މާދަމާ އިންޑިއާގެ ބެންގަލޫރުގައި ފަށާ، ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ވާދަކުރަން އޮތް ޕާކިސްތާންގެ ގައުމީ ޓީމަށް މެޗު ކުޅޭ ގަޑިއަށް ދަނޑަށް ނުދެވިދާނެކަމުގެ ބިރު ބޮޑުވެ، މެޗު ފަސްކޮށްދިނުމަށް އެދެފިއެވެ.

މޮރިޝަސްގައި ކުޅުނު އެކުވެރިކަމުގެ ފޯ ނޭޝަންސް ކަޕަށްފަހު ޕާކިސްތާން ސާފަށް އަންނަ އިރު، އެ ޓީމަށް އިންޑިއާގެ ވިސާ ލިބިފައިވަނީ މިއަދުއެވެ. އެއާއެކު އިންޑިއާއަށް ދަތުރު ކުރުމަށް އެ ގައުމުން ތައްޔާރީތައް ފަށާފައިވާ އިރު، އެ ޓީމަށް އާދެވެން އޮތީ މާދަމާގެ މެންދުރު އެވެ. އެހެންކަމުން މާދަމާ އިރާކޮޅު އޮންނަ މެޗާ ދޭތެރޭ ޕާކިސްތާނަށް މެޗަށް ދިއުމަށް ލިބޭނީ މަދު ވަގުތު ކޮޅެކެވެ.

ޕާކިސްތާން ޓީމުން ފަހުވަގުތާ ޖެހެންދެން ވިސާ ނުލިބި މަޑުކުރަން ޖެހުމާއެކު ޝަކުވާތައް ހުރި ނަމަވެސް މެޗަށް ހާޒިރު ނުވެއްޖެ ނަމަ އޮތީ ވިސާ ކެންސަލް ވާގޮތަށެވެ. އެއާއެކު ޕާކިސްތާނަށް މުބާރާތުގައި ވާދަކުރާނަމަ ގަޑިއަށް ދަނޑަށް ހާޒިރުވާން އޮތީ މަޖުބޫރުވެފައެވެ.

މޮރިޝަސްގައި ޕާކިސްތާނުގެ ގައުމީ ޓީމާއި އޮފިޝަލުންގެ ޓީމާއެކު ޖުމުލަ 32 މީހުން އެބަ ތިއްބެވެ. އެހުރިހާ އެންމެން އިންޑިއާއަށް އަންނަން އެއް ފްލައިޓަކުން ޖާގަ ނުލިބުން ކަމަށް ޕާކިސްތާނުން މިއަދު ބުނެފައިވާއިރު، ބައެއް ކުޅުންތެރިންނަށް މެޗުގެ ކުރިން ދަނޑަށް ނުދެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި މި ޝަކުވާތަކާއެކު މެޗު ފަސްކޮށްދޭން މިހާރު ޕާކިސްތާން ޓީމުން ވަނީ ސާފަށް ހުށައަޅާފައެވެ. ޕާކިސްތާނުގެ ހުށަހެޅުމާމެދު ސާފުން ބުނެފައިވަނީ މުބާރާތުގައި ވާދަކުރާ އަނެއް ހަތް ޓީމާއި ސްޕޮންސަރުންނާއެކު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.

ޕާކިސްތާނަށް އިންޑިއާއަށް މުބާރާތް ކުޅެން ދިއުމުގެ ހުއްދަ މިދިޔަ ހަފުތާގެ ތެރޭގައި ދީފައިވާއިރު، ޕާކިސްތާންގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ އިންޑިއާއިން ހުއްދަ ދިނުމުން އެކަން ބަލައިގަނެ ޓީމު މުބާރާތަށް ފޮނުވަން ނިންމައިފައެވެ. އެކަމަކު ވިސާ ހޯދުން ލަސްވެގެން ދިޔައީ މޮރިޝަސްގައި ހުންނަ އިންޑިއާ އެމްބަސީ ހަފުތާ ބަންދަށް ބަންދުކޮށްފައި ހުރުމުން ކަމަށް ޕާކިސްތާނު ޓީމުން ބުނެއެވެ.