އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އަންޖަލީ ސިންގް ގެއިން ނުކުތީ ރޭގަނޑު 9 ޖެހިއިރުއެވެ. އެނބުރި ގެއަށް އާދެވޭނީ މެންދަމު 3 ޖަހާކަންހާއިރު ކަމަށް ބުންޏެވެ. އެކަމަކު ގެއަށް އެނބުރި ގެނައީ އަންޖަލީގެ ފުރާނާ ނެތް ހަށިގަނޑެެވެ. ހަށިގަނޑު އޮތީ ބަލާލަން ނުކުރޭވަރުގައެވެ. ގައިގެ އެކި ތަންތަނުގައި ހުރީ ޒަހަމްތަކެވެ. ލައިގެން ހުރި ހެދުން ވީދިގެން ގޮސް އޭނާ އޮތީ ބަރަހަނާ ހާލުގައެވެ. އާއިލާގައި ހުރި ހަމައެކަނި އަންހެން ދަރި މަރާލާފައި ވަނީ ވަރަށްވެސް އިހާނެތި ގޮތަކަށެވެ. "ނުވައެއް ޖެހިއިރު ގުޅީމަ ބުނީ ތިނެއް ޖަހާއިރު ގެއަށް އަންނާނަމޭ،" ރޮމުން ރޮމުން އަންޖަލީގެ މަންމަ އިންޑިއާގެ ނޫހަކަށް ކިޔައިދިނެވެ. އޭނަ ބުނި ގޮތުގައި ދަރިފުޅު މަރުވީ ހަމައެކަނި އެކްސިޑެންޓަކުން ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

https://twitter.com/ANI/status/1609780315652001792

ދިއްލީ ފުލުހުންނަށް އުމުރުން 20 އަހަރުގެ އަންޖަލީގެ ހަށިގަނޑު ފެނުނީ އާ އަހަރުގެ ފުރަތަމަ ދުވަހު ހެނދުނުއެވެ. ދިއްލީގެ ސުލްތާންޕޫރް ސަރަހައްދުންނެވެ. ފުލުހުން ބުނީ ގޮތުން އަންޖަލީ މަރުވީ އޭނާ ދުއްވަން ހުރި ސްކޫޓަރު ގޮސް ކާރެއްގައި ޖެހިގެންނެވެ. މައްސަލާގެ ތުހުމަތު ފަސް މީހަކު ހައްޔަރަށް ގެންދިޔައެވެ.
އެއްވެސް ރަހުމެއް ނެތް، އެތައް އިރެއްވަންދެން ހަށިގަނޑު ދަމާކޫއްތާފަ
އެކްސިޑެންޓް ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ޝޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަނީ މަރޫތީ ބަލެނޯ ބްރޭންޑުގެ ކާރެކެވެ. އުތުރު ހުޅަނގު ދިއްލީގެ ކަންޖާވާލާގެ މަގެއްގައި ޔޫޓާނެއް ނަގާ ތަނެވެ. އެކްސިޑެންޓްގެ މަންޒަރު ދުށް ދަހިޔާ ކިޔައިދިން ގޮތުން އެކްސިޑެންޓް ހިނގީ ކާރު ގޮސް އަންޖަލީ ދުއްވި ސްކޫޓާގައި ޖެހިގެންނެވެ. އޭނަ ބުނި ގޮތުން ކާރު ގަސްތުގައި ގޮސް ސްކޫޓިގައި ޖެއްސީއެވެ. އެއަށް ފަހު ކާރު ޔޫޓާނެއް ނަގައެވެ. އެރޭ ފަތިހު 3:34 ގައި ރެކޯޑްކޮށްފައިވާ ފުޓޭޖުން ފެންނަ ގޮތުން ކާރު އެނބުރި ގޮސް އަންޖަލީ ވެއްޓުނު ތަނުގައި މަޑުކުރެއެވެ. އެއަށް ފަހު ކާރު ދަށުގައި އޭނާ ދަމާފައި ގެންދެއެވެ. އެ މަންޒަރު ވީޑިއޯއިން ސާފުކޮށް ފެނެއެވެ.

