މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއާއި އޭނަގެ ކުރީގެ ލޯބިވެރިޔާ، ސްޕެއިނުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭއާ ދެމެދުގައި އޮތް ހަސަދަވެރިކަން އިންތިހާއަށް މައްޗަށް ގޮސްފިއެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ތެރެއިން އުފެދުނު ލޯބީގެ ގުޅުމާއެކު ޕީކޭއާއި ޝަކީރާ މިދިޔަ އަހަރާއި ހަމައަށް އޮތީ ވަރުގަދަ ގުޅުމެކެވެ. އެ ލޯބި ނިމުމަކަށް އައީ ޕީކޭ އޭނާއަށް ބޭވަފާތެރިވުމުން ކަމަށް ޝަކީރާ ބުނެފައިވާ އިރު، ޕީކޭ ވެސް އެކަން ދޮގުކޮށްފައެއް ނުވެއެވެ. އެފަހުން ޕީކޭ ވެސް އަދި ޝަކީރާ ވެސް އިތުރު ލޯބިވެރިން ގެންގުޅެފައިވެއެވެ.
އެކުގައި ހޭދަކުރި 10 އަހަރަށް ވުރެން ގިނަ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ވެސް ވަރަށް ލޯބިން އުޅުނު ޝަކީރާއާއި ޕީކޭއަށް ދެ ކުދިން ލިބިފައިވާ އިރު، އެ ދެ ލޯބިވެރިން ކައިވެނިކޮށްފައެއް ނުވެއެވެ. ސަބަބެއްގެ ގޮތުގައި ޝަކީރާ ކުރިން ބުނީ، ކައިވެނި ނުކުރު ނަމަވެސް އެއީ ވަރުގަދަ ލޯތްބެއް ކަމަށާއި، އެ ގުޅުން ދެމިއޮންނާނެ ކަމަށެވެ.
މި ދެ ލޯބިވެރިންގެ ގުޅުނު މިދިޔަ އަހަރުގެ ތެރޭގައި ނިމުމަށްފަހު 35 އަހަރުގެ ޕީކޭ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އުމުރުން 23 އަހަރުގެ ކްލާރާ ޗިއާ ކިޔާ އަންހެނަކާއެވެ. ޕީކޭގެ އެ ގުޅުން ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އޮތް އިރު، ޝަކީރާއާއި އޭނާއާއި ދެމެދު މިހާރު އޮތީ ކޮންކަހަލަ ގުޅުމެއް ކަމެއް ގިނަ މީހުންނަށް އޮތީ ނޭންގިއެވެ.
ނަމަވެސް މިފަހުން ޝަކީރާ ނެރުނު އައު ލަވައިގައި ވަނީ ޕީކޭއާއެކު އޮތް ގުޅުން ވަރަށް ސާފުކޮށް ކިޔައިދޭ އެ ދެމެދުގައި ހިފާފައިވާ ޖަޒުބާތީ ހުޅުގަނޑު ބަނޑުން ކޮށްލާފައެވެ.
ހިތް ހަލާކުވެފައި ހުރެގެން ހެދި ލަވައިގައި ޝަކީރާ ބުނަނީ 22 އަހަރުގެ އަންހެން ކުއްޖަކަށް ވުރެ މާ ބޮޑަށް އޭނާގެ އަގު ހުންނާނެ ކަމަށެވެ. ޕީކޭ އަގުބޮޑު އެއްޗެއް ދޫކޮށްލާފައި ދިޔައީ އަގެއް ނެތް އެއްޗެއް ފަހަތުންނޭ ބުނާކަން ދޭހަވެ އެވެ.
ޕީކޭ އެނބުރި އަޔަސް ފުރުސަތެއް ނެތް ކަމަށާއި އޭނާ އަށް އެންމެ ބޭނުން ޖެހުނު ވަގުތު ދޫކޮށް ދިޔައީ ކަމަށް ވެސް އެ ލަވައިގައި ބުނެ އެވެ.
ފެރާރީ ކާރެއް ތިޔަ ބަދަލު ކޮށްލީ ޓުވިންގޯއަކަށް. ރޮލެކްސް ގަޑިއެއް ތިޔަ ބަދަލު ކޮށްލީ ކެސިއޯއަކަށް،" ޕީކޭއާއި ޕީކޭގެ ލޯބިވެރިޔާއަށް ފާޑު ކިޔަމުން ޝަކީރާގެ ލަވައިގައި ބުނެފައިވެއެވެ.
ރޮލެކްސަށްވުރެން ކެސިއޯ ދަށްކޮށްލުމުގެ ގޮތުން ޝަކީރާ ލަވައިގައި ބުނެފައިވާ ބަސްތަކަށް ކެސިއޯއިން ވަނީ ފާޑުކިޔައިފައެވެ. ކެސިއޯއިން ބުނެފައިވަނީ ޕީކޭއާއި ޝަކީރާގެ ގުޅުމަށްވުރެން އެ ގަޑީގެ ބެޓެރިވެސް ދިގުކަމަށެވެ.
މީގެ އިތުރުން ޕީކޭ ވަނީ އެ ލަވައަށްފަހު ކެސިއޯއާއެކު ސްޕޮންސާޝިޕް ޑީލެއް ވެސް ހަދައިފައެވެ. ޕީކޭގެ ކިންގްސް ލީގުގެ ޕާޓަނަރެއްގެ ގޮތުގައި ކެސިއޯއާއެކު އެއްބަސްވުމެއްގައި ސޮއި ކުރި އިރު، އެއީ ހަތް ކުޅުންތެރިންގެ މެދުގައި ކުޅޭ ފުޓުބޯޅަ ލީގެކެވެ. ޕީކޭގެ މި އެއްބަސްވުމާއެކު ޝަކީރާގެ ލަވަޔަކަށް ހިޔަނި އެޅިގެންދިޔައިރު، އެ ދެމީހުންގެ ދެމެދުގައި އޮތް ހަސަވެރިކަމަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި އެކަމަކުގެ ސަބަބުން އެ ދެމީހުންނަށް ލިބިފައިވާ ދަރިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ.