އިއްޔެ ލައިވްޓީވީގައި ރާއްޖޭގެ ކުރީގެ ގައުމީ ޓީމުގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ވަނީ ގައުމީ ޓީމަށް ދިމާވެފައިވާ މައްސަލަތަކުގައި އޭނާ ދެކޭ ދެކުން ހާމަކޮށްފައެވެ. ގައުމީ ކޯޗާއި، ކުޅުންތެރިންނާ ހިސާބުން ނިންމާލެވޭނެ ކަމެއް ނޫންކަމަށް ބުނަމުން ސޮބާވަނީ މައްސަލައިގެ އެންމެ އަޑިއަށް ފީނާ، މުޅި ދިވެހި ފުޓުބޯޅައިގެ ސިސްޓަމްގައި ހުރި ބޮޑެތި ގޯސްތައް ފާހަގަކޮށްފައެވެ.
އެކަމަކު ވަކި ހިސާބަކުން ސޮބާގެ ވާހަކަ ނުހިފެހެއްޓި ފަޅައިގެން ދިޔައީއެވެ. ފަހަރަކު ވާހަކައެއް، ހިތްދަތިކަމުގެ އުދާސްތައް ބޭރު ކުރަމުން ގޮސް، ނުދައްކަން ހުރި ވާހަކަ ވެސް ދެއްކުނީއެވެ. ލައިވް ޓީވީގައެވެ. އަދި ދައުލަތުގެ މީޑިއާގެ ލައިވް ޝޯ ތެރެއިންނެވެ. އެތައް ބަޔަކު ބަލައި، އަޑު އަހަން ތިބޭނެއެވެ. ގިނަ ވާނީ ސޮބާގެ ވާހަކައަށް އެއްބަސްވާ މީހުންނެވެ.
"މިވާހަކަ ފަހަރުގައި ގަބޫލު ނުކޮށްފާނެ ބަޔަކު. ހަގީގަތުގައި މި ހާލަތު ގޯސްވެގެން މިދިޔައީ ކުޅުންތެރިންގެ މައްސަލައަކުން ނޫން. މައިގަނޑު މީގެ އޮނިގަނޑު، ފުޓުބޯޅައިގެ ސްޓްރަކްޗާ، ފައިނޭންޝިއަލީ ކްލަބްތަކުގެ ކޮލިޓީއާއި އެހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ކުޅުންތެރިންގެ ގައިގައި ހުނަރު ނެތީކީއެއްވެސް ނޫން އަދި އޭއެފްސީކަޕުގައި ވެސް ވާދަނުކުރާތީއެއް ނޫން،" ޖަޒުބާތީ ރާގަކަށް ސޮބާ އޭނާގެ ވާހަކަތައް ހިއްސާކުރަމުން ބުންޏެވެ.
އިއްޔެއަކީ ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ލަދުވެތި ދުވަހެކެވެ. ސަރަހައްދީ ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވިފައި އޮތް ރާއްޖެ އަތުން ފަސޭހަކަމާއެކު ރޭންކިންގްގެ ވެސް މާ ފަހަތުގައި އޮތް ބަންގްލަދޭޝް މޮޅުވީއެވެ. މެޗުގެ އެނަލިސިސް ހެދުމަށާއި ކަވަރު ކުރަން ގޮސް ތިބި ބައިނަލް އަގުވާމީ ނޫސްވެރިން ވެސް ރާއްޖެއާ މެދު ދެކުނު ގޮތް ބަދަލުކޮށްލީއެވެ.
