މަތިން ތިފެންނަ ފޮޓޯއިން އެ ފެންނަނީ ޕާކިސްތާނުގެ ސްޓޭޑިއަމެއް ފުރާލާފައި އޮތް މަންޒަރެވެ. އެ ސްޓޭޑިއަމް އަކީ ވެރިރަށް އިސްލާމްއާބާދުގެ ޖިންނާހު ސްޕޯޓްސް ސްޓޭޑިއަމެވެ. މިއީ ޕާކިސްތާނުގެ އެންމެ ބޮޑު އެއް ސްޓޭޑިއަމެވެ. މި ސްޓޭޑިއަމް ހާއްސަކޮށްފައިވަނީ ފުޓްބޯޅަ ކުޅެންށެވެ. އެކަމަކު ފޮޓޯއިން ފެންނަނީ ކުޅިވަރު ބަލަން ވަނދެ ތިބި ސަޕޯޓަރުންނެއް ނޫނެވެ. ތި ފެންނަނީ ވަޒީފާގެ ބޭނުމުގައި އެތަނަށް ދިޔަ މީހުންނެވެ.
https://twitter.com/amjadalamk/status/1609139692070653952
ފުލުހުންގެ ވަޒީފާއަށް ވަންނަންވެގެން ޓެސްޓު ހަދަން ގޮސްފައި ތިބި މީހުންނެވެ. 1677 ޕޮލިސް ކޮންސްޓަބަލް ހޯދަން ކުރި އިއުލާނަށް 30،000 މީހަކު ކުރިމަތިލިއެވެ. ފޮޓޯއިން އެ ފެންނަނީ ވަޒީފާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އަންހެނުންނާއި ފިރިހެނުންނެވެ. ޕާކިސްތާނުގެ ފުލުހުންގެ ވަޒީފާއަށް ހޮވެން ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. ހޮވުމުގެ ޝަރުތުތަކުގެ ތެރޭގައި ލިޔުމުގެ އިމްތިހާނަކާއި އިންޓަވިއުއަކާއި މެޑިކަލް އިމްތިހާނަކާއި އެންމެ ފަހުން ތަމްރީނު ކޯހެއްގަައި ބައިވެރިވުން ހިމެނެއެވެ.
ސްޓޭޑިއަމަށް ޖަމާވެފައި ތިބި މީހުންގެ ވީޑިއޯ ވަނީ ޓްވިޓާގައި ވައިރަލްވެގެން ގޮސްފައެވެ. އެ ވީޑިއޯ ޓްވިޓާގައި އެެންމެ ފުރަތަމަ ހިއްސާކުރީ ޕާކިސްތާނުގެ ނޫސްވެރިޔާ އަމްޖަދް އަލަމް ހާންއެވެ. އެ ވީޑިއޯ ހިއްސާކުރަމުން އަމްޖަދު ބުނީ ވަޒީފާ ބޭނުންވާ މީހުންގެ ތެރޭގައި ގިނައީ ޒުވާން ކުދިންނާއި ޒުވާން އުމުރުގެ މީހުން ކަމަށެވެ. "އެ މީހުން އައީ މެޗު ބަލަން ނޫން، އިސްލާމްއާބާދު ޕޮލިހަށް ރެކްރޫޓް ކުރުމުގެ އިމްތިހާނު ހަދަން" އޭނާގެ ޓްވީޓްގައި ބުންޏެވެ. އެ ޓްވީޓް ރީޓްވީޓްކުރި މީހަކު ބުނީ އިގްތިސާދީ ހީނަރުކަމުގެ މައްސަލައާ ހެދި ޒުވާނުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ އަދަދު ބޮޑުވެފައިވާ ކަމަށެވެ.
https://twitter.com/AgroXperts/status/1609496350873522176
އިސްލާމް އާބާދުގެ ފުލުުހުން ބުނި ގޮތުގައި ކޮންސްޓަބަލްގެ މަގާމުތައް ހުސްވެފައި އޮންނަތާ ފަސް އަހަރު ވެފައިވާ ކަމަށެވެ. ވަޒީފާތަކަށް ވަންނަން ބޭނުންވެގެން 32،000 އެއްހާ މީހުން އިމްތިހާނު ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕާކިސްތާން އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އިކޮނޮމިކްސް (ޕީއައިޑީއީ) އިން 2022 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވާގޮތުން އެ ގައުމުގެ ޒުވާނުންގެ 31 އިންސައްތަ އަށް ވުރެ ގިނަ މީހުންނަކީ މިވަގުތު ވަޒީފާ ނެތް ޒުވާނުންނެވެ. އޭގެ ތެރެއިން 51 އިންސައްތަ އަކީ އަންހެނުން ކަމަށާއި 16 އިންސައްތަ އަކީ ފިރިހެނުންނެވެ. ވަޒީފާ ނެތް ގިނަ މީހުންނަކީ ޕްރޮފެޝަނަލް ޑިގްރީ ހާސިލްކޮށްފައިވާ މީހުންނެވެ. އަދި ޕާކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުންނަކީ 30 އަހަރަށްވުރެ ހަނގު އުމުރުގެ މީހުންނެވެ. މިހާރު ވަޒީފާ ނެތް މީހުންގެ ނިސްބަތް އުޅެނީ 6.9 އިންސައްތަގައި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ އިންސްޓިޓިއުޓުން ބުނީ ވަޒީފާ އަދާކުރާ އުމުރުގެ އާބާދީގެ ބޮޑު ބައެއް ލޭބާ ފޯސްގައި ނުހިމެނުނީ އެމީހުންނަކީ އެކި ސަބަބުތަކާ ހެދި މަސައްކަތް ކުރަން ބޭނުންނުވާ ބައެއް ކަމަށެވެ. ނުވަތަ އަމިއްލަ އާމްދަނީއެއް ލިބޭ ބަޔަކަށްވާތީ ކަމަށެވެ. އަންހެނުންގެ ބައިވެރިވުމުގެ ރޭޓް ހުރީ ވަރަށް ދަށްކޮށެވެ. އަދި އަންހެނުން މަސައްކަތްތެރިކަމުގެ ބާޒާރަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް އެ އިންސްޓިޓިއުޓުން ދަނީ ކުރަމުންނެވެ.