ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ މަތިން އުދުހެމުންދާ ކަމުގެ ހަބަރު ފެތުރުމާއެކު ގިނަ ބަޔަކު ވަނީ ޗައިނާއިން އާދަޔާ ހިލާފު ވަސީލަތެއް ބޭނުން ކުރަން ވީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ.

އެމެރިކާއިން ޝައްކުކުރާ ގޮތުގައި އެ ގައުމުގެ މޮންޓާނާ ސްޓޭޓްގެ މަތިން ފެނުނު ފުއްޕާހަމަކީ "ހައި އެލްޓިޓިއުޑް ސަވައިލަންސް" ޑިވައިސްއެކެވެ.

މި ފުއްޕާހަމުގެ ގާބިލުކަން ކިތަންމެ ކުޑަ އަދި ބޮޑުވި ނަމަވެސް އެމެރިކާއިން ވަނީ އެކަން ވަރަށް ސީރިޔަސް ގޮތުގައި ނަގާފައެވެ. އޭގެ ސަބަބުން ފެބްރުއަރީ މަހުގެ ފަހެއް އަދި ހަައެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ޗައިނާއަށް ކުރައްވާ ދަތުރުފުޅު ވަނީ ލަސްކޮށްފައެވެ.

ފުުއްޕާހަމަކީ ސަވައިލެންސް ޓެކްނޮލޮޖީގެ އެންމެ ދުވަސްވީ އެއް ވައްތަރެވެ. ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނުގެ އަސްކަރިއްޔާއިން އެތަކެތި ބޭނުންކޮށްގެން ބޮންތައް ވެސް އެޅިއެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ އާއި ސޯވިއެޓް ޔޫނިއަނުން ވެސް އެ ތަކެތި ވަރަށް ބޮޑަށް ބޭނުންކުރިއެވެ.

ޒަމާނީ ފުއްޕާހަންތައް އާންމު ގޮތެއްގައި ދުއްވަނީ ބިމުގެ 24 ކިލޯމީޓަރާއި 37 ކިލޯމީޓަރު މަތީގައެވެ.

"ޗައިނާއިން އެމެރިކާ އަށް ސިގްނަލެއް ދޭން މަސައްކަތް ކުރަނީ: "ގުޅުން ބަދަހިކުރަން ބޭނުންވާ އިރު، ކޮންމެހެން ކުރަން ޖެހޭ ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ދެމެހެއްޓެނިވި ވާދަވެރިކަމަކަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ވައިގެ ބާރުގެ އެނަލިސްޓެއް ކަމަށްވާ ހީ ޔުއާން މިންގް ބީބީސީއަށް ވިދާޅުވިއެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ފުއްޕަހަމަކީ ކޮމާޝަލް ފްލައިޓްތައް ހަރަކާތްތެރިވާ ސަރަހައްދަށް ވުރެ މާ މަތީގައި އޮތް އެއްޗެއް ކަމަށެވެ.

ނަމަވެސް ޗައިނާގެ ތަޖުރިބާކާރު ބެންޖަމިން ހޯ ވިދާޅުވީ ޗައިނާގައި މިއަށްވުރެ ޒަމާނީ ސަވައިލަންސް ޓެކްނޮލޮޖީ އެބަހުރި ކަމަށެވެ.

"އެމެރިކާގެ އިންފްރާސްޓްރަކްޗާ ނުވަތަ އެމީހުން ހޯދަން ބޭނުންވާ ކޮންމެ މައުލޫމާތެއް ވެސް ޖާސޫސް ކުރުމުގެ އެހެން ވަސީލަތްތައް އެމީހުން (ޗައިނާ) އަތުގައި އެބަހުރި. މި ފުއްޕާހަމަކީ އެމެރިކާ މީހުންނަށް ސިގްނަލް ދިނުމާއި، އެމެރިކާ މީހުން އަމަލުކުރާނެ ގޮތް ވެސް ބެލުމަށް ފޮނުވި އެއްޗެއް" ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޗައިނާ ޕްރޮގްރާމްގެ ކޯޑިނޭޓަރު ޑރ ހޯ ވިދާޅުވިއެވެ.

އެމެރިކާއިން އެ ފުއްޕާހަން ދެނެގަތުމަކީ ވެސް ޗައިނާ އިން ބޭނުންވި ކަމެއް ކަމަށް ވެދާނެއެވެ.

"ޗައިނާއިން މި ފުއްޕާހަން ބޭނުންކުރަނީ އެމެރިކާގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ޒަމާނީ ޓެކްނޮލޮޖީގެ ގާބިލްކަން ޗައިނާއިން ދައްކުވައިދޭން ކަމަށް ވެދާނެެ. މިގޮތުން ފުއްޕާހަމަކީ ވަރަށް ރަނގަޅު ޗޮއިސްއެއް،" ކާނެގީ ކައުންސިލް ފޯ އެތިކްސް އިން އިންޓަނޭޝަނަލް އެފެއާޒްގެ އާތަރް ހޮލެންޑް މިޝޭލް ވިދާޅުވިއެވެ.

އެހެން ނަމަވެސް، ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ފުއްޕާހަންތަކުގައި ސްޕައި ކެމެރާ އާއި ރާޑަރު ސެންސަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ހަރުކުރެވިދާނެ ކަމަށެވެ. ސަވައިލަންސް އަށް ފުއްޕާހަންތައް ބޭނުން ކުރުމުގެ ބައެއް ފައިދާތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ޑްރޯން ނުވަތަ ސެޓެލައިޓަށް ވުރެ އަގު ހެޔޮ އަދި ޑިޕްލޮއިކުރަން ފަސޭހަ ވުމެވެ.

ސްޕީޑް މަޑުވުމުގެ ސަބަބުން ވެސް ފުއްޕާހަން މައްޗަށް ގޮސް ޓާގެޓް އޭރިއާ ގިނަ ވަގުތު މޮނިޓާ ކުރެވޭނެއެވެ. އަނެއްކޮޅުން ސެޓެލައިޓެއްގެ ހަރަކާތަކީ އޭގެ އޯބިޓަލް ޕާސްއަށް ހުއްޓިފައި ހުންނަ ހަރަކާތެކެވެ.