އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގައި މަޖިލީހުގެ ރައީސަކު އިންތިހާބު ނުކުރެވި ތިން ދުވަސް ފަހަނައަޅާ ގޮސްފިއެވެ.

ހައުސްގެ ރިޕަބްލިކަން ޕާޓީގެ ލީޑަރު އަދި ރެޕްރެޒެންޓޭޓިވް ކެވިން މެކާތީ އަށް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވާން ބޭނުންވާ 10 ވޯޓު ނުލިބި އިންތިހާބު ވަނީ ނުވެފައެވެ. މަޖިލީހުގެ ރައީސަކު ހޮވަން 10 ފަހަރަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެެވެ.
މަޖިލީހުގެ ރައީސް އެހާ މުހިންމު ވަނީ ކީއްވެ ހެއްޔެވެ؟
ހައުސްގެ ރައީސްގެ މަގާމަކީ ވޮޝިންޓަންގެ އެންމެ ބާރުގަދަ އެއް މަގާމެވެ. އެމެރިކާގެ ރައީސެއްގެ އެޖެންޑާއަށް ގޮތް ކިޔުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވައެވެ. އިދިކޮޅު ފަރާތްތައް ހުއްޓުވުމުގެ ބާރުވެސް ހައުސްގެ ރައީސަށް ލިބިދެއެވެ.

މި މަހުގެ ތިން ވަނަ ދުވަހު ރިޕަބްލިކަން ޕާޓީން ހައުސްގެ ކޮންޓްރޯލް ނެގިއިރު މަގާމުން އިސްތިއުފާ ދެއްވި ޑިމޮކްރެޓިކް ޕާޓީގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ އަކީ ފާހަގަކޮށްލެވިފައިވަނީ ހަރުދަނާ ޒަމާނީ ސްޕީކަރު ނުވަތަ ހައުސްގެ ރައީސްގެ ގޮތުގައެވެ.
މަޖިލީހުގެ ރައީސަކު ހޮވަނީ ކިހިނެއް ހެއްޔެވެ؟
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ހިންގަނީ ދެ އަހަރުގެ "ސައިކަލް" ނުވަތަ ސެޝަންގެ މައްޗަށެވެ. އާ ކޮންގްރެސް ފެށުނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. މެޖޯރިޓީ އޮތީ ރިޕަބްލިކަންސްގެއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އާ ޖަލްސާއަކުން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މަޖިލީހުގެ ރައީސަކަށް ވޯޓު ދިނުމެވެ. އެ ބޭފުޅަކު ނެތި، މެންބަރުން ހުވާކުރުން ފަދަ އެހެން ހަފްލާއަކަށް ޗެމްބަރަކަށް ނުދެވޭނެއެވެ. މަޖިލީހުގެ ރައީސަކު އިންތިހާބު ކުރެވެންދެން ޗެމްބަރުގައި ވޯޓު ދިނުން ކުރިއަށްދާނެއެވެ.

ހައުސްގެ ރައީސްގެ މަގާމަށް އިންތިހާބުކުރެވޭނީ މަޖިލީހުގެ އަގުލަބިއްުޔަތު ލިބިގެންނެވެ. އެއީ 218 ވޯޓެވެ. އާންމުގޮތެއްގައި މަޖިލީހުގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އޭރަކު އޮންނަ މެޖޯރިޓީ ޕާޓީގެ ލީޑަރެވެ. ގަރުނަކަށް ވުރެ ގިނަ ދުވަސް ވަންދެން މަޖިލީހުގެ ރައީސް ނިންމެވީ ފުރަތަމަ ވޯޓުންނެވެ. އެކަމަކު މި ހަފުތާގައި އެކަން އެގޮތަށް ނުވެއެވެ.
މިއަހަރު މަޖިލީހުގެ ރައީސްގެ އިންތިހާބު މިހާ އާދަޔާ ހިލާފު ވަނީ ކީއްވެގެން ހެއްޔެވެ؟
މެޖޯރިޓީ އޮންނަ ރިޕަބްލިކް ޕާޓީގެ ލީޑަރު މެކާތީ ގެންދަވަނީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް މަސައްކަތްކުރައްވަމުންނެވެ. އެކަމަކު ކަންކަން ދަނީ ޕްލޭނާ އެއްގޮތަށް ނޫނެވެ. މަޖިލީހުގައި ރިޕަބްލިކަން ޕާޓީގެ 222 މެމްބަރުން އެބަތިއްބެވިއެވެ. ނަމަވެސް އެކި ފަހަރު މަތިން ވޯޓުލުމުންވެސް ރައީސް ކަމަށް އިންތިހާބުވާން ބޭނުންވާ 218 ވޯޓު މެކާތީއަށް ލިބިވަޑައިގަންނަވާ ގޮތެއް ނުވިއެވެ.

މެކާތީއާ ދެކޮޅުވާ ސަބަބެއް ކަމަށް ބުނަނީ އޭނާ އަކީ ހާއްސަ މަސްލަހަތުތަކެއް އިސްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އެއީ އެކަށީގެންވާ ވަރަށް "ކޮންޒަވޭޓިވް" ބޭފުޅެއް ނޫން ކަމަށްވެސް ބުނަމުންދެއެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މެމްބަރުން ހުވާކުރުން ނުވަތަ މި ދައުރުގެ ޗެމްބަރުގެ ގަވައިދު ތައް ކަނޑައެޅުން ފަދަ އެހެން އެއްވެސް މަސައްކަތަކަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަށް ކުރިއަށް ނުދެވެއެވެ.

މަޖިލީހުގެ ރައީސަކު ލިބެންދެން ވޯޓުލުން ކުރިއަށް ދާނެއެވެ. ނަމަވެސް މެކާތީއަށް އަލުން ތާއީދު ލިބޭނެ ކަމެއް އަދި ނޭނގެ އެވެ. އެމަނިކުފާނަށް އެކަށީގެންވާ ވޯޓު ނުލިބޭހާ ހިނދަކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދާނެއެވެ. ދެން ޖެހިވަޑައިގަންވަނީ އެހެން ބޭފުޅަކަށް އެ ފުރުސަތު ދެއްވުމަށެވެ.