އަންގާރަ ދުވަހު، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރުގެ އިމްރާން ހާން ކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ. އިމްރާން ހައްޔަރު ކުރީ ޕާކިސްތާނުގެ އަސްކަރީ ބާރުތަކުންނެވެ. އެއާއެކު ފުލުހުންނާ އިމްރާންގެ ސަޕޯޓަރުންނާ ދެމެދު ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ.

އިމްރާނަށް ތުހުމަތު ކުރެވެނީ ވެރިކަމުގައި ހުންނެވިއިރު ބޭރުގެ ގައުމުތަކުން ސަރުކާރަށް ހަދިޔާކުރެއްވި ތަކެއް ވިއްކުމުގެ ތުހުމަތެވެ. އެ ތުހުމަތުތަކަށް އިމްރާން ވަނީ އިންކާރު ކޮށްފައެވެ. ފުލުހުންގެ ބަންދުގައި އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް އިމްރާނާ ހަވާލާދީ އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ. ވަކީލު ވިދާޅުވީ ކޯޓުގައި އިމްރާނާ ބައްދަލުވެވަޑައިގެންނެވިއިރު އަނިޔާކުރި ކަމުގެ ނިޝާންތައް ބޮލުން ފެންނަން ހުރި ކަމަށެވެ.

https://twitter.com/PostNirpakh/status/1656190597898678272

އިމްރާން ހައްޔަރުކުރީ ކޮރަޕްޝަންގެ އެހެން މައްސަލައެއްގައެވެ. އެއީ ގާނޫނާ ހިލާފަށް ގޯއްޗެއް ހޯދައި، އެ ބިމުގައި ޔުނިވާސިޓީއެއް އެޅި ކަމުގެ ތުހުމަތެވެ. އިމްރާންގެ ހައްޔަރާ އެކު ސަޕޯޓަރުންނާ ފުލުހުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ހޫނުވެ އަސްކަރިއްޔާގެ އިސްވެރިންގެ ގެތަކަށް ވަނީ ގެއްލުން ދީފައެވެ.

ޕެޝާވަރު ސިޓީގައި ހިނގި ހަމަނުޖެހުންތަކުގައި އިމްރާންގެ ސަޕޯޓަރުންގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ. އިތުރު 30 ވަރަކަށް މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިމްރާންގެ ސަޕޯޓަރުންތައް ވަނީ ޕިޝާވަރުގެ ގައުމީ ރޭޑިއޯ ސްޓޭޝަން ކަމަށްވާ ރޭޑިއޯ ޕާކިސްތާނުގެ މައި އޮފީހަށް ވެސް ހަމަލާދީފައެވެ. ޕިޝާވަރުގެ މަގުތަކުގައި ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ އެއްވެ ތިބި މީހުންނާ ދެކޮޅަށް ކަރުނަގޭސް ބޭނުންކޮށްފައެވެ.

https://twitter.com/shoaib100mph/status/1656211667795976193

ހަލަބޮލިކަން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން ވަނީ މޮބައިލް އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. އޭގެ ސަބަބުން 270 މިލިއަން މީހުން ދިރިއުޅޭ އެ ގައުމުގެ ޓްވިޓާ، ފޭސްބުކް އަދި ޔޫޓިއުބަށް މީހުން ވަނުން ވަނީ ހުއްޓިފައެވެ.

https://twitter.com/iihtishamm/status/1656213498370695171

ފުލުހުން ބުނީ ޕަންޖާބު ޕްރޮވިންސްގައި އިމްރާނަށް ތާއީދުކުރާ ގާތްގަނޑަކަށް 1000 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ 25 ކާރަކާއި ސަރުކާރުގެ 14 އަށް ވުރެ ގިނަ އިމާރާތުގައި ރޯކޮށްލާފައިވާތީ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާކިސްތާނުގެ ހަތަރު ޕްރޮވިންސްގެ ތެރެއިން ތިން ޕްރޮވިންސްގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ އެއްވުންތައް ބޭއްވުން މަނާ ކުރުމުގެ އަމުރެއް ނެރެފައެވެ.

އިމްރާންގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ކޯޓެއްގެ ބަދަލުގައި ޕޮލިސް ސްޓޭޝަނެއްގައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އިސްލާމްއާބާދަށް ވަންނަ ބޮޑު މަގެއް ވެސް ބަންދުކޮށްފައެވެ.

[caption id="attachment_51188" align="alignnone" width="824"] އިމްރާން ހާން ހައްޔަރުކޮށްގެން ގެންދަނީ[/caption]

ހުޅަނގު ދެކުނުގެ ސިޓީއެއް ކަމަށްވާ ކުއެޓާގައި އިމްރާނަށް ތާއީދުކުރާ މީހަކު މުޒާހަރާއެއްގެ ތެރެއިން ފުލުހުން ބަޑިޖަހައި މަރާލާފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ސީއެންއެންގެ ނޫސްވެރިޔަކު ވަނީ ރިޕޯޓްކޮށްފައެވެ.

އިމްރާން، މަގާމުން ދުރުކުރީ މިދިޔަ އަހަރު ޕާލަމެންޓުގައި ނެގި ވޯޓަކުންނެވެ. އޭގެ ފަހުން އޭނާ އިސްކޮށް ހުންނަވާ ބޮޑުވަޒީރު ޝަހުބާޒް ޝަރީފްގެ ސަރުކާރާ ދެކޮޅަށް އެކި ކަހަލަ ހަރަކާތްތައް ބާއްވަމުންނެވެ. އިމްރާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާ މަގާމުން ދުރުކުރީ އަސްކަރިއްޔާއާ ގުޅިގެން ސަރުކާރުންނެވެ.