފިއުޖީ ކޭމްޕަށް އެއްގަމާއި ވައިގެ މަގުން ގިނަ އަދަދެއްގެ ހަމަލާތަކެއް އިޒްރޭލުން ދިނެވެ. ހަމަލާތަކުގައި ދެ ކުޑަކުދިންނާއެކު ހިމެނޭހެން 10 މީހަކު ވަނީ މަރުވެފައެވެ. ރާމައްލޯ ކައިރީގައި އިޒްރޭލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ އިތުރު މީހަކު މަރާލައިފިކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. ޖެނިންގެ މޭޔަރު ނިދާލް އޮބައިދީ ސިފަކުރެއްވި ގޮތުގައި އެ ހަމަލާއަކީ ބޮޑު "ޖަރީމާ" އެކެވެ. އެއީ އެ ސިޓީ އާއި ރެފިއުޖީ ކޭމްޕުގެ ދިރިއުޅުން ހަލާކުކޮށްލަން ދިން ހަމަލާއެކެވެ.

"މިހާރު ޓާގެޓް ކުރާ ހަމައެކަނި ހަނގުރާމަވެރިންނަކަށް ނޫން، އާންމުން ވެސް މަރު އެބަވޭ." އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

https://twitter.com/AJEnglish/status/1675957584660951046?t=-gWU4lyq2nbYAdoof6P3XQ&s=19

ހަމާލާތަކުގެ ސަބަބުން ޖެނިންގައި ހުންނަ ރެފިއުޖީ ކޭމްޕުން ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފައެވެ. ގާތްގަނޑަކަށް 20،000 އެއްހާ މީހުން ދިރިއުޅޭ އާބާދީ ބޮޑު އެ ކޭމްޕަށް ހަމަލާ ދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބޭނުންކުރަނީ ޑްރޯން އާއި ރޮކެޓެވެ. އުމްރާނީ އެތައް ވަސީލަތްތަކަކަކަށްވެސް ގެއްލުންތަކެއް ދީފައިވެއެވެ.

ޖެނިން އަކީ އިސްރާއީލުގެ ވެރިކަމާ ދެކޮޅަށް ދެކޮޅު ހެދުމުގެ ފޯކަލް ޕޮއިންޓަކަށް ވާއިރު، މީގެ ކުރިން ވެސް ޖެނިން އަށް ވަނީ ނުރައްކާތެރި އެތައް ހަމަލާއެއް ދީފައެވެ. މިފަހުން މި ދިން ހަމަލާގެ ދެ ހަފުތާ ކުރިން ފަލަސްތީނުގެ ހަތް މީހަކު މަރާލި ހާދިސާވެސް ހިމެނެއެވެ.

https://twitter.com/m7mdkurd/status/1675878580805414912?t=FTREFyCLYqUvngzjkgLM5A&s=19

އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޯހެން ވިދާޅުވީ މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން، ހުޅަނގު އައްސޭރީގެ އެހެން ހިސާބުތަކަށް ފުޅާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް ރެފިއުޖީ ކޭމްޕް ކައިރީގައި އިޒްރޭލު ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް އަދިވެސް ދަނީ ހިނގަމުންނެވެ. އެހެންކަމުން އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވަން ނިންމާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ ޖެނިންގެ މިސްކިތެއްގެ ތެރޭގައި ހިމާޔަތް ހޯދާފައެވެ. ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅުން ހުރި މީހުން ހައްޔަރު ކުރެވެންދެން އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުން ބުނެއެވެ. އޮޕަރޭޝަން ނިންމުމަށް އަދި ގާތްގަނޑަކަށް 24 ގަޑިއިރު ނަގާނެ ކަމަށް ބެލެވެއެވެ.

https://twitter.com/ytirawi/status/1675986436753879047?t=Oyn3_A3LaOyqr3ZNSM2Plg&s=19

ޖެނިންގައި މަރުވި ދެ ޒުވާނުންނަކީ އުމުރުން 15 އަހަރުގެ ނޫރުއްދީން ހުސާމް ޔޫސުފް މާޝައުދާއި އުމުރުން 17 އަހަރުގެ މަޖުދީ ޔޫނުސް ސައުދު އަރަރާވީއެވެ. ހޯމަ ދުވަހު މަރުވި މީހުންގެ ތެރޭގައި އުމުރުން 23 އަހަރުގެ މުހައްމަދު މުހަންނާދު އަލް ޝާމީ ކިޔާ މީހަކުވެސް ހިމެނެއެވެ.

