ރަޝިޔާގެ ބާރުގައިދަށުގައިވާ މުސްލިމް ޖުމްހޫރިއްޔާއެއް ކަމަށްވާ ޗެޗްނިއާގެ ރަމަޝާން ކަދީރޯވްގެ އަހެއް ގެއްލިގެން، އެ ހޯދުމުގެ މަސައްކަތް ޗެކް ރިޕަބްލިކްގެ ފުލުހުން ފަށައިފިއެވެ.
ޒަޒޫގެ ނަމުން ނަންދީފައިވާ އެ އަސް ގެއްލުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހަވީރާ ހޮނިހިރު ދުވަހު ހަވީރާ ދެމެދުއެވެ. އެ އަހަކީ ވިހިހާސް ޑޮލަރުގެ އަހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ޒަޒޫ އަކީ ޗެކް ރިޕަބްލިކްގައި އޮންނަ ރަމަޝަންގެ ދެ އަހުގެ ތެރެއިން އެއް އަހެވެ. 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިން އަތުން ކްރައިމިއާ ހިފި ހިސާބުން ފެށިގެން އެ އަސްތަކަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
ރަޝިޔާއިން ޔޫކްރެއިން ގައި ހިންގަމުންދާ ހަނގުރާމާއާ ރަމަޝާން ވަނީ ރަޝިޔާގެ ސިފައިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް އޭނާ އަކީ ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިންގެ ވަރަށް ގާތް ބޭފުޅެކެވެ.
ޗެކް ރޭޑިއޯއިން މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުން ރަމަޝާންގެ އަހަކީ 2012 ވަނަ އަހަރުން ފެށިގެން ޗެކް ޖޮކީ ކްލަބް އޯގަނައިޒޭޝަންގައި ރަޖިސްޓްރީކޮށްފައިވާ އަހެއް ކަމަށެވެ.
ޗެކް ފުލުހުން ބުނީ ޒަޒޫ ގެއްލުނީ ވެރިރަށް ޕްރާގްގެ އުތުރުން 50 ކިލޯމީޓަރު (31 މޭލު) ދުރުގައި އޮންނަ ރޫޑްނިސް ނާޑް ލަބެމް ކައިރީގައި އޮންނަ ޑާހޯސް ސްޓަޑް ފާމުން ކަމަށެވެ.
ފުލުހުން ބުނީ އެ އަސް ދޫވެގެން ގޮސްފައިވަނީ އޭތި ލާފައިހުރި ތަނުގެ ދޮރުގެ ޗޭނެއް ނައްޓާލުމަށް ފަހު ކަމަށެވެ. އަސް ދޫވީ ރޭގަނޑު ގައި ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ޒަޒޫ ހޯދަން ފުލުހުން ވަނީ އާއްމުންގެ އެހީއަށް އެދިފައެވެ. ފުލުހުން ބުނީ އުމުރުން 16 އަހަރު އަހުގެ އިސްތަށިގަނޑުގައި ހުދު ކުލައިގެ ތަރިއެއް ހުންނާނެ ކަމަށެވެ.
ޗެކް ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުގެ ހަފުތާތަކެއް ކުރިން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެ ދެ އަސް ވަގަން ނަގަން ބަޔަކު މަސައްކަތް ކުރިއެވެ.
މިދިޔަ އަހަރު ތެރޭގައި، އަސް ގެންގުޅޭ ފާމަށް ރަޝިޔާ ބަހުން ވާހަކަ ދައްކަ ދެ މީހަކު ގޮސް ރަމަޝާންގެ އަސްތައް ޕޮލެންޑަށް ގެންދަން މަސައްކަތްކުރިއެވެ. އެހެންވެ އަސްތައް ނުގެންދެވޭ ގޮތަށް އެތަން ތަޅުލިއެވެ.
"ހުޅަނގުގެ އިންސާނީ ހައްގުތަކާ ބެހޭގޮތުން ބުނާނީ ކީކޭހެއްޔެވެ؟ ދުނިޔޭގައިވާ އެންމެ އަމާން، އޯގާތެރި، މަޑުމައިތިރި ޖަނަވާރުކަމުގައިވާ އަސްތަކުގެ ހައްގުތަކަށް އެމީހުން އަނިޔާވެރިވަނީ" އަހުގެ މައްސަލާގައި ރަމަޝާން ފޭސްބުކްގައި ލިޔެފައިވެއެވެ.