އޮފީހުގައި ޗުއްޓީއަކަށް އެދުނީ ބައްޕަ މަރުވެގެން ކަމަށް ބުނެއެވެ. ބައްޕަގެ ޖަނާޒާގައި ބައިވެރިވާންށެވެ. ޖަނާޒާ ބާއްވަނީ އެހެން ސިޓީއެއްގައި ކަމަށްވެސް އޭނާ ބުންޏެވެ. އެކަމަކު ކެނެޑާގެ ސީބީސީ ނޯތް ނޫހުގެ ސުޕަވައިޒަރު ޕަސްކަލް ސްޓާލިން ހެދި ދޮގު ފަަޅާއަރަން މާ ގިނަ ދުވަސްތަކެއް ނުނަގައެވެ. އެ ދޮގުތައް ފަޅާއަރުވާލީ ސޯޝަލް މިޑިއަށް ދޫކޮށްލި ފޮޓޯތަކުންނެވެ. މާ ފަހުން އެނގުނު ގޮތުގައި ބައްޕަގެ ޖަނާޒާގައި ބައިވެރިވާން ދިޔަ ޕަސްކަލް ހުރީ ރާއްޖޭގައެވެ. ޗުއްޓީ ހޭދަކުރަންށެވެ. އަދި އެ ވެސް ކުންފުނީގެ ކްރެޑިޓްކާޑް ބޭނުންކޮށްގެންނެވެ. ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށް ސާބިތުވެ 18 މަހަށް ޖަލަށްލާން ކެނެޑާގެ ކޯޓަކުން ވަނީ ހުކުރު ދުވަހު އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ.
ސްޓާލިން ރާއްޖޭގައި ޗުއްޓީ ހޭދަކުރީ 2018 ވަނަ އަހަރުއެވެ. އަދި އެ އަހަރު އޭނާ މެކްސިކޯއަށްވެސް ދިޔައެވެ. ޗުއްޓީއަށާއި އިންޓަނެޓް ބިލަށް ސީބީސީ ކުންފުނީގެ ކްރެޑިޓް ކާޑުން އޭނާ ވަނީ 3،600 ޑޮލަރު ހަރަދުކޮށްފައެވެ. ހަރަދުތަކާ ގުޅޭ ގޮތުން ކުންފުނިން ސުވާލުކުރުމުން ބުނީ ކްރެޑިޓް ކާޑު ބޭނުންކުރީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށެވެ. އޭނާ ބުނީ ފުލުހުންނަށް ގުޅި ނަމަވެސް ރިޕޯޓެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ސްޓާލިން ފަހުން ވަނީ އޭނާގެ ބައްޕަ މަރުވެފައިވާ ކަމަށް ބުނެ ދޮގު ހެދިކަމަށް އިއުތިރާފުވެފައެވެ. އަދި ކްރެޑިޓް ކާޑު އަމިއްލަ ހަރަދުތަކަށް ބޭނުންކުރި ކަމަށް ވެސް އިއުތިރާފުވެފައެވެ. ސްޓާލިންގެ މައްޗަށް ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އެ ކުންފުންޏަށް 7،817 ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ. ކޮވިޑް-19 އާ ގުޅިގެން އޭނާގެ ޝަރީއަތް އެތައް ފަހަރެއްގެ މަތިން ފަސްކުރިއެވެ.
[caption id="attachment_46312" align="aligncenter" width="1280"] ސްޓާލިން ވަޒީފާ އަދަކުރަމުން އައީ ސީބީސީ ނިއުސް ގައި[/caption]
މޮންޓްރިއަލްގައި ހުންނަ އޭނާގެ ގެއިން ވީޑިއޯ މެދުވެރިކޮށް ޔެލޯނައިފް ކޯޓްހައުސްއަށް ހާޒިރުވި ސްޓާލިން ވަނީ އޭނާގެ އަމަލުތަކަށް މައާފަށް އެދިފައެވެ. އޭނާއަށް ކުރެވުނު ކުށަށް ދެރަވެ ހިތާމަކުރާ ކަމަށް ބުނެފައެވެ. ސްޓާލިންގެ ވަކީލް ޓޫ ފާމް ވިދާޅުވީ އޭރު ސްޓާލިން އަށް މާލީ މައްސަލަތަކެއް ދިމާވި ކަމަށެވެ. އަދި ޑިޕްރެޝަނާވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.
ފާމް ބުނީ ސްޓާލިން ވައްކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ނަމަވެސް އޭނާ އެ ފައިސާ ބޭނުންކުރީ ފަހުން ދައްކަން ޖެހިއްޖެ ނަމަ ދައްކާ ގޮތަށް ކަމަށެވެ. ވަކީލް ވިދާޅުވީ އެ މައްސަލައިގެ ސަބަބުން ވަޒީފާ ހޯދުމުގައި ސްޓާލިންއަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓާލިން އަކީ ވަޒީފާ ނެތްތާ ތިން އަހަރު ވެފައިވާ މީހެކެވެ. މިހާރު އުމުރުން 40 އަހަރު ފުރިފައިވާ ސްޓާލިންގެ ތިން ދަރިން ވެސް އެބަހުރި ކަމަށް ވަކީލް ވިދާޅުވިއެވެ. ސީބީސީއަށް އަނބުރާ ފައިސާ ދައްކަން ކޯޓުން ކުރި ހުކުމުގައިވެއެވެ.
ކުރިއަށް އޮތް ހަ އަހަރަށް އެއްވެސް މާލީ ޒިންމާ އުފުލަން ޖެހޭ ވަޒީފާއެއް އަދާކުރަން މި ހުކުމް ހުރަސްއެޅޭނެއެވެ.