ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތަށް ބާކީ މި އޮތީ ފަސްވަރަކަށް ދުވަހެވެ. މުބާރާތުގައި ވާދަކުރާ އަށް ގައުމުވެސް އެކި ފެންވަރުގައި މުބާރާތަށް އަންނަނީ އެންމެ މަތީ ގިޔަރުގައި ތައްޔާރުވަމުންނެވެ. އެއްބައި ޓީމުތަކުން ގައުމުން ބޭރުގައި ތަމްރީންތައް ހަދަމުން އަންނަ އިރު، އަނެއްބައި ގައުމުތަކުން އަންނަނީ ވާދަވެރި ވަރުގަދަ މުބާރާތްތައް ކުޅެ ތަޖުރިބާ ހޯދަމުންނެވެ.
ކުރިޔާލައި މުބާރާތަށް ޓީމުތަކުން ތައްޔާރުވަމުން އަންނަ އިރު އެހެން ފަހަރުތަކާ މިފަހަރުގެ މުބާރާތް ތަފާތުވާނެއެވެ. ސާފުން ބޭރު ދެ ޓީމު ކަމަށްވާ ލެބަނަންއާއި ކުވައިތު ވެސް ބައިވެރިވާ އިރު ޓީމުތަކުން މުބާރާތަށް ވެފައި ހުރި ތައްޔާރީތައް ސާފުގެ މެޗުތަކުން ވަޒަންކޮށްލެވޭނެއެވެ.

އެގޮތުން ބަލާއިރު، އެންމެ ފަހުން މުބާރާތް ބޭއްވި ރާއްޖެއިން ސާފަށް ތައްޔާރުވާތާ ދުވަސްތަކެއް ވެއްޖެއެވެ. ގައުމީ ސްކޮޑު އެކުލަވާލައި މިދިޔަ މަހުގެ ތެރޭގައި ޕްރެކްޓިސްތައް ފަށައިގެން އިރު، ކުރީ ފަހަރުގެ ސްކޮޑުގައި ހިމެނުނު މުހިއްމު ބައެއް ކުޅުންތެރިން ސްކޮޑުގައި މިފަހަރު ނެތެވެ. އެއާއެކު މުޅިން އަލަށް ޓީމުގައި ވެސް ހިމެނުނު ބައެއް ކުޅުންތެރިންނާ އެކު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ނެގި ނިންމުމަކީ ޖަޕާނަށް ތަމްރީން ހޯދަން ދިއުމެވެ.

https://twitter.com/hathavees/status/1671011482321195008?s=20

މި މަހުގެ ހަވަނަ ދުވަހު ޖަޕާނަށް ތަމްރީން ހެދުމަށް ގައުމީ ސްކޮޑު ފުރި އިރު، އެގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންއާއި ގުޅިގެން އެކުވެރިކަމުގެ މެޗެއް ކުޅޭނެ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް އިއްޔެ ޓީމުން އެގައުމުގެ ކޭމްޕް ނިންމާލީ އެއްވެސް މެޗެއް ނުކުޅެއެވެ. އެހެން ކަމުން ރާއްޖޭގެ ޓީމުން ސާފަށް ނުކުންނާނީ ވާދަވެރި ބޮޑު މެޗެއް ނުކުޅެއެވެ. ކުޅުނު ހަމައެކަނި މެޗަކީ ރާއްޖޭގެ ޕެލޭ ސްޓޭޑިއަމް ހުޅުވަން އދ. މަހިބަދޫން ހޮވާލެވުނު ޓީމަކާ ދެކޮޅަށް ކުޅުނު މެޗު އެކަންޏެވެ.

