އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ އެންމެ ޝަރަފުވެރި އެއް ކޮލެޖު ކަމަށްވާ އެޕްސޯމް ކޮލެޖުގެ ވެރިޔާ މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. ފިރިމީހާ އާއި ހަތް އަހަރުގެ އަންހެން ދަރިފުޅުވެސް ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. އެ އެންމެންގެ ހަށިގަނޑު ފެނުނީ ކޮލެޖާއި ޖެހިގެން ކަހަލަ ގޮތަކަށް ހުންނަ އެ މީހުން ދިރިއުޅެމުންނާ އަންނަ ގޭގެ ގޯތި ތެރެއިންނެވެ. އެމާ ޕެޓިސަން، 45، އާއި އޭނާގެ ފިރިމީހާ ޖޯޖް، 39، އަދި އެ މީހުންގެ އަންހެން ދަރިފުޅު ލެޓީ މަރުވެފައި އޮއްވާ ފެނުނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ "ތިންވަނަ ފަރާތެއްގެ ބައިވެރިވުމެއް ނެތް" ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް އެ މީހުން މަރުވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ މީހުން މަރުވި ރޭގައި ބަޑީގެ އަޑު އެ ސަރަަހައްދުން އިވުނެވެ.

ފުލުސް އޮފިސަރު ކިމްބޯލް އެޑީ ވަނީ ސަރީ ޕޮލިހާއި އަދި ޓީމުގެ ނަމުގައި، އެމާ، ލެޓީ އަދި ޖޯޖްގެ ރަހުމަތްތެރިންނާއި އާއިލާގެ އިތުރުން އެޕްސޯމް ކޮލެޖުގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް ލިބުނު ހިތާމަވެރި ހިތާމައިގެ ތައުޒިޔާ އަދާކޮށްފައެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުންވަނީ ހިނގާދިޔަ ކަންތައްތަކުގެ ފުރިހަމަ ތަހުގީގެއް ހިންގާނަން... އަދި މި ހިތާމަވެރި ހާލަތްތަކުގައި ހަމަޖެހުމެއް ލިބޭނެކަމުގެ އުއްމީދުގައި. އަޅުގަނޑު ދަންނަވާނީ މި ދަތި ދަނޑިވަޅުގައި އެބޭފުޅުންގެ ޕްރައިވެސީއަށް އިޙްތިރާމް ކޮށްދެއްވުމަށް،" އޮފިސަރު ވިދާޅުވިއެވެ.

[caption id="attachment_47397" align="aligncenter" width="976"] އެމާގެ މަރާ ގުޅިގެން ކޮލެޖުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައި[/caption]

ސައުތު ލަންޑަންގެ ކްރޮއިޑަން ހައި ސްކޫލްގެ ހެޑް ޓީޗަރުގެ މަގާމުގައި ހަ އަހަރު ހޭދަކުރެއްވި ޕެޓިސަން އެޕްސޯމްގެ ކޮލެޖްގެ ހެޑްގެ މަގާމައި ހަވާލުވީ މީގެ ފަސް މަސް ކުރިންނެވެ.

އޭނާގެ ފިރިމީހާ ޖޯޖަކީ "ޓެންގަލްވުޑް 2016" ނަމަކަށް ކިޔާ މެނޭޖްމަންޓް ކޮންސަލްޓެންސީ ފާމެއްގެ ޑިރެކްޓަރުގެ މަގާމު އަދާކުރަމުން ދިޔަ ޗާޓަޑް އެކައުންޓެންޓެކެވެ.

މިދިޔަ ޑިސެމްބަރު މަހު ދަރިވަރުން ހިންގާ ޕޮޑްކާސްޓެއްގައި އެމާ ބުނީ އެޕްސަޕް ކޮލެޖާ ހަވާލުވުމުގެ ފިޔަވަޅަކީ ހަގީގަތުގައި ވެސް އާއިލާއަށް އައި ވަރަށް ބޮޑު ބަދަލެއް ކަމަށެވެ. "އަޅުގަނޑަށް އާ ވަޒީފާއެއް ލިބިއްޖެ، ފިރިމީހާއަށް އާ ވަޒީފާއެއް ލިބުނީ، އެއީ ވާނެ ކަމަކަށް ހީއެއް ނުކުރަން، އެހެން ނަމަވެސް ކުރި ކަމެއް، އަންހެން ދަރިފުޅު ވަނީ އާ ސްކޫލެއް ފަށާފައި" ކަމަށެވެ.

"މި ދަނޑިވަޅުގައި އެންމެން ވެސް އެމާގެ އާއިލާގެ ޕްރައިވެސީއަށް އިހުތިރާމްކޮށް، ކޮލެޖުގެ ދަރިވަރުންނާއި މުވައްޒަފުންއަދި މުޅި މުޖުތަމައުއަށް މި ގެއްލުމުން އަރައިގަތުމަށް ބޭނުންވާ ވަގުތާއި ޖާގަ ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ'' އެޕްސަމް ކޮލެޖުން ކުރި ޓްވީޓެއްގައި ބުންޏެވެ.

އެޕްސޯމް ކޮލެޖުން ސިފަކުރި ގޮތުގައި އެމާ އަކީ ވަރަށް މޮޅު މުދައްރިސެކެވެ. އަދި އެއީ އެންމެންގެ ލޯބި ހޯދާފައިވާ މީހެއް ކަމަށްވެސް އޭނާ ބުންޏެވެ. "އެ ވަރަށް ހަރުދަނާ، އޯގާތެރި ލީޑަރެއް، ހާއްސަ މުދައްރިސެއް އަދި ދީލަތި، ވިސްނުންތެރި އެކުވެރިޔާ އަދި އެކުވެރިއެއް،" އެ ސްކޫލުން ބުންޏެވެ.

އެމާގެ ކުރިން ވަޒީފާ އަދާކުރި ކްރޮއިޑަން ހައި ސްކޫލުގެ ބެލެނިވެރިއަކު ބުނީ މި ހަބަރަކީ ވަރަށް ބޮޑު ޝޮކެއް ކަމަށެވެ. އަދި ހިތާމަވެރި ހަބަރެއް ކަމަށެވެ.

ބީބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެމާ، ހެޑް ޓީޗަރެއްގެ ގޮތުގައި އުޅުނު ދުވަސްވަރު ސްކޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ކުދިންގެ ކިޔެވުން ރަނގަޅުކުރަން ފަދަ އެތައް ކަމެއް އޭނާ ކުރި ކަމަށެވެ. އެޕްސޮމް އިން ވަނީ އެކްޓިން ހެޑްމާސްޓަރުގެ މަގާމަށް ޕޯލް ވިލިއަމްސް ހަމަޖައްސައިފަ އެވެ.

އެ ސަރަހައްދުގެ ގާނުނު ހަދާ މަޖިލީހުގެ މެމްބަރު ކްރިސް ގްރޭލިންގް ވިދާޅުވީ މިއީ ވަރަށް ބިރުވެރި ހިތާމަވެރި ހާދިސާއެއް ކަމަށާއި އެމީހުންގެ އާއިލާ އަށާއި ރަހުމަތްތެރިންނާއި އެޕްސޯމް ކޮލެޖުގެ އިތުރުން އެމާގެ ދަރިފުޅުގެ ސްކޫލަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. އެމާގެ މަރާއެކު ސްކޫލުގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރި ކޮށްފައެވެ.