ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދަރަނި ދެއްކުން ފަސްކުރުމަށާއި ލޯނުތަކުގެ އިންޓްރަސްޓް ރޭޓު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިގޮތަށް ގޮވާލެއްވީ އެމެރިކާގެ ނިއުޔޯކަށް ވަޑައިގެން، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ސައިޑް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ރައީސް ވިދާޅުވީ ސިޑްސްއަށް ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ކްލައިމެޓް ފައިނޭންސާއި ދަރަނިން ލިބޭ ގެއްލުން ލުއިކޮށްދިނުމާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައްވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ސިޑްސްގެ ނާޒުކުކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށް ސިޑްސްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދަރަނި ލުއިކުރުމާއި ކްލައިމެޓް ފައިނޭސްއާ ދެމެދު ހަރުދަނާ ގުޅުމެއް އޮންނަންޖެހޭ ކަމަށް ވަކާލާތު ކުރައްވައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީ.އެސް.އެސް.އެސް)ގެ ތެރެއިން ދަރަނި ދެއްކުމަށް އެކަށޭނަ، ފަހިގޮތްތަކެއް ހޯދުމަށް ރައީސް ގޮވާލެއްވިއެވެ. މީގެތެރޭގައި އިންޓްރެސްޓް ރޭޓް ދަށްކުރުމާއި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކުރުންފަދަ ކަންކަމަށް ސަމާލުކަންދިނުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވެދާނެ ބޭރުގެ ލޮޅުންތައް ކުޑަކޮށް މާލީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ސްޕެޝަލް ޑްރޮވިންގ ރައިޓްސް އަލުން އެކަށައެޅުމަށް ރައީސް ވަނީ ހުށައަޅުއްވާފައެވެ. މިގޮތުން މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއެކު ގާތް ގުޅުމެއް ބޭއްވުމުގެ ތެރެއިން އިތުރު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ އެކިއެކި ފުރުސަތުތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައިވެއެވެ.

ރައީސް ވަނީ ސިޑްސްގެ ޤައުމުތަކުގެ ތަރައްޤީގެ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރިއަށް ގެންގޮސް އުފެއްދުންތެރިކަން އިތުރުކޮށް، ހަރުދަނާ މުއައްސަސާތައް ބިނާކޮށް، މުޖުތަމަޢުތައް ބާރުވެރިކޮށް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތައް (ސިޑްސް) އިން ބައިނަލްއަޤްވާމީ އިޤްތިޞާދީ ހަލަބޮލިކަމުގެ ތެރޭގައި އެޤައުމުތަކުގެ އިޤްތިޞާދުތައް ސިންދަފާތުކޮށް ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ ޤައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މާލީގޮތުން ބޭނުންވާ ކަންކަން ހަމަޖެހިގެންދިއުމާއި އަދި ސިޑްސްއަށް ހަމައެކަނި ސަލާމަތުން ކުރިޔަށްދެވޭނެ މިންވަރުގެ ބަދަލުގައި އެޤައުތަކަށް ފާގަތިކަން ގެނެސްދިނުމުގައި ޑީއެސްއެސްއެސްއަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމުގެ އުންމީދު އެ މަނިކުފާނު އައު ކުރެއްވިއެވެ.

މިއީ ރައީސް މިދަތުރުފުޅުގައި ނިއުޔޯކަށް ވަޑައިގެން، މިއަދު ހެނދުނު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓެވެ. މި ސައިޑް އިވެންޓް ކޯ-ޗެއަރ ކުރަނީ ދިވެހިރާއްޖެ، އެންޓީގާ އެންޑް ބާބިޔުޑާ އަދި ނިއުޒިލޭންޑްގެ އިތުރުން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް (އައި.އައި.އީ.ޑީ) އަދި ޔުނައިޓެޑް ނޭޝަންސް ޑިޕާރޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒް (ޔޫ.އެން. ޑީ.އީ.އެސް.އޭ)ގެ ސިޑްސްގެ ޔުނިޓުންނެވެ.