ސާފް ޗެމްޕިއަންޝިޕަށް އެއްވެސް ވާދަވެރި މެޗެއް ނުކުޅެ ނުކުތް ރާއްޖެ މުބާރާތަށް ނުކުތް ނަމަވެސް ޓީމާއި ދޭތެރޭ އުންމީދެއް އޮތެވެ. އެކަމަކު ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި މުޅި ޓީމުގެ ތައްޔާރީތަކާއި ފެންވަރު ތަސައްވަރުކޮށްލެވުނެވެ. ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މެޗަށްފަހު "އުފާކުރާށޭ" ބުނި ނަމަވެސް ފުޓުބޯޅަ ބަލައި މީހަކަށް އިއްޔެ ފެނުނު މަންޒަރު މާ ކުރިޔާލައި ފެންނާނެއެވެ. ކުޅުމެއް ނެތި އެ ދުވަހު ލިބުނު މޮޅާއެކު އުފާކުރަން ގިނަ ދިވެހިން އެދުވަހު ބޭނުން ނުވީވެސް އެ ސަބަބާ ހެދިއެވެ.
އެކަމަކު މިކަން ކުޅުންތެރިންނާ ހިސާބުން ނިންމާލެވިދާނެބާއެވެ. ނޫނީ ކޯޗު ބޮލަށް ޖަހާލައި އެހެން ގައުމެއްގެ މީހަކު ރާއްޖޭގެ މުޅި ފުޓުބޯޅަ ހަލާކުކޮށްލި ކަމުގެ ޒިންމާ އަޅުވާ އޭނާ ފޮނުވާލުން އެއީ ހައްލުތޯއެވެ.
[caption id="attachment_53998" align="alignnone" width="2560"] ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރިމެޗުގެ ތެރެއިން: މެޗުން ބަންގްލަދެޝް މޮޅުވީ 1-3 ގެ ނަތީޖާއަކުން — ފޮޓޯ:މުހައްމަދު އަފްރާހް/ހަތާވީސް[/caption]
ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ، ސަރަހައްދީ މުބާރާތް ފުރަތަމަ ފަހަރަށް ރާއްޖެއަށް ހޯދައިދިނުމުގައްޔާއި، ސަރަހައްދީ ގަދަބާރެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރި މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރި ސޮބާގެ ވާހަކައިގައި ރޭ ދެން އޭނާ ފާހަގަކުރީ ގިނަބަޔަކު ގަބޫލު ކުރި ނަމަވެސް ނުދައްކާއޮންނަ ވާހަކައެކެވެ.
"މިވާހަކަ ދައްކާ ދައްކާ ދައްކާ މުޅިން ގޯސްވެއްޖެ. މިކަމަށް އެއްވެސް ހެޔޮ ބަދަލެއް، ކުލަބުތަކުގައި ތިބިވެރިން ވެސް އެބަ ޖެހޭ މިއަށް ވިސްނަން. އެމީހުންގެ އަމިއްލަ ޖީބަށް އެ އަންނަ ލާރިކޮޅުގެ ބަދަލުގައި ހަގީގަތުގައި އެމީހުން އެބަ ވިސްނަންޖެހޭ މިކަންކަމާ. އެ ނޫން ގޮތަކަށް މިކަމެއް ނުވާނެ ރަނގަޅެއް،"
[caption id="attachment_53997" align="alignnone" width="2560"] ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރިމެޗުގެ ތެރެއިން: މެޗުން ބަންގްލަދެޝް މޮޅުވީ 1-3 ގެ ނަތީޖާއަކުން — ފޮޓޯ:މުހައްމަދު އަފްރާހް/ހަތާވީސް[/caption]
ދެވަނަ ޑިވިޝަނުގައި މިހާރު އޮތް ވިކްޓަރީގެ ކޯޗުކަމާއި ވެސް ހަވާލުވެ ހުރި ސޮބާ ބުނި ގޮތުގައި ގައުމީ ފުޓުބޯޅަ ޓީމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ފުޓުބޯޅަ ކުޅޭ ކުދިންނަށް ނުކުޅެވޭތީ ނުވަތަ ނަތީޖާ ނުނެރެވޭތީ އެކުޅުންތެރިން ގޯސްކޮށްގެން ވާން ނެތް ކަމަށާއި، އެންމެ މަތިފަޑިން ފެށިގެން ތިރިއާ ހަމައަށް ހުރި ގޯސްތައް ރަނގަޅުކޮށްގެން ނޫނީ އެ ކުޅުންތެރިންގެ ބޭނުން ނުހިފޭނެ ކަމަށެވެ. އަދި ކޮންމެ ޓީމަކަށް ކުޅުނަސް ގައުމީ ޓީމުން ފުރުސަތު ލިބިއްޖެ ނަމަ އެކުޅުންތެރިޔަކު އެ ޓީމަށް ކުޅެން ބޭނުންވާނެ ކަމަށާއި، އެހެން ކަމުން އެ ކުޅުންތެރިން ގެންގޮސް ބަލިވުމުން ދިމާކުރަންވީ ކުޅުންތެރިންނަށް ނޫން ކަމަށް ސޮބާ ބުންޏެވެ.
