ތުރުކީގެ އިރުދެކުނު ސަރަހައްދާއި ސީރިއާގެ ހުޅަނގު އުތުރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި 650 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދާފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ގަޒިއަންޓެޕް ސިޓީ ކައިރީގައި 17.9 ކިލޯމީޓަރު އަޑިން ކަމަށެވެ.

ތުރުކީގެ ނައިބު ރައީސް ފުއާޓް އޮކްޓޭ ވިދާޅުވީ، އެގައުމުން މަރުވި މީހުންގެ އަދަދު 284 އަށް އަރާފައިވާ ކަމަށެވެ.

ސީރިއާގައި 380 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ޝިކާރައަކަށްވެފައި ވަނީ ސަރުކާރު ކޮންޓްރޯލް ކުރާ އަދި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ވާ ދެ ސަރަހައްދެކެވެ.

ސީރިޔާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އަލެޕޯ، ލަޓާކިއާ، ހަމާ އަދި ޓާޓަސް ޕްރޮވިންސްތަކުން 239 މީހުން މަރުވެފައިވާ ކަމަށެވެ.

ސީރިޔާގެ ހުޅަނގު އުތުރުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް ރެސްކިއު ގްރޫޕުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެތަނުގައި 147 މީހުން މަރުވެފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ގަޑިތަކުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމުގެ ބިރު އެބައޮތެވެ.

ގިނަ އިމާރާތްތަކެއް ވެއްޓިފައިވާއިރު އިމާރާތުގެ ދަށުގައި ތިބި މީހުން ހޯދުމުގެ މަސައްކަތުގައި ރެސްކިއު ޓީމްތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ބިންހެލުމުގެ މައިމަރުކަޒަކީ ކަހްރާމަންމަރަސް ޕްރޮވިންސްގެ ޕަޒާރްސިކް ޑިސްޓްރިކްޓެވެ. ތުރުކީގެ ދާހިލީ ވަޒީރު ސުލައިމާން ސޮއިލޫ ވިދާޅުވީ 10 ސިޓީއަކަށް އަސަރުކޮށްފައިވާ ކަމަށާއި އެއީ ގަޒިއަންޓެޕް، ކަހްރާމަންމާރަސް، ހަޓޭ، އުސްމާނިޔޭ، އަޑިޔާމަން، މަލަޓިއާ، ސަންލިއުރްފާ، އަދާނާ، ދިޔާރްބަކީރު އަދި ކިލިސް ކަމަށެވެ.

ގަޒިއަންޓެޕްގައި 80 މީހުން މަރުވެފައިވާއިރު ކަހްރާމަންމާރާގައި 70 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ގަޒިއަންޓެޕްގެ އިރުއުތުރުގައި އޮންނަ މަލަޓިއާ ޕްރޮވިންސްގައި 47 މީހުން ވަނީ މަރުވެފަ އެވެ. އިރުމަތީގައި އޮންނަ ސަންލިއުރްފާގައި 18 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ދިޔާރްބަކީރާއި އުސްމާނިޔޭ ފަދަ ތަންތަނުން ވެސް އިތުރު މީހުން ވަނީ މަރުވެފަ އެވެ.

ތުރުކީން 2،323 މީހުން ޒަހަމްވެފައިވާއިރު ސީރިއާގައި ގާތްގަނޑަކަށް 1،000 މީހުން ވަނީ ޒަހަމްވެފަ އެވެ.

ލުބުނާނާއި ސައިޕްރަސްއަށް ވެސް އެ ބިންހެލުން އިހުސާސް ކުރެވުނެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ދަރިވަރެއް ކަމަށްވާ މުހައްމަދު އެލް ޗަމާ ބީބީސީއަށް ކިޔައިދިން ގޮތުގައި ގޭގައި ހުއްޓާ އިމާރާތް ކުއްލިއަކަށް ތެޅެން ފެށި ކަމަށެވެ.

ތުރުކީގެ ސިސްމޮލޮޖިސްޓުން ލަފާކުރާ ގޮތުގައި ބިންހެލުމުގެ ބާރުމިނުގައި 7.4 މެގްނިޓިއުޑް ހުންނާނެއެވެ. އަދި އޭގެ މިނެޓެއް ފަހުން އެ ސަރަހައްދަށް ދެވަނަ ބިންހެލުމެއް އައި ކަމަށް އެ މީހުން ބުނެއެވެ.

1999 ވަނަ އަހަރު އެގައުމުގެ ހުޅަނގު އުތުރުފަރާތަށް އައި ބާރުގަދަ ބިންހެލުމުގައި 17،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.