ސަތޭކަ ވިއްސަށްވުރެ ގިނަ ގައުމުތަކާއެކު އަވައްޓެރި އިންޑިއާ އިން ވާޗުއަލް ސަމިޓެއް ބާއްވަން ނިންމައިފިއެވެ.
އައު އަދި ތަފާތު އިނީޝިއޭޓިވްއެއްގެ ދަށުން އިންޑިއާއިން ބާއްވާ މި ސަމިޓު އޮންނާނީ މިމަހުގެ 12ވަނަ އަދި 13ވަނަ ދުވަހުއެވެ. "އަޑުގެ އެއްބައިވަންތަކަން، މަގުސަދުގެ އެއްބައިވަންތަކަން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މަގްސަދަކީ ގްލޯބަލް ސައުތުގެ ގައުމުތައް އެއްތަނަކަށް ގެނެސް، އެ ގައުމުތަކުގެ ވިސްނުމާއި އިސްކަންދޭ ކަންކަން އެއް ޕްލެޓްފޯމެއްގައި ހިއްސާކުރުން ކަމަށް އެގައުމުން ބުނެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ސަބްކާ ސާތު"، "ސަބްކާ ވިކާސް"، "ސަބްކާ ވިޝްވާސް" އަދި "ސަބްކާ ޕްރަޔާސް" ގެ ވިސްނުންފުޅުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ އެ ހަރަކާތަކީ އިންޑިއާގެ ވަސުދައިވާ ކުޓުމްބަކަމްގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ހަރަކާތެކެވެ.
ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓުގެ މަޝްވަރާތަކުގައި ބައިވެރިވާ ގައުމުތަކުން ލިބޭ އަގުހުރި މައުލޫމާތުތަކަށް ދުނިޔޭގެ ފެންވަރުގައި އެކަށީގެންވާ ސަމާލުކަމެއް ދިނުމަށް އިންޑިއާއިން މަސައްކަތް ކުރާނެ ކަމަށް އެގައުމުން ބުނެއެވެ.
މީގެ އިތުރުން ޖީ-20ގެ ދަށުން އިންޑިއާއިން މިހާރު ކުރިއަށްގެންދާ ޕްރެޒިޑެންސީގެ ސަބަބުން ޖީ-20 ޕްރޮސެސްގައި ނުހިމެނޭ ގައުމުތަކަށް ޖީ20 އާ މެދު އެމީހުންގެ ވިސްނުމާއި އުއްމީދުތައް ހިއްސާކުރުމަށް ހާއްސަ އަދި ހަރުދަނާ ފުރުސަތެއް ލިބިގެންދެއެވެ. އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީ ބައްޓަންކުރާނީ ހަމައެކަނި ޖީ-20 ޕާޓްނަރުންގެ އިތުރުން ގްލޯބަލް ސައުތުގައި ތިއްބެވި އާންމުކޮށް އެމީހުންގެ އިހްސާސްތައް ހިއްސާނުކުރެވިފައިވާ އަޅުގަނޑުމެންގެ އެކުވެރި ދަތުރުވެރިންނާ ވެސް މަޝްވަރާ ކޮށްގެން ކަމަށް ބޮޑުވަޒީރު ވިދާޅުވުމާ އެއްގޮތަށެވެ.
މި ސަމިޓްގައި 10 ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖެނުއަރީ 12 ވަނަ ދުވަހު ހަތަރު ސެޝަނެއް އަދި ޖެނުއަރީ 13 ވަނަ ދުވަހު ހަ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ސެޝަނެއްގައި ވެސް 10-20 ގައުމެއްގެ ލީޑަރުން/މިނިސްޓަރުން ބައިވެރިވާނެ ކަމަށް އިންޑިއާ އިން ބުނެއެވެ.