މިންހާ މުހައްމަދު އިސްމާއިލަށް އޭނާގެ ފޯނު ހަނދާނެތި ބާއްވާފައި ދެވުނެވެ. ފޯނު ދޫކޮށްލެވުނީ އިސްލާމިކް މަރުކަޒު ސަރައްހަދަށެވެ. ފޯނު ނެތްކަން އެނގުނީ ގަޑިއެއްހާ އިރު ފަހުންނެވެ. ހާސްވެގެން ރައްޓެއްސެއްގެ ފޯނުން އޭނާގެ ނަންބަރަށް ގުޅިއެވެ. ފޯނު ނެގީ ފިރިހެނެކެވެ. އެ މީހާ ބުނީ އިސްލާމިކް މަރުކަޒު ކައިރިއަށް ފޯނު ބަލައި ދިޔުމަށެވެ.

"އޭރު އަހަރުމެން ތިބީ އިސްލާމީ މަރުކަޒާ ވަރަށް ދުރުގައި. އެ ހިސާބަށް އެނބުރި ދިޔައިރު، އަހަރުމެންގެ އިންތިޒާރުގައި އޭނާ މަޑުކޮށްގެންހުރި. ފޯނު ބަލާ އަންނަންދެން ގަޑިއިރަކަށް ވުރެ ގިނަ އިރު މަޑުކޮށްގެން ހުރި ކަމަށް އޭނާ ބުނި،" ހުޅުމާލޭގައި ގާސިމް ޕްރީސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާ މިންހާ ބުންޏެވެ.

އަމާނާތް ރައްދު ކުރި ބިދޭސީ މީހާގެ ފޮޓޯ މިންހާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ހެވިފައި ހުރި ބިދޭސީ މީހާ، އެ ފޯނު ހިފައިގެން ނުކުމެ ހުރީ މަގުމަތީގައެވެ. އެ މީހާގެ ނަމެއް މިންހާގެ ފޭސްބުކްގައި ކުރި ޕޯސްޓަކު ނެތެވެ. ނަމަވެސް އެ ބިދޭސީ މީހާއަކީ މާލޭ ދޮންމަނިކު ސްކައިވިއުގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށް މިންހާ ބުންޏެވެ.

ހަނދާންނެތި ފޯނު ބާއްވާފައި ދެވުމުން، އެ ފޯނު ނަގައި، އަމާނާތްތެރިކަމާ އެކު، މިންހާއާ ހަވާލުކުރީތީ ބަދަލުގައި އެއްޗެއް ދޭން އުޅުނުމުން ބިދޭސީ މީހާ ދިނީ ކުރު ޖަވާބެކެވެ.

"އަޅުގަނޑަކީ މުސްލިމެއް. ހަމައެކަނި ބޭނުންވަނީ ހެޔޮ ދުއާ،" މިންހާ ބުނެފައިވެއެވެ.

އޭނާގެ އެ ވާހަކަތަކަށް މިންހާ ވަނީ ތައުރީފުކޮށް، އޭނާއަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާކޮށްފައެވެ.