މެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި އެއް ލީޑަރު، އާޔަތުﷲ އަލީ ޚާމަނައީގެ ވަކިވުމަކީ މުޅި ދުނިޔެ ސިއްސުވާލި ހާދިސާއެކެވެ. 1989 ވަނަ އަހަރު އީރާނުގެ ބާނީ އާޔަތުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެން ވެރިކަމަށް ވަޑައިގެންނެވި ޚާމަނައީއަކީ، ފާއިތުވި 36 އަހަރު ދުވަހު އީރާނުގެ ސިޔާސީ، ދީނީ އަދި އަސްކަރީ ނިޒާމުގެ އެންމެ މަތީ ތަނބެވެ. އޭނާ ވަކިވެގެން ދިޔައީ ހުޅަނގުގެ ބާރުތަކަށް ނުގުޑާ ފަދަ ސާބިތުކަމެއް ދައްކުވައިދިނުމަށްފަހުއެވެ.
އިންގިލާބީ އަގީދާ:
ހުޅަނގަށް ދޫނުދިނުމުގެ ސިޔާސަތު ޚާމަނައީ އަކީ ހުޅަނގުގެ ބާރުތަކަށް ގުޑުވާނުލެވުނު ލީޑަރަކަށްވީ އޭނާގެ "އިސްލާމީ އިންގިލާބުގެ" އުސޫލުތަކުގައި ހިފެހެއްޓި ސާބިތުކަމުގެ ސަބަބުންނެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި އެމެރިކާ ފަދަ ބާރުތަކަށް ކުޑަވެސް ދޫދިނުމަކީ އީރާނުގެ އިސްލާމީ ނިޒާމު ރޫޅާލުމަށް ދެވޭ ފުރުސަތެކެވެ.
އެހެންކަމުން، އެމެރިކާއާއެކު ސީދާ މަޝްވަރާކުރުމަށް އޭނާ އަބަދުވެސް ދެކޮޅު ހެއްދެވިއެވެ. އޭނާގެ ފަލްސަފާއަކީ "ނަޞްރު ލިބުން އޮތީ ސާބިތުވެ ތިބެގެން" ކަމެވެ. މި ސާބިތުކަމުގެ ސަބަބުން، ހުޅަނގުން އެކި ފަހަރު މަތިން ކުރިމަތިކުރުވި ސިޔާސީ ފިއްތުންތަކުގައި އީރާނުގެ އަސާސީ އުސޫލުތަކަށް ބަދަލެއް ނައެވެ.
ބޯޑަރުން ބޭރުގައި އުފެއްދެވި ދިފާއީ އައްޑަނަ
ޚާމަނައީއަށް އެނގިވަޑައިގަތީ އީރާނަށް ސީދާ ހަމަލާއެއް ދިނުމަށް އެމެރިކާ ޖެހިލުން ވާނީ، އީރާނުގެ އަސްކަރީ ބާރު ގައުމުގެ ބޯޑަރުން ބޭރަށް ފުޅާކޮށްގެން ކަމެވެ. އެހެންކަމުން، އޭނާ ބިނާކުރެއްވި "އެކްސިސް އޮފް ރެސިސްޓެންސް" (ހިޒްބުﷲ، ހަމާސް، ހޫޘީން) އަކީ އީރާނުގެ ބޯޑަރުން ބޭރުގައި އޮތް ވަރުގަދަ ދިފާއީ ފާރެކެވެ.
މިއީ އިސްރާއީލާއި އެމެރިކާގެ ނުފޫޒާ ދެކޮޅަށް މެދުއިރުމަތީގައި އުފެއްދެވި އެންމެ ވަރުގަދަ ދިފާއީ ނިޒާމެވެ. މީގެ ސަބަބުން އިސްރާއީލާއި އެމެރިކާއަށް އީރާނަށް ސީދާ ހަމަލާދިނުމުގެ ކުރިން އެތައް ސަތޭކަ ފަހަރަކު ވިސްނަން މަޖުބޫރުވިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހުން
އީރާނުގެ އިގްތިސޯދު ފުނޑާލުމަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ދުނިޔޭގެ ތާރީޚުގައިވެސް ގައުމަކަށް ކުރިމަތިވި އެންމެ ވަރުގަދަ ފިޔަވަޅުތަކެވެ. ނަމަވެސް ޚާމަނައީ ތައާރަފްކުރެއްވި "އިގްތިސޯދީ ރެސިސްޓެންސް" ސިޔާސަތުގެ ދަށުން، ބޭރުގެ މުދަލަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރިއެވެ.
