މި ފަހުން ރާއްޖޭގައި ބޭއްވުނު ޕާޓީއެއްގެ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އެތެރޭގެ އިންތިހާބު އިއްޔެ ވަނީ ބާއްވާފައެވެ. ވާދަވެރި އިންތިހާބުތަކުގައި ފެންނާނެ ހުރިހާ ކަމެއް އިއްޔެގެ އިންތިހާބުން ފެނުނެވެ. ބޮޑު އަގުލަބިއްޔަތުން އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީއަށް މިވަގުތު އޮތް ހަމައެކަނި ޗޮއިސް އަކީ އެމަނިކުފާނުކަން ސާބިތުކޮށްދެއްވާފައެވެ.
އިންތިހާބުގެ ނަތީޖާ ލިބުނުތާ 24 ގަޑިއިރު ފާއިތުވެ ހިނގައްޖެއެވެ. އިންތިހާބާ ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނަޝީދު އަދި ވިދާޅެއް ނުވެއެވެ.
ސާޅީސްހާހަށް ވުރެ ގިނަ މެމްބަރުން ވޯޓުލި އިންތިހާބުގައި ނަޝީދަށް ލިބިވަޑައިގެންނެވީ 15،612 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ.
ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ނަތީޖާ ޝީޓުތައް ބަލައި ދިރާސާކުރަމުންދާ" ކަމަށެވެ. މިހެން ބުނީ، އެގްޒިޓް ޕޯލުތަކުން އިންތިހާބު ކާމިޔާބު ކުރެވިއްޖެކަމަށް އިއުލާން ކުރިތާ ހަތަރު ގަޑިއިރުފަހުން ނެރުނު ބަޔާނުގައެވެ. އޭގެ ފަހުން ނަޝީދުގެ ޓީމުން އަދި އެއްވެސް އެއްޗެއް ރަސްމީކޮށް، ބުނެފައެއް ނުވެއެވެ.
"ގިނަ ވޯޓު ފޮށިތަކުން ރައީސް މުހައްމަދު ނަޝީދު އޮތީ ކުރީގައި ނަމަވެސް، ވާދަވެރިޔާ ކުރި ހޯދާފައިވަނީ އާދަޔާ ޚިލާފަށް ވޯޓްލާފައިވާ ވަކި، މަދު ފޮށިތަކެއްގެ ސަބަބުންކަން ފާހަގަކުރަމުންދެއެވެ،" ރޭ 9 ޖަހަން އުޅެނިކޮށް ނަޝީދުގެ ޓީމުން ނެރުނު ބަޔާނުގައިވެއެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް، ނަޝީދަށް ތާއިދު ކުރާ މަޖިލިސް މެމްބަރުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ސޯޝަލް މީޑިއާގައި އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.
ނަޝީދަށް ތާއިދުކުރާ މީހުންގެ ކަންބޮޑުވުން:
39،000 މީހުން އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވުން
ވޯޓުލާން ކަނޑައަޅާފައިވާ އަދަދަށް ވުރެ، އިތުރަށް ފޮށިތަކަށް ވޯޓުލުން
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމްލަ އަދަދު ސާފުވެފައި ނެތުން
ފޮށިތަކުގެ ކައިރީގައި ފައިސާ ބެހުން / ނުފޫޒު ފޯރުވުން
ހަމަނުޖެހުން ހިންގައި، ވޯޓުލުމަށް ދަތި ކުރުން
މިކަން ބޮޑުވުންތައް މި ގޮތަށް ހުރުމާ އެކު، ނަޝީދު ގޮތެއް ނުނިންމަވައި މަޑުކުރައްވަނީ ކަމަށް ބެލެވެއެވެ.
ކެމްޕެއިނަށް އެންމެ ފުރަތަމަ ނުކުމެވަޑައިގެންނެވި ރޭ، ސަލްޓަން ޕާކުގައި ނަޝީދު ވިދާޅުވީ 39،000 މެމްބަރުން އެމްޑީޕީން ވަކިކުރިކަމުގައި ވިޔަސް، ބާކީ ތިއްބެވި އެމްޑީޕީގެ މެމްބަރުން ވެސް އެމަނިކުފާނަށް ވޯޓު ދެއްވާނެކަން ޔަގީން ކަމަށާއި އެ ޔަގީންކަން އޮތުމުން ޕްރައިމަރީއަށް ނުކުމެވަޑައިގެންނެވީ ކަމަށެވެ.
"...39،000 އެމްޑީޕީ މެމްބަރުން ވަކިކޮށްފައި ހަމައެކަނި، މި އެތެރޭގެ އިންތިހާބެއް ގޮތްގޮތަ އެބުރުމަށްޓަކާ ކުރެއްވި ވިސްނުން އެއީ ހާދަ ދެއުޅިއްނުވާ ވިސްނުމެކޭ އަޅުގަނޑު ކުރިމަތިލާ މި ހުރީ. މިހާރު ބާކީ ތިބި މީހުން [އެމްޑީޕީ ދަފްތަރުގައި ތިއްބެވި 58175 މެމްބަރުން] ވެސް އަޅުގަނޑަށް ވޯޓުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އޮތަތީ،" ޑިސެމްބަރު 28، 2022 ވަނަ ދުވަހުގެ ރޭ ސަލްޓަންޕާކުގައި ބޭއްވި ކެމްޕެއިންގެ ފުރަތަމަ ޖަލްސާގައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެ ވިދާޅުވާ 39،000 މެމްބަރުންނަކީ އެހެން ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައި އޮތުމުންނާއި މެންބަރޝިޕް ފޯމުގައި ފިންގަރޕްރިންޓު ނެތުމުން ޕާޓީގެ ދަފްތަރުން އުނިކުރި މީހުންނެވެ. މީގެ ކުރިން އެމްޑީޕީން ގެންދިޔައީ އެ މީހުންގެ ނަންތައް ވެސް ހިމަނައިގެން، ވަކި ދަފްތަރެއް، ގެންގުޅެމުންނެވެ. ނަމަވެސް އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބި މީހުން، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލާ މައްސަލަ ބޮޑުވެ، އެ ދަފްތަރު ވަނީ އުވާލާފައެވެ. އެއަށްފަހު، އެމްޑީޕީން ބަލަމުން ގެންދަނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އެމްޑީޕީގެ ދަފްތަރަކީ އެ ޕާޓީގެ ދަފްތަރުކަމުގައެވެ.
އެމްޑީޕީއަކީ އެމަނިކުފާނުގެ ވެސް ޕާޓީއެެވެ. އެއީ ހަމައެކަނި ރައީސް ސޯލިހުގެ ޕާޓީއެއް ވެސް ނޫނެވެ. ޕްރައިމަރީން ބަލިވުމަކީ އެމްޑީޕީން ނަޝީދު އެކަހެރިކޮށްލައްވަން ބަޔަކު އުޅުއްވަނީ އެއްވެސް ނޫނެވެ. ޕްރައިރީގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ރައީސް ސާލިހު ދެއްކެވި ވާހަކައިން ދޭހަވި ކަމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ނަޝީދާ ދެމެދު އެއްވެސް ރުޅިވެރިކަމެއް ނުވަތަ ޒާތީވުމެއް ނެތް ކަމެވެ.
[caption id="attachment_46962" align="aligncenter" width="1280"] ޕްރައިމަރީން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން: ފޮޓޯ / ހަތާވީސް[/caption]
"މި ވަގުތު ކުރަންވީ ކަމަކީ ޕާޓީ އެކީގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރުން. ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ ވާދަވެރިކަން ނިމުނިއްޔޭ. އެކަން ނިމުނިއްޔޭ. ދެން ނުކުންނަންވީ އެކތިގަނޑެއް ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑިޕީ އަށް ކާމިޔާބުކުރަން،” ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ވިދާޅުވިއެވެ.
އެމަނިކުފާނު އެ ދެއްވަނީ ވަރަށް ސާފު މެސެޖެކެވެ. އެ ދައްކަވަނީ ޑިމޮކްރަސީގެ ރީތީ ނަމޫނާއެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް ބޭނުންފުޅުވެ ވަައިގަންނަވަނީ ނަޝީދުއާވެސް އެކުއެވެ. އެއްވެސް މީހަކު ބާކިކޮށްލައްވަން ބޭނުންފުޅުނުވާކަން ރައީސް އެބަ ވިދާޅުވެއެވެ. ބަލި ގަބޫލުކުރުމަކީ ޑިމޮކްރަސީގެ ރީތީ ނަމޫނާއެއް ކަމަށް ވިދާޅުވާމުން ގެންދަވާ ނަޝީދު އިންތިހާބުގެ ނަތީއްޖާ ގަބޫލުނުކުރެއްވުން ދޭހަވަނީ އެމަނިކުފާނު ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭކަމެވެ. ގަބޫލުކުރަން ދަތިވިޔަސް ހާމަވި އެއް ކަމަކީ މީގެ ކުރިން އެމަނިކުފާނަށް އޮތް ތާއިދު މިއަދު އެމްޑީޕީގައި ނެތްކަމެވެ. އެ ތާއިދުވެސް ލޯބީވެސް ލިބޭނީ އެންމެން އެކަތިގަނޑަކަށްވެގެންނެވެ. އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީއަށްވާއިރު މިއީ އެ ޕާ ޓީން ދެން ތިބި ޕާޓީތަކަށް ނަމޫނާ ދައްކަން ޖެހޭ ވަގުތެވެ. ހާއްސަކޮށް ނަޝީދެވެ.