މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަގާމު ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމާ ރައްޔިތުންގެ ގާތަށް އައީ ކަންކަން ކޮށްދީފައި ކަމަށާއި ހުސް އަތާ ވޯޓު ހޯދަން ނާންނާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވާ މިހާރު ވެސް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަން ކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ރޭ ބޭއްވި ކެމްޕެއިން ހަފްލާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީ އާއި ހުޅުމާލެ އަދި ވިލިމާލެ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އައީ ދޮޅު އަހަރުގެ ތެރޭގައި ކަންތައްތަކެއް ކޮށްދީފައި ކަމަށެވެ. އާޒިމް ވިދާޅުވީ ކަންކަން ކޮށްދީފައި ހުރި ސްޕީޑު އަވަސް ކަމުން ބައެއް ރައްޔިތުން އެ ކަންކަމުގެ މަތިން ހަނދުމަނެތި ހިނގައިދާނެ ކަމަށެވެ.

"އިތުބާރު ހޯދައިގެން އަޅުގަނޑުމެން އަންނަން ޖެހޭނީ. ކަމެއް ނުކޮށްދީ އައިސްގެން ނުވާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑު މިތަނަށް އައިސް ނުހުރީމުސް އަޅުގަނޑަށް މިއަދު ކަންތައްތަކެއް ނުކޮށްދެވުންނަމަ،" އާޒިމް ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެމްޓީސީސީ ސީއީއޯގެ މަގާމުގައި ހުންނަވައިގެން ރަށްރަށުގައި އެ ކުންފުނިން ކުރަމުން ގެންދިޔަ މަސައްކަތްތައް ބަލާލަން ދިއުމުން ކަންކަން މާ އަވަހަށް ކުރާތީ ރައްޔިތުން އެ ވާހަކަތައް ދައްކާފައި ހުރި ކަމަށް ވިދާޅުވިއެވެ. އަދި ކަންކަން އެހާ އަވަހަށް ނުކުރުމަށާއި ކަންކަން ނިންމަން ވާނީ ވޯޓާ ކައިރި ކޮށްފައި ކަމަށް ބައެއް ރަށްރަށުގެ ރައްޔިތުން ބުނެފައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އޭރުގެ ރައީސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަބަދުވެސް އިރުޝާދު ދެެއްވަވާފައި ހުރީ ކަންކަން އަވަސް ކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރައީސް ސޯލިހުގެ އެ އިރުޝާދާއި ގުޅިގެން މީގެކުރިން 20 އަހަރުން ނިންމި ބަނދަރުތައް 18 މަސް ދުވަހުން ނިންމާފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ސިފަކުރެއްވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރު ނެތި ކޮށްލީ އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ "ދޮގު ނަފުރަތު" އުފައްދައިގެން ކަމަށެވެ. އާޒިމް ވިދާޅުވީ އެމްޑީޕީ އަށް އެންމެ އުނދަގޫ ޖެހުނު ވަގުތުވެސް ޕާޓީގައި ހުންނެވިން ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް ކުރިޔަށް ދާނީ އެ މަގުން ކަމަށެވެ.