މިދިޔަ އަހަރަކީ އެސްޓީއޯގެ ހަޔާތުގައި ވެސް އެންމެ ކާމިޔާބު އަހަރު ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ރިޕޯޓް ކުންފުނީގެ ވެބްސައިޓުގައި މިއަދު އާއްމު ކޮށްފައެވެ.
ރިޕޯޓުން ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގައިވެސް އެސްޓީއޯއަށް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓާއެކޭ އެއްފަދައިން، އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި 4 ވަނަ ކުއާޓާގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާއިރު 3 ވަނަ ކުއާޓާގައި ލިބިފައިވަނީ 255 މިލިއަން ރުފިޔާއެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ 4 ވަނަ ކުއާޓާގައި ލިބިފައިވާއިރު، 3 ވަނަ ކުއާޓާގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާއެވެ.
ކުއާޓާގެ ހިސާބުތަކާއެކު، އެ ކުންފުނިން ވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައްވެސް ހާމަކޮށްފައެވެ. އެގޮތުން، 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ލިބިފައެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 79 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައްވެސް ކުރިއަރާ، އާމްދަނީ އިތުރުވެފައިވުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ 41 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ ރިޕޯޓުން އިތުރަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ތާރީހުގައިވެސް އިތުރުނުވާ މިންވަރަށް އިތުރުވުމެވެ. އެ ގޮތުން އެ ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ، ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ.
މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެއެވެ. މިއީވެސް އައު ރެކޯޑެކެވެ. 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ. މިއީ 52 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ.