ފަލަސްތީނުގެ ބިމަށް ވެރިވެގަނެ، އެ ގައުމުގެ މީހުން މަރައި، ގަތުލްއާންމު ހިންގަމުންދާ އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒުރޭލު މީހުންގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލުގެ ބަހުސް މާދަމާގެ ޖަލްސާގައި ކުރިއަށް ގެންދަން އެޖެންޑާކޮށްފިއެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މާދަމާ އޮންނާނީ އެ ބިލުގެ އިބްތިދާއީ ބަހުސެވެ.

މާދަމާގެ ޖަލްސާގައި ތިން ވަޒީރަކަށް ރުހުން ދިނުމަށް ހުށަހަޅާފައިވާ މައްސަލަ ވެސް ކުރިއަށް ގެންދާނެއެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހުގެ ރުހުން ނުލިބުމުން، އަނެއްކާވެސް އެ ބޭފުޅުން ވަޒީރުކަމަށް އައްޔަންކޮށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ހުށަހެޅުއްވިއެވެ. ނަމަވެސް 19 ވަނަ މަޖިލިސް ނިމިދިޔައިރުވެސް އެ ތިން ވަޒީރުންނަށް ރުހުން ދިނުން، މަޖިލީހުން ކުރިއަށް ނުގެންދެއެވެ.

މާދަމާގެ ޖަލްސާގައި ރުހުން އޮތްތޯ ބަލަން ވޯޓަށް އަހާނީ ބަންޑާރަ ނާއިބު އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ރުހުން ނުލިބުނު ތިން ވަޒީރުންނަށް އަނެއްކާވެސް ރުހުން ހޯދަން މަޖިލީހުގައި ވޯޓަށް އަހާނެ

އިޒުރޭލުގެ ޕާސްޕޯޓް މަނާކުރުމަށް މީކާއިލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނަށެވެ. އެ ގާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އިޒުރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. އެ މީހުންގެ ތެރޭގައި އެހެން ގައުމުތަކުގެ ޕާސްޕޯޓް ގެންގުޅޭ އިޒުރޭލު މީހުން ވެސް ހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ސަރުކާރުން ވެސް ވަނީ އިޒުރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ފަށާފައެވެ. އެ މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް ނަގައި، އިއްޔެ ވަނީ އެ މަސައްކަތް ފަށާފައެވެ.

ސަރުކާރުގެ އެ ނިންމުމާ އެކު، ބޭރުގެ މީޑިއާތަކުގެ ސަމާލުކަން އެކަމަށް ވަނީ ލިބިފައެވެ.