[caption id="attachment_45763" align="aligncenter" width="1280"] އަންޖަލީ ދުއްވި ސައިކަލް އަދި އެކްސިޑެންޓްވި ކާރު[/caption]

ދަހިޔާ ބުނި ގޮތުގައި އަންހެން މީހާގެ ހަށިގަނޑު 20 ކިލޯމީޓަރު ވަންދެން ކާރު ދަށުގައި ދަމާފައި ގެންދާ ތަން ދުށް ކަމަށެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއިރު ވަންދެން އެ ގޮތަށް ދުއްވި ކަމަށްވެސް އޭނާ ބުންޏެވެ.

https://twitter.com/DEFCONNEWSTV/status/1609773336195891206

"ފިހާރައިގެ ބޭރުގައި ހުއްޓިލައިގެން ހުރިއިރު ގާތްގަނޑަކަށް ސަތޭކަ މީޓަރު ދުރުގައި އޮތް ވެހިކަލަކުން ބާރު އަޑެއް އިވުނު. އަހަރެން ހީކުރީ އެއީ ޓަޔަރު ފަޅައިގެން ދިޔައީ ކަމަށެވެ. އޭގެ ފަހުން ފެނުނީ ކާރު ދުވާލިތަނާއެކު މީހެއްގެ ހަށިގަނޑު ކާރު ދަށުގައި ދަމާ ގެންދާތަން. އަހަރެން ވަގުތުން ފުލުހުންނަށް އެންގީ،" ނިއުސް އެޖެންސީ އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި ދަހިއާ ބުންޏެވެ.

"އެތައް ފަހަރަކު އެމީހުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް އެމީހުން މަޑެއް ނުކުރި" އޭނާ ބުންޏެވެ. އެމީހުން ފަހަތުން މަންޒަރު ދުށް ދަހިޔާ، ސައިކަލުގައި ދުއްވިއެވެ. ވަކި ހިސާބަކަށް ދިޔުމަށް ފަހު ހަށިގަނޑު ދޫކޮށްލުމަށް ފަހު އެ މީހުން ފިލިއެވެ. ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަންޖަލީ އޮތީ މަރުވެފައި ކަމަށެވެ.
ހަރުކަށި އަދަބުދޭން ޖެހޭ
ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް އެ ހާދިސާ ސިފަކުރީ ލަދުވެތި އަމަލެއްގެ ގޮތުގައެވެ. ކުށްވެރިންނަށް އެންމެ ހަރުކަށި އަދަބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކެޖްރިވާލް ފަހުން ވިދާޅުވީ ދައުވާ ލިބޭ މީހުންނަކީ ސިޔާސީ ބަޔަކާއި ގުޅުމެއް އޮންނަ ބައެއް ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ތުހުމަތުކުރެވޭ އެކަކީ ސަރުކާރު ނިސްބަތްވާ ބީޖޭޕީގެ ލީޑަރެކެވެ. ނަމަވެސް އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް ލެފްޓިނެންޓް ގަވަރުނަރުގެ ކިބައިން އެދިފައިވާނެ ކަމަށް ދިއްލީގެ ސީއެމް ވިދާޅުވިއެވެ.

https://twitter.com/ANI/status/1609840817723838464

"ކަންޖަވާލާގެ ހާދިސާއާ ގުޅޭ ގޮތުން އެލްޖީއާ ވާހަކަ ދެއްކެވި. ކުށްވެރިންނާ މެދު ނަމޫނާ ފިޔަވަޅު އެޅުމަށް އެދިވަޑައިގެން، އެ މީހުންގެ މައްޗަށް އައިޕީސީގެ އެންމެ ހަރުކަށި މާއްދާތައް އެޅުމަށް ވަނީ އެދިފަ. ސިޔާސީ ގޮތުން ގުޅުން ބޮޑު ނަމަވެސް އެއްވެސް ލުޔެއް ނުދެއްކޭނެ. އަދި ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި،" އާމްއާދްމީ ޕާޓީގެ ލީޑަރު ކޭޖްރިވާލްގެ ޓްވީޓްގައި ވިދާޅުވިއެވެ.