ޖެނިންގައި ހިނގި ހާދިސާތައް ކަވަރު ކުރަމުން ދަނިކޮށް އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަތް ބައެއް ނޫސްވެރިންވެސް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖެނިންގެ ހާލަތަކީ އެ ހަރަކާތްތައް ކަވަރުކުރާ ނޫސްވެރިންނަށްވެސް ނުރައްކާތެރި ހާލަތެކެވެ. އަލް އަރަބީ ޓީވީ ޗެނަލްގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު ޝެހާދޭހް ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ބަޑީގެ ހަމަލާއެއްގައި އޭނާގެ ކެމެރާ ހަލާކުކޮށްލާފައިވާ ކަމަށެވެ. އޭނާ އާއި އިތުރު ހަތަރު ނޫސްވެރިއަކު ކޭމްޕެއްގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ތާށިވިއެވެ. އެ މީހުން ސަލާމަތްކުރީ ރެޑް ކްރެސެންޓުންނެވެ.

https://twitter.com/Timesofgaza/status/1675963289426182144?t=PQG75A9-k1-iVu5aECUyXA&s=19

ޖެނިންއަށް އިސްރާއީލުން ދިން ހަމަލާތައް ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާއިރު، ގިނަ ގައުމުތަކާއި ޖަމިއްޔާތަކުން ވަނީ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ތުރުކީގެ ހާރިޖީ ވުޒާރާއިން މި ހަމަލާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ނުތަނަވަސްކަން އިތުރުވުމުގެ ސަބަބުން ހަމަނުޖެހުންތަކުގެ އިތުރުވެދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވަނީ އިޒްރޭލުން ޖެނިން އަށް އަރައިގަތުމަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ލޭބަލްކޮށްފައެވެ.

https://twitter.com/hzomlot/status/1675953791806390285?t=ZluRBZ4UFEMEMGzqnXiKuQ&s=19

ގަތަރުން ވަނީ އިޒްރޭލުން ހިންގާ "ފާޅުކަން ބޮޑު" އަމަލުތަކުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށް، ބައިނަލްއަގްވާމީ މުޖުތަމައުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެފައެވެ.

އުރުދުންއިން ވަނީ މިއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަލައި އެކަން ކުށްވެރިކޮށްފައި ވާއިރު، މިސްރުން ވަނީ އެކަމުގެ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ދީ، ބައިނަލްއަގުވާމީ ފަރާތްތަކުން ނުފޫޒު ފޯރުވުމަށް ގޮވާލައިފައެވެ.

އދ.ގެ މެދުއިރުމަތީގެ މަންދޫބު ޓޯ ވެންސްލޭންޑް ވަނީ މިހާލަތަކީ ވަރަށް ނުރައްކާތެރި ހާލަތެއްކަމަށް ސިފަކުރައްވައި އާންމުންގެ ޙިމާޔަތަށް ގޮވާލައްވާފައެވެ.

އެކަމަކު އިޒްރޭލަށް ވާގިވެރިވާ އެމެރިކާއިން ބުނީ ހަމާސް އާއި ފަލަސްތީނު އިސްލާމިކް ޖިހާދު ފަދަ ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލުގެ ސަލާމަތާއި ރައްޔިތުން ދިފާއުކުރުމުގެ ހައްގަށް އެމެރިކާ އިން ތާއީދުކުރާ ކަމަށެވެ.

ޖެނިން ރެފިއުޖީ ކޭމްޕަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ. ނަބްލުސްގައި ވެސް މިފަދަ ހަމަލާތަކެއް ވަނީ ފެނިފައެވެ.