އޮންލައިން ޝޮޕިންގެ ސަބަބުން މިއަދު ދިރިއުޅުން ވަރަށް ފަސޭހަވެއްޖެއެވެ. ލާ ހެދުމުން ފެށިގެން ގޮސް ގަހަނާވެސް އޮންލައިންކޮށް އޯޑަރު ކުރެވެއެވެ. ކާބޯތަކެތީގެ ބާވަތްތައް ވެސް އޮންލައިންކޮށް އޯޑަރުކުރެވެއެވެ. ގޭދޮށަށް ޑެލިވަރީ ކޮށްދެއެވެ. އެކަމަކު ބައެއް ފަހަރު އޯޑަރުކުރާ މީހާ ނޫން އެހެން މީހުންނަށް ޑެލިވަރިދެއެވެ.

މި ފަހުން އިންޑިއާގެ މީހަކަށް އެފަދަ ކަމެއް ދިމާވިއެވެ. އެކަން ދިމާވި އަންހެން މީހާ ވަނީ އޭނާގެ ތަޖުރިބާ ޓްވިޓާގައި ހިއްސާކުރިއެވެ.

"އެން" ނަމަކަށް ކިޔާ ޓްވިޓާ އައިޑީއަކުން ކުރި ޕޯސްޓެއް ބުނީ 12،000 ރުޕީސްގެ އިލެކްޓްރިކް ދަތް އުނގުޅާ ބުރުހަކަށް އޭނާގެ މަންމަ އެމޭޒަނުން އޯޑަރު ކުރި ކަމަށެވެ. އޯޑަރު ކުރީ ސީދާ އެމޭޒަންގެ ބަދަލުގައި ތިން ފަރާތަކަށެވެ. ނަމަވެސް ލިބުނު ޕެކޭޖުގައި ހުރީ ހަމައެކަނި އެމްޑީއެޗް ޗާޓް މަސާލާގެ ހަތަރު ފޮށިކަމަށެވެ. އެ ޕޭކޭޖްގައި މަސާލާ ޕެކެޓްތަކެއް ހުރުމުން އޭނާ ހުރީ ހައިރާންވެފައެވެ.

https://twitter.com/badassflowerbby/status/1624787729400885249

އެމޭޒަން ވެބްސައިޓްގައި އެއްޗެހި ވިއްކާ ޔޫޒާއެއްގެ އަތުން ބުރުސް ގަންނަން އޯޑަރުކުރީ ޑިސްކައުންޓް އަގެއްގައި ލިބޭތީއެވެ. އެހާ އަގުހެޔޮވީމަ ގިނަ ބަޔަކު އެ މީހާ އަތުން އެއްޗެހި ގަންނަން އޯޑަރު ކުރާ ކަމަށް އޭނާ ބުންޏެވެ.

އެމެޒަންގެ ޓްވިޓާ އެކައުންޓު ޓެގްކޮށް ވިއްކާ ފަރާތާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް އެމީހާ ވަނީ އެދިފައެވެ. މި ޕޯސްޓު ޝެއާ ކުރި ފަހުން މިހާތަނަށް 66.5،500 ވިއުސް އަދި ގިނަ ކޮމެންޓްތަކެއް ވަނީ ލިބިފައެވެ.

"2021 ވަނަ އަހަރު ވެސް އަހަރެންނަށް ދިމާވީ ހަމަ އެގޮތަށް. އަހަރެން އިލެކްޓްރިކް ޓޫތު ބްރަޝް އޯޑަރު ކޮށްލުމުން އޭނާ އަހަރެންނަށް އާދައިގެ ބްރަޝް ފޮނުވީ. އަހަންނަށް ހީވަނީ މި ވިއްކާ މީހާގެ ނަން ބަދަލުވެއްޖެހެން،" އެކަކު ލިޔެފައިވެއެވެ.

އެހެން މީހަކު ވަނީ 92 ޕަސެންޓް ނެގެޓިވް ރިވިއު ހުރި ވިއްކާ މީހެއްގެ އޯޑަރު ދިނީ ކީއްވެހޭތޯ ސުވާލުކޮށްފައެވެ. ބުރުސް ވިއްކި މީހާގެ އެކައުންޓުގައި ގިނަ ބަޔަކު ވަނީ ނެގެޓިން ރިވިއުތަކެއް ޕޯސްޓުކޮށްފައެވެ.