އާއްމު ގޮތެއްގައި އިނގިރޭސިވިލާތާ ރާއްޖެއާ ދެމެދު އެއްކޮޅު ޓިކެޓްގެ އަގު އުޅެނީ ހާހެއްހާ ޑޮލަރުގައެވެ. އަދި ދެކޮޅު ޓިކެޓް މާބޮޑަށްވެސް އަގުބޮޑުވެއެވެ. ކިރިޔާވެސް އަގު ހެޔޮކޮށް ޓިކެޓް ލިބެނީ އެކި ގައުމުތަކުގައި ޓްރާންސިޓް ކޮށްފައި ރާއްޖެއަށް އަންނަ ނަމައެވެ. އެކަމަކު އެވަރުންވެސް ޓިކެޓްގެ އަގުތައް ހީކުރާހާ ކުޑައެއް ނޫނެވެ. އެކަމަކު އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބް އެޑްކޮކް ރާއްޖެއަށް ދަތުރުކުރީ އެންމެ 133 ޕައުންޑަށެވެ.
އަގުހެޔޮކޮށް ތަންތަނަށް ދަތުރުކުރެވޭ ގޮތުގެ މައުލޫމާތުތައް ޓިކޮޓޮކްގައި ހިއްސާކުރާ ރޮބް ބުނިގޮތުން އޭނާ އެންމެ ފުރަތަމަ ދަތުރުކުރީ އިނގިރޭސިވިލާތުން އިޓަލީއަށެވެ. ލަންޑަނުން އިޓަލީގެ ނެޕްލްސް އަށް އޭނާ ދަތުރުކުރީ 44 ޕައުންޑަށެވެ. އަގުހެޔޮކޮށް އޭނާ ޓިކެޓް ހޯދީ ސްކައި ސްކޭނާ ކިޔާ އެޕެއް ބޭނުންކޮށްގެންނެވެ. ނެޕްލްސް އިން އޭނާ ދިޔައީ އަބޫދާބީއަށެވެ. ވިޒް އެއާ އޭނާ އަބޫދާބީއަށް ދަތުރުކުރީ 39 ޕައުންޑަށެވެ. ދުބާއީން ރާއްޖެއަށް އަންނަން ޓިކެޓު ނެގީ 73 ޕައުންޑަށެވެ. އެކަމަކު މި ދަތުރުތަކުގައި ޓްރާންސިޓް ކުރަން މަޑުކުރީ ކިހާ އިރެއް ކަމެއް ސީދާ ރޮބް ހާމަައެއް ނުކުރެއެވެ.
ރޮބް ރާއްޖެއަށް ކުރި ދަތުރާ ބެހޭ ގޮތުން ޓިކްޓޮކްގައި ހިއްސާކުރި ވީޑިއޯ އެތައް ހާސް ލައިކްސް ވަނީ ލިބިފައެވެ. ރާއްޖެ ނޫން އެހެން ގައުމުތަކަށްވެސް އަގުހެޔޮކޮށް ދަތުރުކުރެވޭނެ ގޮތް މީހުން ވަނީ އޭނާ ގާތުގައި އަހާފައެވެ.
ނަމަވެސް ދަތުރުކުގައި މާ ގިނަ ވަގުތު ހޭދަކުރުން އެހާ ކަމުނުދާ ކަމަށް ކޮމެންޓު ކުރި ބައެއް މީހުން ވަނީ ބުނެފައެވެ. ކޮމެންޓުކުރި އެކަކު ބުނީ އެހާ އަގުހެޔޮކޮށް ރާއްޖެދެވޭނަމަ އަހަރީ ޗުއްޓީ އެއްކޮށްވެސް އެކަމަށް ހުސްކޮށްލާނެ ކަމަށެވެ.
އެއް އަންހެނަކު ލިޔެފައި ވަނީ "އަހަރެންގެ އަހަރީ ޗުއްޓީގެ ހުރިހާ ކަމެއް ބޭނުން ކުރާނީ ހަމައެކަނި އެތަނަށް ދާން މަސައްކަތް ކޮށްގެން" ކަމަށެވެ. އެހެން މީހަކު ބުނީ ދަތުރުމަތީގައި ތިން ހަފްތާ ހޭދަކޮށްގެންދާންވެސް ރާއްޖެ ދެވޭނެމަވެސް ދާނެ ކަމަށެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ ކޮންމެ ފްލައިޓަކާ ދެމެދު ލަގެޖަށް ދައްކަން ޖެހޭ ފައިސާއާއި ހޮޓާތަކާ އެކު އަގު ބޮޑުވާނެ ކަމަށެވެ.