އެމެރިކާ، ހޮލެންޑް، ސްވިޒަލޭންޑް، ފަރަންސޭސިވިލާތް އަދި އޮސްޓްރިއާ ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުން ދަނީ ކީރިތި ރަސޫލާއަށާއި ކީރިތި ގުރުއާނަށް ފުރައްސާރަކުރުމުގެ މަގްސަދުގައި އިސްލާމްދީނަށް އެކި ގޮތް ގޮތަށް މަލާމަތްކުރަމުންނެވެ. އެކަންތައް ހިންގަނީ ވިސްނުންތެރިކަމާއެކު ރޭވިގެންނެވެ. އަދި ރަސްމީކޮށް ސްޕޮންސާ ކޮށްގެންނެވެ. އެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ނުރުހުން ލިބޭކަން އެނގިވެސް ތިބެއެވެ. ސެކިއުލާ ހުޅަނގުގެ އަސާސްތައް ކަމަށް ބުނެ ގުރުއާން އަންދާލުމަށް ތަކުރާރުކޮށް ގޮވާލުމަކީ މިހާރު ޔޫރަޕްގެ ބައެއް ގައުމުތަކުގައި ސްޓޭޓް ސްޕޮންސާ ކޮށްފައިވާ ކަމެކެވެ.

އޭގެ އެންމެ ފަހުގެ މިސާލަކީ މިދިޔަ ހޮނިހިރު ދުވަހު ސްވިޑެންގެ ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައި ސަރުކާރުގެ ހުއްދައާއެކު ހައްދުފަހަނައަޅާފައިވާ ޑެންމާކް ހާޑްލައިން ޕާޓީގެ ލީޑަރު ރަސްމުސް ޕަލޫދާން ގުރުއާން އަންދާލުމެވެ. ޕަލޫދާން، މީގެ ކުރިން ވެސް ގުރުއާން އަންދާލާފައިވާއިރު، އެ ހާދިސާގެ ސަބަބުން ސްވިޑެންގެ އެކި ކަންކޮޅުތަކުގައި ވަނީ ހަމަނުޖެހުންތައް ހިންގައިފައެވެ. މިބާވަތުގެ ހާދިސާތަކުން ވަރަށް ސާފުކޮށް އެނގެނީ ޔޫރަޕުން އިސްލާމްދީނަށް ނުވަތަ މުސްލިމުންނަށް އިހުތިރާމެއް ނުކުރާކަމެވެ. ޔޫރަޕްގެ ރަސްރަސްކަލުންނަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ނުވަތަ ދެކޮޅުވާ މީހުންގެ ވާހަކަތައް ގެނައުމަކީ ކުށެކެވެ. މިފަދަ ކަންކަން މަނާވެސް ކުރާނެއެވެ. އެކަމަކު އެތައް މިލިއަން މުސްލިމުންނެއްގެ ދީނަށް ފުރައްސާރަކޮށް ގެއްލުން ދިނުމަކީ ހަމަ މި މީހުންނަށް ރަނގަޅު ކަމެކެވެ. މިއީ ޑަބަލް ސްޓޭންޑަޑްތަކެއް ނޫން ހެއްޔެވެ؟

ރަސްމީ ފެންވަރުގައި މިފަދަ ކަންތައްތަކީ ދީނާއި މުސްލިމުންނާ ދެކޮޅު ފިކުރުތަކަށް ތާއީދުކޮށް ދީނުގެ އިލްމުތަކަށް ފުރައްސާރަކޮށް، ބަދުނާމުކުރުމަކީ އާންމުކޮށް ކުރާ ކަމެއް ކަން އެނގެއެވެ. މިސާލަކަށް ގުއަންޓަނާމޯ ބޭ އާއި އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ގުރުއާން އަންދާލުމަކީ އެމެރިކާގެ އިސްލާމްދީނާ ދެކޮޅު ކަނާތު ފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ ޕާސްޓާ ޓެރީ ޖޯންސް އާއި "މޮޔަ ފްރިންޖް" ގެ އެހެން މެމްބަރުންނަށް ބާރު ލިބުނު ކަމެކެވެ. ގުރުއާން އަންދާލުމުގެ ތަފާތު ދެ ހާދިސާއަކާ ގުޅިގެން އެމެރިކާގެ ސިފައިން، ޖިނާއީ ދައުވާއިން ސަލާމަތްވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
އެހެން ދީނުގެ ލިޔުމެއް އަންދާލިނަމަ އެމީހުންގެ އަދަބަކީ ކޮބައި ހެއްޔެވެ؟
މެދުއިރުމައްޗާއި އެފްރިކާ އަދި ދެކުނު އޭޝިއާގައި ގައިރު ގާނޫނީ ހަނގުރާމަތަކާއި އެމީހުން ގުޅުވަނީ އިސްލާމްދީނެވެ. ހުޅަނގުގެ މީޑިއާގެ ބައެއް ބައިތަކުގައި، ސިޔާސީ މައިދާނާއި، އިދާރާތަކުގައި އަމިއްލައަށް ޢައްޔަންކުރައްވާފައިވާ ދީނީ އިލްމުވެރިން، ޔޫރަޕްގެ މުސްލިމުންނަށް ހަމަލާދިނުމަށްޓަކައި ގިނައިން ބޭނުންކުރަނީ އޮޅުވާލައިފައިވާ ދީނީ ލިޔުންތަކެވެ.

