ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވުމަށް ޗައިނާއާއެކު ޕެނަމާއިން ހަދާފައިވާ އެއްބަސްވުމަށް އުވާލުމަށް ޕެނަމާއިން ނިންމައި، އެކަން ޗައިނާއިން އެންގިތާ މިހާރު މަހެއްވީއެވެ. ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަކީ ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް، ޗައިނާގެ ނުފޫޒު މުޅު ދުނިޔެއަށް ފުޅާކޮށް، ޗައިނާއާއެކު އޮންނަ ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމުގެ ނަމުގައި ފެއްޓެވި މަސައްކަތެކެވެ. ޗައިނާގެ އެހީތެރިކަމާއެކު ހެދި ސިނަމާލެ ބްރިޖަކީވެސް މީގެ މިސާލެކެވެ.
ހުޅަނގުގެ ގައުމުތަކުން ސިފަކުރާ ގޮތުގައި މިއީ ތަރައްގީގެ މަޝްރޫއުތަކެއްގެ ނަމުގައި ކުރިއަށްގެންދާ ދަރަނީގެ ދަންތުރައެކެވެ. ޕެނެމާއަކީ ދެކުނު އެމެރިކާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފުޅާކުރުމަށް ޗައިނާއިން އެންމެ ބޮޑަށް ގުޅުން ބަދަހިކުރި އެއް ގައުމެވެ. މި ގުޅުން ބަދަހިވެ، ޕެނަމާ ކެނަލްވެސް ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޕެނަމާ ކެނަލް ހިފާފާނެކަމުގެ އިންޒާރުވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ ހިސާބަށް ދިޔައެވެ. އެހެންނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ދެކުނު އެމެރިކާ ސަރަހައްދަށް ކުރެއްވި ދަތުރުފުޅަށްފަހު ޕެނަމާއިން ވަނީ ބެލްޓް އެންޑް ރޯޑުން ވަކިވާނެކަން ބެއިޖިންގ އަށް އަންގާފައެވެ.
ޕެނަމާގެ ރައީސް މުލޯނީ ވިދާޅުވީ 2017 ވަނަ އަހަރު ޗައިނާއާއެކު މި އެއްބަސްވުމުގައި ސޮއިކުރިއިރު ޕެނަމާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ކޮން ބޭނުމެއްގައި ސޮއިކުރި އެއްބަސްވުމެއްކަން އެނގިނުލައްވާކަމަށެވެ. އަދި ޕެނަމާއަށް މި އެއްބަސްވުމުގެ ސަބަބުން ލިބުނު އެއްވެސް ފައިދާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ޕެނަމާގެ ނިންމުމާމެދު ހިތްހަމަހުޖެހި، ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބެއިޖިންގައި ހުންނަވާ ޕެނަމާ ސަފީރު ޗައިނާގެ ފޮރިން މިނިސްޓްރީއަށްވެސް ހާޒިރުކުރެވުނެވެ. އެހެންނަމަވެސް، އެމެރިކާގެ އައު ސިޔާސަތާއެކު ޕެނަމާގެ ނިންމުން ބަދަލެއް ނުކުރިއެވެ.
އެންމެ ފަހުން މިހާރު އިވޭ ޚަބަރަކީ ޕެނަމާ ކެނަލް ކައިރީގައި ޕޯޓް އޮޕަރޭޓްކުރާ ހޮންކޮންގުގެ ހަޗިސަން ކުންފުނިން، ޕެނަމާގެ އޮޕަރޭޝަންތައް އެމެރިކާގެ ބްލެކްސްޓޯން ގްރޫޕަށް ވިއްކާލާ ވާހަކައެވެ. މިއާއެކު ޕެނަމާގައި އޮންނަ ޗައިނާގެ ސިޔާސީ އަދި ވިޔަފާރީގެ ނުފޫޒު އެތައް ގުނައެއް ކުޑަވެގެން ދާނެއެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާއެކު، މުޅި ދެކުނު އެމެރިކާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުރިއަށް އޮތްތަނުގައި ކުޑަވެގެންދާނެކަމަށް ބެލެވެއެވެ. ޕެނަމާއަކީ މީގެ ފުރަތަމަ މިސާލެވެ.