ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ބަންދުކުރި ޗައިނާގެ ބޯޑަރުތައް އަލުން ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ޗައިނާގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރީ 2020 ވަނަ އަހަރުގެ މާޗް މަހުއެވެ. ފަތުރުވެރިންނަށް އަލުން ޗައިނާ ހުޅުވާލާފައިމިވަނީ ތިން އަހަރު ފަހުންނެވެ. އަލުން ޗައިނާ ހުޅުވާލުމާއެކު އެގައުމަށް އެތެރެވާ ފަތުރުވެރިން ކަރަންޓީނުވާކަށް ނުޖެހޭނެއެވެ. ނަމަވެސް ދަތުރުކުރެވޭނީ ފުރުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތިއްޖާއާއެކުއެވެ.

މި ނިންމުން ވެގެން ގޮސްފައިވަނީ ގައުމުން ބޭރުގައި ތާށިވެފައި ތިބި ޗައިނާ މީހުންނަށްވެސް ލިބުނު އުފާވެރި ހަބަރަކަށެވެ. އެ މީހުން ދަނީ އެ ނިންމުމަށް މަރުހަބާ ކިޔަމުންނެވެ.

ކުރިއަށް އޮތް ހަފުތާތަކުގައި ހޮންކޮންގްގެ ހަތަރު ލައްކަ މީހުން ޗައިނާއަށް ދަތުރުކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބެއިޖިން އާއި ޒިއާމެން ފަދަ ސިޓީތަކަށް ވެސް ގިނަ ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އަދި އަވަށްޓެރި ގައުމުތަކުގައި ތިބި ޗައިނާގެ ގިނަ އަދަދެއްގެ ދަރިވަރުން އެއްގަމު މަގުން ދަތުރުކުރާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަން ނުޖަހަން ޝަރުތުކޮށް ބީބީސީއަށް މައުލޫމާތު ދިން މީހަކު ބުނީ ތިން އަހަރުގެ ތެރޭގައި އޭނާގެ އާއިލާއާ އެއްވެސް ގޮތަކަށް ބައްދަލުވެފައިނުވާ ކަމަށެވެ. ބޯޑަރުތައް ހުޅުވާލުމާއެކު މިހާރު އޭނާ ވަނީ އަނބުރާ ގައުމަށް ދިޔުމަށް ޓިކެޓް ނަގާފައެވެ. ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އަންހެނަކު ބުނީ އޭނާގެ މައިންބަފައިންގެ ތެރެއިން އެކަކަށް ކޮލޯން ކެންސަރު ޖެހިފައިވާ ކަމަށެވެ. ނަމަވެސް ފާއިތުވި ތިން އަހަރު މައިންބަފައިންނާ ބައްދަލުވެފައިނުވާ ކަމަށެވެ. "އަހަރެން މިހިރީ ވަރަށް އުފަލުން" އެ އަންހެން މީހާ ކިޔައިދިނެވެ.

ޗައިނާ، އަލުން ހުޅުވާލާފައިވަނީ ކުލަގަދަ ގޮތެއްގައި ފާހަގަކުރާ އާ އަހަރުގެ "ޗުންޔުން" ފެށުނު ހިސާބުންނެވެ. ބަލިމަޑުކަމުގެ ކުރިން އެ ދުވަސްތައް ފާހަގަކުރަން ގިނަ ބަޔަކު އާއިލާ ގާތަށް ދަތުރު ކުރެއެވެ. ޗައިނާގައި ހުރެގެން ބީބީސީއާ ވާހަކަ ދެއްކި މާކް ކްލެޓަން ބުނީ ކޮވިޑުގެ ކުރިއެކޭ އެއް ގޮތަށް ޗައިނާއަށް މިހާާރު ދަތުރުކުރުން ވަރަށް ފަސޭހަ ކަމަށެވެ.

ނަމަވެސް ބޯޑަރު ހުޅުވާލުމުން ވައިރަސް އިތުރަށް ފެތުރޭނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. ޗައިނާގެ ބަސް ޑްރައިވަރަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އެތެރެވާ ދަތުރުވެރިންގެ ކިބައިން ވައިރަސް ފެތުރިދާނެތީވެ ކަންބޮޑުވާ ކަމަށެވެ. އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުންފުނީގައި އެދިފައިވާ ކަމަށް އެ ޑްރައިވަރު ބީބީސީގައި ބުންޏެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ޗައިނާއަކީ ދުނިޔޭގެ އެންމެ ހަރުކަށި ކޮވިޑް ސިޔާސަތު ގެންގުޅުނު އެއް ގައުމެވެ. އެ ސިޔާސަތުތަކުގެ ސަބަބުން ގިނަ ލޮކްޑައުންތަކެއް ކުރިމަތިވިއެވެ. އަދި އިގްތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ.

ޝިންޖިއާން ސަރަހައްދުގެ އުސް ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވުމާ ގުޅިގެން އެގައުމުގެ އެކި ކަންކޮޅުތަކުގައި ހިނގި ބޮޑު މުޒާހަރާތަކަށް ފަހު ސަރުކާރުން ވަނީ ކޮވިޑްގެ ހަރުކަށި ސިޔާސަތުތައް އުވާލާފައެވެ. ޗައިނާގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކޮވިޑްގެ ފިޔަވަޅުތަކެއްގެ ސަބަބުން ގިނަ އަަދަދެއްގެ ބަޔަކު މަރުވިއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަން ދޮގުކުރެއެވެ.

ސިޔާސަތުތައް އުވާލި ފަހުން ހޮސްޕިޓަލްތަކާއި ގަބުރުސްތާނުތައް ފުރިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. ނަމަވެސް އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު އާންމުކުރުން މިހާރު ވަނީ ހުއްޓާލާފައެވެ. ކޮވިޑާ ދެކޮޅަށް ފާޑުކިޔާ 1000 އަށް ވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.

ޗައިނާއިން ބޭރަށް ދަތުރުކުރުން އިތުރުވާނެ ކަމަށް ބެލެވޭތީވެ ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ޗައިނާއިން އެތެރެވާ މީހުންގެ ކޮވިޑް-19 ގެ ނެގެޓިވް ޓެސްޓެއް ހަދަން ޖެހޭ ގޮތަށް މަޖުބޫރު ކޮށްފައެވެ. އެ ނިންމުމަށް ޗައިނާ ސަރުކާރުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.