ފަހަކަށް އައިސް ބައެއް ރިޕޯޓްތަކުން ކަށަވަރުކޮށްދެނީ "ޔޫރަޕްގައި ސަރުކާރުތަކުން އިސްލާމްދީނަށް ފުރައްސާރަ ކުރުން ގާނޫނީ ގޮތުން" ކުރާ ކަމެވެ. ކަންބޮޑުވާންޖެހޭ ކަމަކީ ގުރުއާނަކީ ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާއި ޓެރަރިޒަމާ ގުޅުވާތީއެވެ.

އެމެރިކާގެ ލިޔުންތެރިޔާ ޖެކް ޖީ ޝާހީން އޭނާގެ ފޮތް "ރީލް ބޭޑް އަރަބްސް" ގައި، ހޮލީވުޑުން މުސްލިމުންނާ މެދު ދެކޭ ގޮތަށް ވަރަށް ރަނގަޅަށް ކިޔަދީފައެވެ. މުސްލިމުންނަކީ ޓެރަރިސްޓުން އަދި ހަރުކަށި ފިކުރުގެ މީހުން ކަމަށާއި ހިޖާބު އަޅައިގެން އުޅޭ އަންހެނުންނަކީ ގައިރު މުސްލިމުން މެރުމަށް ތައްޔާރަށް ތިބި ބައެއްގެ ގޮތުގައި ހޮލީވުޑން ސިފަކުރާ ކަމަށް އޭނާ ބުންޏެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ލިޔުންތެރިޔާ އަދި އެޑިޓަރު ސްޓީވް ރޯޒް ވެސް ވަނީ ހޮލީވުޑްގެ ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ އިސްލާމްދިނާ ދެކޮޅު ކަންކަމަކީ މިހާރުވެސް މައްސަލައިގެ ބޮޑު ބައެއް ކަމަށް ބުނެފައެވެ.

ޒަމާނުއްސުރެ، ވެރިކަމުގެ ބާރުބޮޑު ސަރުކާރުތަކާއި، އަނިޔާވެރި ސަރުކާރުތަކާއި، ޑިކްޓޭޓަރުންނާއި، ހަރުކަށި ފިކުރުގެ މީހުންނާއި، ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ފޮތްތައް އަންދާލުމުގައި ހަރަކާތްތެރިވަމުން އައީ، މައިގަނޑު ގޮތެއްގައި، އެމީހުންގެ އަމިއްލަ އަށް އުފެއްދި ވިސްނުމުގެ ވައްޓަފާޅިތައް ކަނޑައެޅުމަށާއި، އެމީހުންގެ އަނިޔާވެރި އުސޫލުތައް އިތުރުކުރުމަށެވެ. ތިއަރީގޮތުން ބަލާއިރު، ޔޫރަޕަކީ އަލިގަދަ، އަދި ޒަމާނީ ޢިލްމާއި ސައިންޓިފިކް ހޯދުންތަކުގެ ބެލެނިވެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައުމުތަކެއް ނަމަވެސް އަމަލީގޮތުން ޔޫރަޕްގެ ސަރުކާރުތަކަކީ މިނިވަން ވިސްނުމާއި ލިބަރަލް ވިސްނުމުގެ ދެކޮޅުވެރިންގެ ގޮތުގައި ޓްރެކް ރެކޯޑެއް އޮންނަ ގައުމުތަކެކެވެ.

ކޮލަމިސްޓް ހެލްމުޓް ސޯޖް ލިޔުއްވާފައިވާ ލިޔުމެއްގައި ޖަރުމަނުގެ މަޝްހޫރު ލިޔުންތެރިޔާ ހެންރިކް ހެއިންއާ ހަވާލާދީ އޭނާގެ މަޝްހޫރު ޑްރާމާ "އަލްމަންސޯރު" ގައި ބުނެފައި ވަނީ "އެންމެ ފަހުން ފޮތްތައް އަންދާލާ ތަނެއްގައި މީހުން އަންދާލާނެ" ކަމަށެވެ.