ތުރުކީގެ އާއްމު އިންތިހާބަކީ މިއަހަރު ދުނިޔޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެއީ ތުރުކީގެ ޑިމޮކްރަސީގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު "ހަނގުރާމައެއްގެ" ގޮތުގައި ބެލެވިފައިވާއިރު، މިއީ އޭނާގެ ވަރުގަދަ ޓެކްޓިކްސްގެ ސަބަބުން މަޝްހޫރު ޕޮޕިއުލިސްޓް ލީޑަރެއް ކަމަށްވާ ރަޖަބް ތައްޔިބު އުރުދުގާންގެ ވެރިކަމާ ބެހޭ ގޮތުން ނެގޭ ވޯޓެކެވެ. އިންތިހާބުގެ ނަތީޖާގެ ސަބަބުން ދުނިޔޭގެ މައިދާނުގައި ތުރުކީގެ ނުފޫޒުގަދަ ދައުރަށް ވެސް ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
ވޯޓުގައި ވީ ކިހިނެއް؟
މިދިޔަ އާދީއްތަ ދުވަހު ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ވަނީ ބާއްވާފައެވެ. 600 ގޮނޑި ހިމެނޭ ޕާލަމެންޓުގައި އުރުދުއާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އާއި އެ ޕާޓީގެ ބައިވެރިންނަށް ވަނީ 321 ގޮނޑި ލިބިފައެޗެ. އިދިކޮޅު ޕާޓީތަކަށް 213 ގޮނޑި ލިބުނުއިރު ބާކީ 66 ގޮނޑި ލިބުނީ ކުރުދީންނަށް ތާއީދުކުރާ ކޯލިޝަނަކަށެވެ. އެކަމުން ދޭހަވަނީ އޭކޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ބޮޑު އަގުލަބިއްޔަތެއް ހޯދިއިރު، ކުރީގެ އިންތިހާބާ އަޅާބަލާއިރު އިދިކޮޅު ފަރާތްތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ކަމެވެ

ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލުން ބުނީ ރިޔާސީ އިންތިހާބުގައ އުރުދުގާން އަށް ލިބިވަޑައިގެންނެވީ 49.51 އިންސައްތަ ކަމަށެވެ. އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކެމަލް ކިލިދަރޯގްލޫ އަށް ލިބިވަޑައިގަތީ 44.88 އިންސައްތަ ވޯޓެވެ. ފުރަތަމަ ބުރު ކާމިޔާބުކުރަން މަދުވެގެން 50 އިންސައްތަ ވޯޓު ހޯދަން ޖެހެއެވެ.

https://twitter.com/telescope_my/status/1658339227447205889

ވެރިކަމުގެ ބާރު ގަދަކުރެއްވި ނަމަވެސް ތުރުކީގެ އިގްތިސާދު ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް އުރުދުގާން ހެއްދެވިއެވެ. މިދިޔަ އަހަރު އިންފްލޭޝަން 80 އިންސައްތައަށް އަރާފައިވީ ނަމަވެސް އިންޓަރެސްޓް ރޭޓް ބޮޑުކުރަން އޭނާ ދެކޮޅު ހައްދަވާފައިވާއިރު، ހަގީގަތުގައި 100 އިންސައްތައަށްވުރެ މައްޗަށް ގޮސްދާނެ ކަމަށް މިނިވަން ތަޖުރިބާކާރުން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ތުރުކީގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، މުސްތަގުބަލާ މެދު ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ.

ދާދި ފަހުން އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރަޖަބް އުރުދުޣާން ދެއްކެވި ވާހަކަފުޅަކީ އިހުސާންތެރިކަމެއް ނެތް ވާހަކައެއް ކަމަށް ބެލެވެއެވެ.

https://twitter.com/dwnews/status/1658241677012742146

އިންތިހާބުގެ ނަތީޖާ ސައްހަ؟

އިދިކޮޅު ފަރާތްތަކުން ވަނީ އެ ޕާޓީ އަށް ބޮޑު ތާއީދެއް އޮތް ސަރަޙައްދުތަކުގައި ވޯޓު ގުނުމުގެ މަރުހަލާގެ އިންސާފުވެރިކަމާމެދު ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވޯޓު ގުނުމުގައި އިސްކަން ދީފައިވަނީ އުރުދުއާން އާއި އޭނާގެ ޕާޓީ އޭކޭޕީ އަށް ތާއީދުކުރާ ދާއިރާތަކުގައި ކަމަށާއި، އިދިކޮޅު ފަރާތްތަކުގެ ތާއިދު އޮންނަ ސަރަހައްދުތަކުގައި ވޯޓު ގުނުން ލަސްކުރި ކަމުގެ ތުހުމަތުތައް ކުރެވެއެވެ. އެ ތުހުމަތުތަކުގެ ސަބަބުން އިންތިހާބީ މަރުހަލާގެ ނަޒާހަތްތެރިކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދެއެވެ.

އިންތިހާބަށް ހަފްތާއެއް ވެފައި އޮއްވާ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ 45 ޕަސެންޓް ބޮޑުކުރުމާއި ކަރަންޓުގެ އަގު ހެޔޮކުރުމާއި ގުދުރަތީ ގޭހުގެ ސަޕްލައި ހިލޭ އެއް މަސް ދުވަހަށް ފޯރުކޮށްދިނުން ފަދަ ކަންތައްތަކަކީ ވޯޓު ހޯދުމަށް ކުރެއްވި މަސައްކަތްތަކެކވެ.