ދުނިޔެދަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ހަލަބޮލިވަމުން ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން އިސް ނަގައިގެން 100އަށްވުރެ ގިނަ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއެކު ވާޗުއަލްކޮށް އިއްޔެ ފެށި ގްލޯބަލް ސައުތް ސަމިޓްގައި ޖައިޝަންކަރު ވިދާޅުވީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަމަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އަލުން ފެތުރިދާނެ ކަމުގެ ކަންބޮޑުވުންތަކުގެ ސަބަބުން އިހުސާސްތައް "ހީނަރުވަމުންދާ" ކަމަށް ވިދާޅުވިއެވެ.

މިއީ ޖީ-20 މަރުހަލާގެ ތެރޭގައި މަޝްވަރާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ހިޔާލުތައް ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ވާޗުއަލް ސަމިޓުގެ ފުރަތަމަ ދުވަހު ބޭއްވި ހަތަރު ސެޝަންގެ ތެރެއިން އެއް ސެޝަނެވެ. ޖައިޝަންކަރު ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އަރްމީނިއާ، އެލް ސަލްވަޑޯ، ޖޯޖިއާ، އީރާން، ޖެމެއިކާ، ރާއްޖެ، އޮމާން، ޕެނަމާ، ޓިއުނީޝިއާ އަދި ޔުގެންޑާގެ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ދަރަނި ބޮޑުވި އިރުވެސް ކެޕިޓަލް ފްލޯ ކޮންސްޓްރިކްޓް ވާން ފެށީ. ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކުން ވަނީ މި ކަންބޮޑުވުންތައް ރަނގަޅަށް ދެނެގަނެ އެކަމަށް ޙައްލު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައި. ކޮވިޑް-19 އާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުން އިހުސާސްތައް އިތުރަށް ހީނަރުވަމުން އެބަދޭ،" ޗައިނާގައި ކޮރޯނާވައިރަހުގެ ކޭސްތައް އެންމެ ފަހުން އިތުރުވުމާ ގުޅިގެން އޭނާ ވިދާޅުވިއެވެ.

"ވޮއިސް އޮފް ދަ ގްލޯބަލް ސައުތު ސަމިޓް" ގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ވިސްނުމާއި އިސްކަންދޭ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތު ލިބެނީ ޖީ-20 ގެ ބަހުސްތަކާއި މަޝްވަރާތަކުގައި އެ ގައުމުތަކުގެ މައިގަނޑު ކަންބޮޑުވުންތައް ހިފެހެއްޓިފައި ނުވާތީ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ޖައިޝަންކަރު ހުށަހެޅުއްވީ ގްލޯބަލައިޒޭޝަންގެ "ގްލޯބަލް ސައުތު ސެންސިޓިވް" މޮޑެލްއަށް އަސާސީ ތިން ބަދަލެއް ގެނައުމަށެވެ. އެއީ "ސެލްފް ސެންޓްރަލް ގްލޯބަލައިޒޭޝަނުން ހިއުމަން ސެންޓްރަލް ގްލޯބަލައިޒޭޝަނަށް" ބަދަލުވުމާއި، ޓްރާންސްފޮމޭޝަނަށް ގްލޯބަލް ސައުތު ލީޑް އިނޮވޭޝަންތައް ބޭނުންކުރުމާއި، ދަރަނި އުފެއްދުމުގެ މަޝްރޫއުތަކުން ޑިމާންޑް ޑްރައިވިން އަދި ދެމެހެއްޓެނިވި ތަރައްގީއަށް ބަދަލުވުމެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުންވެސް މަސައްކަތް ކުރަންޖެހޭނީ އެހެން ގައުމުތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުންކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަން ކުރެވޭނީ އޭނާ ވިދާޅުވި ގޮތުންނަމަ ގްލޯބަލައިޒޭޝަން ޑީ-ސެންޓްރަލައިޒް ކޮށްގެންނެވެ. އެކަމަށްޓަކައި ލޯކަލައިޒޭޝަން، ކަނެކްޓިވިޓީ ރަނގަޅުކުރުމާއި، ސަޕްލައި ޗެއިންތައް ރީކޮންފިގްރޭޓް ކުރަން ޖެހެއެވެ.

ޖައިޝަންކަރު ވިދާޅުވީ ޔުނިވާސަލް އައިޑެންޓިފިކޭޝަން، ފައިނޭންޝަލް ޕޭމަންޓް، ޑައިރެކްޓް ބެނިފިޓް ޓްރާންސްފާ، ޑިޖިޓަލް ހެލްތު، ކޮމާސް އަދި ލޮޖިސްޓިކްސް އަށް ޑިޖިޓަލް ޕަބްލިކް ގުޑްސްގެ ތަޖުރިބާ ހިއްސާކުރަން އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އިންޑިޔާއިން 78 ގައުމެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާކަމަށާއި، އެއީ ދެފުށް ފެންނަ، ބާރުވެރިކުރުވުމާއި ތިމާވެށްޓާ ރައްޓެހި މަޝްރޫއުތަކެއްކަމަށާއި، ސިޔާދަތާއި ސަރަޙައްދީ އެއްބައިވަންތަކަމަށް އިހްތިރާމްކުރުން ވެސް ކަށަވަރުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ސަމިޓްގެ އެއްވެސް ސެޝަނެއްގައި ޗައިނާއިން ބައިވެރިއެއް ނުވެއެވެ. އެ ގައުމުން އެ ސަމިޓް ރާވާފައިވާ ކަން އިންޑިއާއިން އަންގާފައިނުވާ ކަމަށެވެ. ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ބެއިޖިންގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ "ހިއްސާވާ އުންމީދުތަކާއި ގާނޫނީ ކަންބޮޑުވުންތަކަށް" ޗައިނާއިން އަބަދުވެސް ބައިނަލްއަގުވާމީ ސަމާލުކަން ހޯދަން ބޭނުންވާ ކަމަށެވެ.