އަފްގާނިސްތާނުގައި އަންހެނުންނަށް ޔުނިވާސިޓީތަކުގައި ކިޔެވުން މަނާކުރުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ލައިވް ޓީވީ މެދުވެރިކޮށް ޑިގްރީ ސެޓްފިކެޓް ވިދާލައި ޕްރޮފެސަރަކު އިހްތިޖާޖުކޮށްފިއެވެ. އެ މައްސަލާގައި ޕްރޮފެސަރު ވަނީ ހައްޔަރުކޮށްފައެވެ.

ސެޓްފިކެޓް ވިދާލީ "ޓޯލޯނިއުސް" ޗެނަލެއްގެ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

"މިއަދުން ފެށިގެން އަޅުގަނޑަށް މި ޑިގްރީ އިތުރަށް ބޭނުމެއް ނުވޭ، މި ގައުމަކީ ތައުލީމު ހާސިލުކުރެވޭނެ ތަނެއް ނޫން. ކޮއްކޮ އާއި މަންމައަށް ކިޔަވައި ނުދެވިއްޖެނަމަ މި ތައުލީމު ގަބޫލެއް ނުކުރަން،" ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯގައި ޑިގްރީ ވިދާލި ޕްރޮފެސަރު އިސްމާއިލް މަޝާލް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރގެ ޑިރެކްޓާ އަބްދުލްހައްގު ހައްމާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރޮފެސަރު ގެންދިޔައީ ތަހުގީގަށް ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި މަގުމަތިން ހިނގާ މީހުންނަށް މަޝާލް، ފޮތްތައް ބަހާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

https://twitter.com/NasimiShabnam/status/1607823196488888321

މަޝާލްގެ ރަހުމަތްތެރިއެއް ކަމަށްވާ ފަރީދު އަހްމަދު ފަޒްލީ އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ "އިސްލާމިކް އެމިރޭޓްސް" ނުވަތަ ތާލިބާން ސަރުކާރުގެ މީހުންނާމެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. ތާލިބާނުންގެ އޮފިޝަލަކު ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރު ކޮށްދީފައެވެ.

ފަޒްލީ ބުނީ ކާބުލްގެ ތިން ޔުނިވާސިޓީއެއްގައި ލެކްޗަރާއެއްގެ ގޮތުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މަޝާލް މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށެވެ.

އަފްގާނިސްތާނުގައި އަންހެނުންނަށް ތާއީދުކޮށް ފިރިހެނަކު އިހުތިޖާޖު ކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ކިޔަވައިދޭ އިންސްޓިޓިއުޓެއް ހިންގާ މަޝާލް ބުނީ އަންހެނުންގެ ހައްގުތަކަށް ތެދުވާނެ ކަމަށެވެ.

"ފިރިހެނެއްގެ ހައިސިއްޔަތުން އަދި ޓީޗަރެއްގެ ހައިސިއްޔަތުން ވެސް އެކުދިންނަށް އިތުރު ކަމެއް ނުކުރެވި، އަހަރެންގެ ސެޓްފިކެޓްތައް ބޭކާރުވެއްޖެކަމުގެ އިހުސާސް ކުރެވުނު. އެހެންވީމަ އަޅުގަނޑު އެ ވިދާލީ" އޭއެފްޕީއާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އަންހެން ކުދިންނާއި އަންހެނުން ތައުލީމުން މަހުރޫމްކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުން ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ. އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލްތައް ވަނީ ބަންދުވެސް ކޮށްފައެވެ.

އަންހެނުންނާއި އަންހެން ކުދިން ދަނީ ތައުލީމާއި މަސައްކަތާއި މިނިވަންކަމުގެ ހައްގު ހޯދައިދިނުމަށް ގޮވާލައި ފާއިތުވި ފަސް މަސް ދުވަހު މުޒާހަރާ ކޮށްފައެވެ. މުޒާހަރާކުރާ އަންހެނުންނަށް އަނިޔާކޮށް، ބިރުދައްކައި، ނުވަތަ ހައްޔަރުކުރެއެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު ވެރިކަމަށް އައި ތާލިބާނުން އެންމެ ފުރަތަމަ އަންހެނުންގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަމަށް ވައުދުވި ނަމަވެސް އޭގެ ފަހުން މަޑުމަޑުން އަންހެނުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށިއެވެ. 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ދެމެދު އެ ޖަމާއަތުގެ އެންމެ ފަހުގެ ވެރިކަމުގައިވެސް ކަންކަން ހިނގީ މިފަދަ ގޮތަކަށެވެ.