މުބާރާތާއި ދެމެދު ބާކީ ހައެއްކަ ދުވަސް އޮތް އިރު، ލަންކާ މަގުން ރާއްޖެ ވަނީ ބެންގަލޫރަށް ދަތުރު ކޮށްފައެވެ. އެކަމަކު ބާކީ މިއޮތް ދުވަސްކޮޅުގައި ވަރުގަދަ މެޗެއް ރާއްޖެއަށް ކުޅެން ލިބޭނެ ކަމުގެ އެއްވެސް ކަހަލަ ސިގްނަލެއް އެފްއޭއެމުން ދީފައެއް ނުވެއެވެ. މިއީ ގައުމީ ޓީމުން މުބާރާތަށް ތައްޔާރުވުމުގައި ދިމާވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖެއިން ޖަޕާނުގައި ތަމްރީންތަކެއް ހަދަމުން އައި އިރު، މުބާރާތް ބާއްވާ އިންޑިއާއިން އަންނަނީ އަމިއްލަ ގައުމުގައި ފޯ ނޭޝަންސް މުބާރާތެއް ކުޅެ ތަޖުރިބާ ހޯދަމުންނެވެ. އެގޮތުން އެ މުބާރާތުގައި އެ ޓީމު މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އިންޑިއާ ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. މޮންގޯލިއާ އަތުން 2-0 އިން މޮޅުވިއިރު ވަނުއާޓޫ އަތުން މޮޅުވީ 1-0 އިންނެވެ. ލީގު ބުރުގެ ފަހު މެޗުގައި އެޓީމް ރޭ ލެބަނާންއާ ވާދަކޮށް އެއްވަރުވީ 0-0 އިންނެވެ.

އިންޑިއާއާއިއެކު އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކުރާ ލެބަނަން އަކީވެސް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމެކެވެ. ލެބަނާން ކުޅުނު ފުރަތަމަ މެޗުގައި ވަނުއާޓޫ އަތުން 3-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި މޮންގޯލިއާއާ ވާދަކޮށް އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އިން އެއްވަރުވެގެންނެވެ. ރޭ އިންޑިއާ އަތުން އެއްވަރުވެ ފައިނަލުން އެ ޓީމަށް ވެސް ވަނީ ފުރުސަތު ލިބިފައެވެ.

މީގެ އިތުރުން ސާފުގައި ދެން ވާދަކުރާ ގައުމުތަކުގެ ތެރެއިން ޕާކިސްތާނުންވެސް އަންނަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ބައިނަލް އަގުވާމީ ފޯ ނޭޝަންސް ކަޕެއް ކުޅެމުންނެވެ. މޮރީޝަސްގައި ކުޅެމުން އަންނަ މި މުބާރާތުގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. މޮރީޝަސް އަތުން ޕާކިސްތާން ބަލިވީ 3-0 އިންނެވެ. ޕާކިސްތާން ގައުމީ ޓީމުން ސާފުގެ ކުރިން މި މުބާރާތުގައި ދެން ވާދަކުރާނީ ކެންޔާ އަދި ޖިބޫޓީއާއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ކުވެއިތުންވެސް ވަނީ މިދިޔަ ހޯމަ ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. ޒެމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމް މޮޅުވީ 3-0 އިންނެވެ.

ސާފްގައި ވާދަކުރާ ބާކީ އެހެން ޓީމުތަކަށް ބަލާލާއިރު، ބަންގްލަދޭޝް އާއި ނޭޕާލް އަންނަނީ ގައުމުން ބޭރުގައި ތަމްރީންތަކެއް ހަދަމުންނެވެ. އެގޮތުން ބަންގްލަދޭޝްއިން ކެމްބޯޑިއާގައި ތަމްރީން ހަދަމުން އަންނަ އިރު އެގައުމާ ދެކޮޅަށް މާދަމާ އެކުވެރިކަމުގެ މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. އަނެއްކޮޅުން ނޭޕާލް ވެސް މިއަދު ފިލިޕީންސްއާ ދެކޮޅަށް އެގައުމުގައި މެޗެއް ކުޅޭނެއެވެ.
ސާފްގައި ވާދަކުރާ ބޫޓާން ޓީމުން މުބާރާތުގެ ކުރިން ވާދަވެރި މެޗެއް ނުކުޅޭނެއެވެ. ރާއްޖެ އާއި ބަންގްލަދޭޝް އަދި ލެބަނަންއާއި އެއް ގުރޫޕެއްގައި އޮތް ބޫޓާން ފުރަތަމަ މެޗުގައި ވާދަކުރާނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ލެބަނަންއާއެވެ.