މީގެ ސަބަބުން ބޭރުގެ ބާރުތަކަށް އީރާނުގެ އިގްތިޞާދު ބޭނުންކޮށްގެން ސަރުކާރު ކަކޫޖައްސައެއް ނުލެވުނެވެ. އޭނާ އަބަދުވެސް ވިދާޅުވަމުން ގެންދެވީ ގައުމުގެ ކުރިއެރުން އޮތީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ކަމަށެވެ.
ނިއުކްލިއާ ބާރު: ގައުމީ ސިޔާދަތުގެ ނިޝާން
ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ދުނިޔެއިން ދިން އެއްވެސް އިންޒާރަކަށް އޭނާ ބޯނުލެނބިއެވެ. އޭނާ ދެކެވަޑައިގަތީ އެއީ ގައުމުގެ މިނިވަންކަމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
ހުޅަނގުގެ ބިރުދެއްކުންތަކާއި ސައިންޓިސްޓުން އަވަހާރަކޮށްލުމުގެ ހާދިސާތަކުގެ ތެރެއިންވެސް، އީރާނަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތާ އެންމެ ގާތުގައި އޮތް ގައުމަށް ހެއްދެވުމަކީ ޚާމަނައީ ހުޅަނގުގެ ބާރުތަކަށް ކުރެއްވި ގޮންޖެހުމެކެވެ.
އެތެރޭގެ ހަމަޖެހުމާއި ނިޒާމުގެ ދިފާއު
އެކި ފަހަރުމަތިން އީރާނުގެ އެތެރޭގައި ހުޅަނގުގެ ތާއީދާއެކު އުފެދުނު މުޒާހަރާތަކާއި ހަމަނުޖެހުންތައް ހުއްޓުވުމުގައި އޭނާ ގެންގުޅުއްވި ހަރުކަށި ސިޔާސަތުގެ ސަބަބުން، ވެރިކަން ބަދަލުކޮށްލަން ބޭނުންވި ބާރުތަކަށް އެ ފުރުސަތު ގެއްލިގެންދިޔައެވެ. އޭނާ ވަނީ އީރާނުގެ އެންމެ ނުފޫޒުގަދަ އަސްކަރީ ބާރު ކަމަށްވާ ރިވެލޫޝަނަރީ ގާޑްސް މެދުވެރިކޮށް، ދާޚިލީ އަދި ޚާރިޖީ ގޮންޖެހުންތަކުން ނިޒާމު ސަލާމަތްކުރައްވާފައެވެ.
މިއަދު އެކަނިވެސް ރާއްޖެ އަންނަން އޮތް 14 ފްލައިޓެއް ކެންސަލްވާނެ
އީރާނުން "ތާރީހީ" ވަރުގަދަ ހަމަލާއެއް ދޭނެކަން އިއުލާންކޮށްފި
އާޔަތުﷲ އަލީ ޚާމަނައީ: ހުޅަނގުގެ ބާރުތަކަށް ގުޑުވާނުލެވުނު ލީޑަރެއް
ޚާމަނައީ އަވަހާރަވިކަން އީރާނުގެ މީޑިއާތަކުން އިއުލާންކޮށްފި
ޚާމަނައީ އަވަހާރަވިކަން އީރާނުން ކަށަވަރެއް ނުކޮށްދޭ: ރިޕޯޓް
މޭޔަރު ގޮވާލީ މި ދަނޑިވަޅުގައި ދައުލަތުން ކުރާ އިސްރާފު ހުއްޓާލަން