ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެ ވާހަކަ ދައްކަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެން، ލ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން މަރުޙަބާ ދެންނެވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް މުއިއްޒު ފިޔަވައި، ދިވެހިންނަށް އަމާން، ސާފު ރީތި ރާއްޖެއެއް ހޯދައިދެވޭނޭ ހިތްވަރު ހުރި ލީޑަރެއް ރާއްޖެއިން ފެންނަން ނެތް ކަމަށެވެ.

"އެކަކު އަނެކަކަށް ރައީސް މުއިއްޒަށް ދެ ވަނަ ދައުރެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތް، އެ ވާހަކަ ދައްކަންވީ، އެ މަސައްކަތް ކުރަންވީ. އަމަލީ ގޮތުން އެކަން ކުރައްވީ. އެކަން ކުރަންވީ ފޮނަދޫގެ ތަރައްގީއަަށްޓަކާ ފޮނަދޫ ދާއިރާގެ ތަރައްގީއަށްޓަކާ ހައްދުންމަތީގެ ތަރައްގީއަށްޓަކާ މި ގައުމުގެ ތަރައްގީއަށްޓަކާ،" ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

"މި ގައުމުގެ އަމާންކަމަށްޓަކާ، މި ގައުމުގެ މިނިވަންކަމަށްޓަކާ، މި ގައުމުގެ ސިޔާދަތަށްޓަކާ، މި ގައުމުގެ އިސްތިގުލާލަށްޓަކާ، މާދަމާގެ މުސްތަގުބަލަށްޓަކާ، އަމާން ސާފު ރީތި ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުމަށްޓަކާ. އެކަން ކުރުމުގެ ހިތްވަރާއި ފަންފަރާއި އެ ގާބިލުކަން ހުރި އެހެން ލީޑަރެއް ދިވެހިރާއްޖެއިން ނުފެނޭ."

ޢަބްދުއްރަޙީމް ފޮނަދޫއަށް ވަޑައިގެންނެވުމުން ސަގާފީ ކުޅިވަރުތަކާއެކު ހޫނު މަރުހަބާއެއް އެ ރަށު ރައްޔިތުން ކިޔާފައިވެއެވެ. އަދި އެ ހަރާކްތަތަކުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގެންނެވިއެވެ. ފޮނަދޫއަށް ޢަބްދުއްރަޙީމް ކުރެއްވި މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.