މީގެ އަހަރުތަކެއް ކުރިން ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވި ފުޓުބޯޅަ ޓީމުގެ އޭރުގެ ކެޕްޓަން އުމުރުން 17 އަހަރުގައި މަރުވެއްޖެއެވެ.
ތައިލަންޑުގެ ހޮހޮޅައިގައި ތާށިވި "ވައިލްޑް ބޯރ" ނަމަކަށް ކިޔާ ޓީމުގެ ކެޕްޓަނަކަށް އޭރު ހުރި ޑުއަންގްޕެޗު ޕްރޮމްތެޕް މަރުވެފައި އޮއްވާ ފެނުނީ އޭނާ މިހާރު ދިރިއުޅެމުން އަންނަ އިނގިރޭސިވިލާތުގެ ގޭތެރޭގައެވެ.
މިދިޔަ އަހަރު ލިބުނު ސްކޯލާޝިޕެއްގެ ދަށުން އިނގިރޭސި އެކަޑަމީއެއްގައި ތަމްރީން ހަދަމުން އައި ޕްރޮމްތެޕް މަރުވި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އިނގިރޭސި ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕްރޮމްތެޕް މަރުވީ އޭނާ ބޮލަށް ލިބިފައި ހުރި އަނިޔާތަކެއްގެ ސަބަބުންކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަވާން ނެތްކަމަށް ފުލުހުން ބުނިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ތައިލެންޑްގެ ހޮހޮޅައިގައި ތާށިވި 12 ކުދިންނާއި އެ ޓީމުގެ ކޯޗަށް މީގެ ހަ މަސް ކުރިން ލިބުނު އެންމެ ބޮޑު އުފަލަކީ ޕްރޮމްތެޕްއަށް އިނގިރޭސިވިލާތުގެ ބްރޫކް ހައުސް ކޮލެޖް ފުޓުބޯޅަ އެކަޑަމީގައި ތަމްރީން ހަދަން ލިބުނުކަން އޭނާ ހާމަކުރުމުންނެވެ.
"އަހަރެންގެ ހުވަފެން މިއަދު ހަގީގަތަކަށް ވެއްޖެ" މީގެ ހަ މަސް ކުރިން ޕްރޮމްތެޕްއަށް ލިބުނު ސްކޯލާޝިޕްގެ ވާހަކަ އިއުލާން ކުރުމަށް އޭނާ އިންސްޓްގުރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. ނަމަވެސް އެ ހުވަފެން ހަގީގަތަކަށްވީތާ މާ ދުވަސް ނުވަނީސް އޭނާ މަރުވުމުން ތައިލޭންޑްގެ އޭނާ ނިސްބަތްވާ ޓީމުގެ ކުޅުންތެރިން ތިބީ ބޮޑު ހިތާމައެއްގައެވެ.
"އަހަރެން ގާތު އަބަދުވެސް ޕްރޮމްތެޕް ބުނާނެ ގައުމީ ޓީމަށް ކުޅެފައި ނޫނީ ހުއްޓާ ނުލާނަމޭ. އެކަމު އެ ހުވަފެން ހަގީގަތަކަށް ނުވެ އަހަރަމެންނާ ވަކިވެގެން އެ ދިޔައީ." ޕްރޮމްތެޕް އާއެކު ހޮހޮޅައިން ސަލާމަތްކުރި އޭނަގެ އެންމެ ގާތް އެކުވެރިޔާ ޕްރަޗަކް ސުތަމް ބުނެފައިވެއެވެ.
އޭނަގެ އިތުރުން ވެސް ޕްރޮމްތެޕްގެ އާއިލާއާ ރައްޓެހިން އަންނަނީ ހިތާމަފާޅުކޮށް ތައުޒިއްޔާގެ ޕޯސްޓްތައް ކުރަމުންނެވެ.
ޕްރޮމްތެޕް އާއެކު އޭނަގެ ޓީމްގެ އިތުރު 11 ކުޅުންތެރިންނާއި ކޯޗު ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ޕްރެކްޓިސް ނިންމާލާފައި އެ ހޮހޮޅަ ބަލައިލަން ވަތް ވަގުތު ވިއްސާރަވެ، ހޮހޮޅައިގެ އެއްބައިގައި ފެންބޮޑުވެގެންނެވެ. އެ ޓީމު ސަލާމަތްކުރުމަށް އެކި ގައުމުތަކުގެ ޑައިވަރުން ގެންގޮސްގެން ހިންގި އޮޕަރޭޝަނަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.