ވެހިކަލްތަކުގައި ރޯކުރަނީއެވެ. ފިހާރަތައް ލޫޓުވާލައިފިއެވެ. އިމާރާތްތަކަށް ގެއްލުންދެނީއެވެ. ބަހާއި ޓްރޭމްގެ ހިދުމަތްތަކަށްވެސް ބުރޫ އަރައިފިއެވެ. ބައެއް އަވަށްތަކުގައި ކާފިޔު ހިންގަނީއެވެ. މިއީ މިވަގުތު ފްރާންސް ސިފަކޮށްދެވޭނެ އެންމެ ފުރިހަމަ ގޮތެވެ. ޔޫރަޕްގެ އެންމެ ބޮޑު އެެއް ބާރުގެ ތެރޭ ހިމެނޭ ފްރާންސް އޮތީ ދާހީލި ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ.

މިހާ ހިސާބަށް ދިޔައީ ކީއްވެ؟

ހުރިހާ ކަމެއް ފެށުނީ އުމުރުން 17 އަހަރުގެ ނަހޭލް މަރާލުމުންނެވެ. އޭނާ މަރުވީ ފުލުހަކު ދިން ބަޑީގެ ހަމަލާއެއްގައެވެ. މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާއްމުވިއެވެ. އެތައް ބަޔަކު ރުޅިއައި މި ވީޑިއޯ އިން އެންމެ ފުރަތަމަ ފެންނަނީ ފުލުހުންގެ ދެ އޮފިޝަލަކު ނަހޭލްގެ ކާރު ކައިރީ ހުއްޓިގެން ތިބޭ ތަނެވެ. އެއް އޮފިސަރަކު ކުއްލިއަކަށް ނަހޭލްގަޔަށް ބަޑި ޖަހައެވެ.

https://twitter.com/cold957/status/1674869818153918477?s=46&t=M9M5hUKhSMLW6TzFVtCYOQ

އޮފިސަރު ބުނާ ގޮތުން ބަޑި ޖެހީ "އެ ކުއްޖާގެ (ނަހޭލް) ކާރުން މީހެއްގެ ގައިގައި ޖެހިދާނެ ކަމުގެ ބިރު އޮތުމުން" އެވެ.

ނަންޓޭސްގެ ޕްރޮސެކިއުޓަރު ޕްރާޗޭ ވިދާޅުވީ އެ އޮފިސަރު ހަތިޔާރު ބޭނުންކުރުމުގައި އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ މީހަކު މެރުމުގެ ދައުވާއެވެ.

https://twitter.com/channel4news/status/1675510405651746818?s=46&t=M9M5hUKhSMLW6TzFVtCYOQ

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ނަހޭލްގެ މަރާއެކު މުޅި ފްރާންސުގައި މުޒަހަރާތައް ފެެށުނެވެ. ހާލަތު ކޮންޓްރޯލް ކުރުމަށް ޕެރިހުގައި އެކަނިވެސް ސަލާމަތީ ބާރުތަކުގެ 5،000 އެއްހާ އޮފިސަރުން ހަރަކާތްތެރި އެބަ ވެއެވެ. ފުލުހުންނަށް ނުކިޔަކަމަންތެރިވާ މީހުން ވަގުތުން ހައްޔަރުކުރުމުގެ ހުއްދަ ފްރާންސްގެ ދާހިލީ ވަޒީރު ޖެރާޑް ޑާމަނިން ދިނުމުން ހާލަތު ގޯސްވެފައި އޮތް މިންވަރު އެނގޭއެވެ. މި ވަގުތާ ހަމަޔަށް 600 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި ނަހޭލް މަރާލާފައިވަނީ އޭނާގެ ނަސްލުގެ ސަބަބުންނެވެ. އެއީ ނަސްލުގެ ތަފާތުކުރުން އޮންނަ މިންވަރު ސާފުވާކަމަށްވެސް އެ މީހުން ބުނެއެވެ. އަދި ނިކަމެތި މުޖުތަމައުތަކާ މެދު ފުލުހުން ގެންގުޅޭ ތަފާތުކުރުންތައް އެކަމުން ހާމަވާ ކަމަށްވެސް އެކްޓިވިސްޓުން ބުންޏެވެ.

https://twitter.com/nowvideonetwork/status/1675705079737753600?s=46&t=M9M5hUKhSMLW6TzFVtCYOQ

ފްރާންސުގެ ކަޅު ނަސްލުގެ ގިނަ ބަޔަކު ބުނާގޮތުން ދޮން މީހުނަށްވުރެ ފުލުހުންގެ އަނިޔާވެރިކަން ތަޖުރިބާކުރުމުގެ ފުރުސަތު އެ މީހުންނަށް ބޮޑެވެ. އަސާސީ މިނިވަންކަން ބަލަހައްޓާ ޖަމިއްޔާއެއް ކަމަށްވާ އިމްތިޔާޒުސް ޕްރޮޓެކްޓާސް އިން މި ފަހުން ނެރުނު ރިޕޯޓެއްގައި ބުނީ ފުލުހުން އާއްމުކޮށް ކަޅު ނަސްލުގެ ނުވަތަ މެދުއިރުމަތީގެ ޒުވާނުންގެ މަގުމަތިން ހުއްޓުވާވަރު އިތުރު ކަމަށެވެ. އެހެން ނަސްލުތަކަށްވުރެ މި ދެ ނަސްލަށް ފުލުހުން މާ ބޮޑު ސަމާލުކަމެއްދެއެވެ.

ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކައަކީ ޒަމާނުއްސުރެ ފްރާންސުގައި އޮތް ކަންބޮޑުވުމެކެވެ. ވަކިން ހާއްސަކޮށް ރައީސް މެކްރޮންގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބާރުގެ ބޭނުން މާ ބޮޑަށް ކުރާ ކަމަށް ބުނެ ޔޫރަޕިއަން ޗެމްބަރުންވެސް ވަނީ ފާޑުކިޔާފައެވެ.