ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގައުމުން ބޭރުގައި އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަންނަ މަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ ބައެއް އިސް ވެރިން އިއްޔެ ވިދާޅުވެއްޖެއެވެ.

ޕީއެމްއެލް-އެންގެ ޕަންޖާބު ޕްރޮވިންސްގެ ގަވަރުނަރު ބާލީގުރް ރަހްމާން ވިދާޅުވީ، ނަވާޒްގެ ދަރިކަނބަލުން އަދި ޕީއެމްއެލް-އެންގެ ޗީފް އޯގަނައިޒަރު މަރިޔަމް ނަވާޒް ވެސް މި މަހު ލަންޑަނުން އެނބުރި ވަޑައިގެން ޕާޓީގެ ކަންކަން ބައްލަވާނެ ކަމަށެވެ. ނަވާޒް ޝަރީފް، މަހެއްހާ ދުވަހުގެ ތެރޭގައި އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ސްޕެޝަލް އެސިސްޓެންޓް މަލިކް އަހްމަދު ހާން ޕީޓީއައި ނޫސް އެޖެންސީއަށް ވިދާޅުވީ، ޕަންޖާބާއި ހައިބަރު ޕަހްތޫންހުވާ (ކޭޕީ) ޕްރޮވިންސްގެ މުހިންމު އިންތިހާބުތަކުގެ ކުރިން އެނބުރި ވަޑައިގަތުމަށް އެ ޕާޓީން އެދުމުން، އުމުރުން 73 އަހަރުގެ ނަވާޒް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

މަގާމުން ދުރުކުރި ބޮޑުވަޒީރު އިމްރާން ހާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ދާދި ފަހުން ވަނީ ޕަންޖާބާއި ކޭޕީގެ އެސެމްބްލީތައް އުވާލައި، ޕީއެމްއެލް-އެން ފެޑެރަލް ކޯލިޝަނަށް އެ ގައުމުގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައިފައެވެ.

"ޕަންޖާބާއި ކޭޕީގެ އިންތިހާބު އޮންނާނީ 90 ދުވަސް ފަހުން، ޕީއެމްއެލް-އެން އިން ބޭނުންވަނީ ދެ ޕްރޮވިންސްގައި ވެސް ކެމްޕޭން ކުރިއަށް ގެންދިއުމަށް ނަވާޒް ޕާކިސްތާނުގައި ހުންނެވުން،" ބޮޑުވަޒީރުގެ ސްޕެޝަލް އެސިސްޓެންޓް ވިދާޅުވިއެވެ.

ނަވާޒްގެ އަރިސް ބޭފުޅެއް ކަމަށްވާ ފެޑެރަލް މިނިސްޓަރު ސަރުދާރު އަޔާޒް ސާދިގު ވިދާޅުވީ ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް އަންނަ މަހު އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. "ނަވާޒު ފެބްރުއަރީ މަހު އެނބުރި އަންނާނީ ސިޔާސީ މައިދާނުގައި އިމްރާން ބަލިކުރަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ދާހިލީ ވަޒީރު ރަނާ ވިދާޅުވީ ނަވާޒް އެނބުރި ވަޑައިގަންނަވާނީ އެމަނިކުފާނަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ލުޔެއް ލިބުމުން ކަމަށެވެ. ނަވާޒް އެނބުރި ވަޑައިގަތުމުން ޖަލަށް ވަޑައިނުގަންނަވާނެ ކަމަށާއި އޭގެ ކުރިން އެމަނިކުފާނަށް ކަފާލާތު ލިބިވަޑައިގަންނަވާނެ ކަމަށް ސަނައުﷲ ވިދާޅުވިއެވެ.

ދާދި ފަހުން ބޭއްވި ޕާޓީން ބޭއްވި ބައްދަލުވުންތަކުގައި ގިނަ ބައިވެރިން ވަނީ ނަވާޒު އެނބުރި ވަޑައިނުގެންފިނަމަ ޕާޓީއަށް ނުތަނަވަސްކަން ކުރިމަތިވެދާނެތީ، ލަސްނުކޮށް އެނބުރި ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

ނަވާޒު ލަންޑަނަށް ވަޑައިގެންނެވީ އަޒީޒިއާ ކޮރަޕްޝަންގެ މައްސަލާގައި ލާހޯރުގެ ކޯޓުން، ލަކްޕަތު ޖަލުގައި ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނިކޮށް ބޭސްފަރުވާއަށެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު އަދި މިހާރުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ކޯޓަށް އޭރު ދެއްވި ޔަގީންކަމަކީ ހަތަރު ހަފްތާގެ ތެރޭގައި ނަވާޒް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ސިއްހީ ސަބަބުތަކާ ހުރެ އެނބުރި އައުން ތަކުރާރުކޮށް ލަސްކުރެއްވިއެވެ.

ނަވާޒް ޝަރީފްގެ ޕާސްޕޯޓުގެ މުއްދަތު ހަމަވީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ޝަހްބާޒް ޝަރީފްގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޮޑު ޝަރީފަށް އާ ޕާސްޕޯޓެއް ދޫކޮށްފައެވެ. ސިއްހީ ސަބަބުތަކަށްޓަކައި އިތުރަށް އިނގިރޭސިވިލާތުގައި ނުހުރެވޭނެ ކަމަށް އެ ގައުމުގެ ހޯމް ޑީޕާޓްމެންޓުން ނަވާޒަށް އެންގެވިއެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން އިމިގްރޭޝަން ޓްރައިބިއުނަލުގައި ވަނީ އިސްތިއުނާފްއަށް ހުށަހަޅާފައެވެ.

ނަވާޒް ޝަރީފް އިނގިރޭސިވިލާތުގައި މަޑުކުރެއްވުމަށް އެދި ހުށަހެޅުއްވި މައްސަލާގައި ޓްރައިބިއުނަލުން ގޮތެއް ނިންމަންދެން ގާނޫނީ ގޮތުން އެ ގައުމުގައި ހުންނެވުމުގެ ފުރުސަތު އެބައޮތެވެ.