ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ދުވަހަކުވެސް ހާޒިރުނުވެ މަގާމުން ވަކިކުރި ވާހަކަ އަޑު އެހިން ހެއްޔެވެ؟

ގިނަ ގައުމުތަކުގައި އަމަލުކުރާ އުސޫލުންނަމަ ޕާލަމެންޓަށް އިންތިހާބުވުމަށް ފަހު ޖަލްސާއަކަށް ހާޒިރުނުވިޔަސް އެ މެމްބަރެއްގެ މުސާރާ ހިނގައެވެ. ބަަރާބަރަށް ހިނގައެވެ. އެއީ އެ މެމްބަރަކީ ވަކި އަހަރުތަކަށް އައްޔަންކުރާ މީހަކަށް ވާތީއެވެ. އެކަމަކު ޖަޕާނުގައި މިކަން އޮންނަނީ މިހެނެއް ނޫނެވެ. މި ދައްކަނީ މެމްބަރަކަށް ހޮވިވަޑައިގަތް ފަހުން އެންމެ ދުވަހަކުވެސް މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވާތީވެ މެމްބަރުކަން ގެއްލުނި ޔޮޝިކަޒޫ ހިގާޝިތާނީގެ ވާހަކައެވެ.

މެމްބަރަކަށްވެ ވަޑައިގަތުމުގެ ކުރިން ޔޮޝިކަޒޫ މަޝްހޫރުވެފައި ވަނީ ޔޫޓިއުބް ގައި ސެލެބްރިޓީ ގޮސިޕްކުރާ މީހެއްގެ ގޮތުގައެވެ. ޔޫޓިއުބްގެ އޭނާ ހިންގަނީ "ގީސީ" ނަމަކަށް ކިޔާ ޗެނަލެކެވެ.

މަޖިލީހުގެ އަޕާހައުސްގެ މެމްބަރުކަމަށް ޔޮޝިކަޒޫ އިންތިހާބުވެވަޑައިގެންނެވި މީގެ ހަތް މަސް ކުރިންނެވެ. އިންތިހާބުވެވަޑައިގަތް ފަހުން އެންމެ ދުވަހަކުވެސް މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވާތީވެ މަޖިލީހުގެ ސުލޫކީ ކޮމެޓީން ވަނީ ޔޮޝިކަޒޫ މެމްބަރުކަމުން ވަކިކޮށްފައެވެ. މިއީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ލިބޭނެ އެންމެ ހަރުކަށި އަދަބެވެ.

1950 ވަނަ އަހަރު މިފަދަ ކަމެއް ވަނީ ދެ ފަހަރެއްގެ މަތިން ހިނގާފައެވެ. އެކަމަކު މިއީ ޖަލްސާތަކަށް މެމްބަރަކު ގާޒި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވުމުގެ ސަބަބުން ވަކިކުރި ފުރަތަމަ ފަހަރެވެ. ޗެމްބަރުން މި ނިންމުން ރަސްމީކޮށް މި ހަފުތާގެ ފަހުކޮޅު އިއުލާން ކުރާނެއެވެ.

"ނޯ ޝޯ އެމްޕީ" ގެ ނަމުން ނަން ދީފައިވާ މި މެމްބަރު ދިރިއުޅުއްވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކަމަށްވއެވެ. އޭނާ ޕާލަމެންޓަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައި ވަނީ މަކަރާއި ހީލަތުގެ ތުހުމަތުތަކާއި ސެލެބްރިޓީންގެ އަބުރުގެ ތުހުމަތުތަކާ ގުޅިގެން ހައްޔަރު ކުރެވިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެ އެވެ.

އޭނާއަކީ ސެއިޖިކާ-ޖޯޝީ-48 އިދިކޮޅު ޕާޓީން އިންތިހާބުވި ދެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިދިޔަ ހަފުތާގައި ޕާލަމެންޓުން ވަނީ ހާޒިރުނުވާތީވެ ޓޯކިޔޯއަށް ގޮސް މާފަށް އެދެން ފުރުސަތެއް ދީފައެވެ. ނަމަވެސް ޕްލެނަރީ ސެޝަނަށް އޭނާ ހާޒިރުވެވަޑައިނުގެންނެވިއެވެ.

އޭގެ ބަދަލުގައި އޭނާ ވަނީ ތުރުކީއަށް ދާކަން އޭނާގެ ޔޫޓިއުބް ޗެނަލްގައި އިއުލާނުކޮށްފަ އެވެ. އަދި ތުރުކީގެ ބިންހެލުމުގެ ރިލީފްއަށް އޭނާގެ މުސާރަ ހަދިޔާ ކުރަން އުޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ އެކުވެރިޔާ ހަމާދާ ސަޓޯޝީ ވިދާޅުވީ ހިގާޝިތާނީ ސެޝަންތަކަށް ހާޒިރު ނުވާތީ އޭނާ މަގާމުން ވަކިކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.