ރ. ރަސްމާދޫ އެންޓަނާގެ ވާހަކަ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި މަޝްހޫރު ވަނީ ސަމާސާއެއްގެ ގޮތުގައެވެ. ނަމަވެސް ރަސްމާދޫ ރައްޔިތުންނަށް އެއީ މިހާރު އެރަށުގެ ލޭންޑްމާކެވެ. އެންޓަނާގެ މަޝްހޫރު ކަން ރަސްމާދޫއަށް ލިބުމުގައި ވަކި ހާއްސަ ސިފައެއް އެ ރަށު އެންޓަނާގައި ނެތަސް އެއީ އެރަށުގެ ފަހުރެވެ.
އެންޓަނާގެ ސިފަ ހިމެނޭ ނަކަލެއް އެ ރަށުގެ ބަނދަރު ސަރަހައްދުގައި ވަނީ ހަދާފައެވެ. އެ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރި އެ މަސައްކަތުގައި ރަސްމާދޫގެ ނަން އިނގިރޭސިން، ލިޔެ، ނަމުގެ މެދުގައި އެންޓަނޭއެއް ވަނީ ނަގާފައެވެ.
ރަސްމާދޫ އެންޓަނާ މަޝްހޫރުވީ އަތޮޅު ތެރޭގެ ރަށްތަކުގައި އެންޓަނާތައް ހަރު ކުރަމުން ދިޔައިރު އެރަށުގައި އެންޓަނާ ހަރު ކުރިއިރު ކައިރި އެހެން ރަށްރަށުގެ އެންޓަނާއަށް ވުރެ ރަސްމާދޫގެ އެންޓަނާ ދިގު ކަމަށް ބެލެވިގެން ކުރެވުނު ސަމާސާއެއްގެ ތެރެއިންނެވެ. އެއީ ރަސްމާދޫ އެންޓަނާއަކީ ރާއްޖޭގައި އެންމެ ދިގު އެންޓަނާއަށް ވެގެންވީ ކަމެއް ނޫނެވެ.
"ސަމާސާ ގޮތުގައި ބުނެވެމުން އައިސް މި ބުނަނީ ހާދަ ދިގޭ އެންޓަނާ ފެނޭހޭ. ނޫނީ މިކޮޅުން ގުޅާފައި ކައިރި ރަށެއްގެ މީހުން ކައިރީގައި މި ބުނަނީ އެންޓަނާ ފެނޭ ހެއްޔޭ." އެ ރަށު ޒުވާނެއް ކަމަށްވާ ހުސައިން ރިޝްވާން ބުންޏެވެ.
ރަސްމާދޫ މީހަކާ ދިމާވިޔަސް އަދި ފޮޓޯއެއް ލިޔަސް ރަސްމާދޫ އެންޓަނާގެ ވާހަކަ ސަމާސާއެއްގެ ގޮތުގައި އަބަދުވެސް މީހުން ދައްކައެވެ. ނަމަވެސް ރިޝްވާން ބުނި ގޮތުގައި އެންޓަނާގެ ވާހަކައަކީ މަލާމާތެއް ކަމަކަށް އެރަށުގެ ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ މީހުން ދެކެނީ އެއީ ރަށުގެ ފަހުރެއްގެ ގޮތުގައެވެ.
"އެއްވެސް ވަރަކަށް ފީލްއެއް ނުވޭ މަލާމާތެއް ކަމަކަށް. ވަރަށް ޕްރައުޑްވޭ ގިނަ ބަޔަކަށް އޭތި މިގޮތަށް އެނގިގެން ދާތީ،" ރިޝްވާން ބުންޏެވެ.
"ވީޑިއޯއެއް ލިޔަސް ހަމަ ކޮމެންޓް އަންނާނެ އެންޓަނާ ފެނޭތަ, އެންޓަނާ ފެނޭތަ މިހެން ކިޔާފައި. ހަމަ ވަރަށް ވައިރަލްވާނެ،" އޭނާ ބުންޏެވެ.
އެހެންކަމުން ކޮންމެ އަހަރަކު އީދާ ދިމާކޮށް އެކި ކުލަތަކުން އެންޓަނާ ދިއްލުމަކީ އެރަށުގައި ކުރާ ކަމެކެވެ.
"މިހާރު ދެން އަޅުގަނޑުމެން ހައެއްކަ އަހަރުވީ އެންޓަނާ މިހެން ލަގަބެއްގެ ގޮތުގައި ދިއްލާ އުޅޭތާ،" އޭނާ ބުންޏެވެ.