"ކުދިންނާ ދިމާލަށް މިއަދު ނެތް އަޅުގަނޑުމެންނަށް އެކުދިން ބްލޭމް ކުރެވޭކަށް. ކޮންމެ ކުއްޖަކަށް ގޮވާލިޔަސް، ލީގު ކުޅުނަސް ނުކުޅުނަސް ގައުމީ ޓީމަށް ދާހިތްވާނެ އެކުދިން. އެހެންވީމާ އެކުއްޖާ ނަގައިގެން އެވާހަކަ ދައްކަން ތިބުމުގެ ބަދަލުގައި އެކަން ކުރުވަން ތިބިބަޔަކު ދޯ ޒިންމާވާން މިޖެހެނީ."
އިއްޔެ ބަންގްލަދޭޝް އަތުން ރާއްޖެ ސާފް ޗެމްޕިއަންޝިޕުގައި ވީ ބައްޔަކީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ގައުމުން ރާއްޖެ މި މުބާރާތުގައި ބަލިކުރި ފުރަތަމަ ފަހަރެވެ. އެ ފަހުން ރާއްޖެއިން މި ކުޅުނު ގިނަ ސާފް މުބާރާތްތަކުގައި ފަސޭހަކަމާއެކު ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ފަދަ ޓީމުތަކުން އައީ ބަލިކުރަމުންނެވެ. އެހެން ނަމަވެސް އިއްޔެގެ މެޗަށް ނުކުތް އިރުވެސް ގިނަބަޔަކަށް ރާއްޖެ ބަލިވާނެ ކަމުގެ ކޮޅުމަތި ފެންނަން އޮތެވެ. ޙާއްސަކޮށް މެޗުގެ އެނަލިސިސް ހަދަން ގޮސް ތިބި ބައިނަލް އަގުވާމީ ނޫސްވެރިންގެ ފަރާތުން ވެސް އެކަން އެ މީހުން ގަބޫލުކުރާކަން ފެނުނެވެ.
"ކުރިން ފެނުނު ރާއްޖެއެއް ނޫން މިއީ. އެމީހުން އޭރު މާ ވަރުގަދަ. އައު ކޯޗަކާއި އައު ކުޅުންތެރިންތަކެއް ލައިގެން މިހާރު މިއޮތީ މުޅިން ތަފާތު ރާއްޖެ ޓީމެއް." ނޭޕާލްގެ ކުޅިވަރު ކަވަރު ކުރަން ތިބި ނޫސްވެރިން އިއްޔެ ބަންގްލަދޭޝް މެޗުގެ ކުރިން ދިވެހި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
މިކަންކަމުން ވެސް ދޭހަވާ އެއްކަމަކީ މިއީ ދިވެހި ފުޓުބޯޅަ އޮންނަންޖެހޭ ހިސާބު ނޫންކަމެވެ. ފުޓުބޯޅައަށް އާދަޔާ ހިލާފު ފޯރިއެއް އޮންނަ މި ރާއްޖޭގެ ފުޓްބޯޅަ މި ދަނީ އުންމީދު ކުރި ހިސާބަކަށް ނޫނެވެ. މާ ފަހަތަށް ސޮއްސާލައިފިއެވެ.