ފަނޑިޔާރުން ހަވަރަށް ދޭން ދައުލަތުން މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހައި ކޯޓުގެ ފަނޑިޔާރުން ދައުލަތަށް މިއަދު ވަރުގަދަ އިންޒާރު ދެއްވައިފި އެވެ.

ހައި ކޯޓުން އެގޮތަށް އިންޒާރެއް ދިނީ މަރުގެ މައްސަލައެއްގައި ބަންދުކުރި މީހެއްގެ ބަންދާ މެދު އެ ކޯޓުން ގޮތެއް ނުނިންމާ އޮއްވާ އޭނާ މިމަހު ބަންދުން މިނިވަންވި މައްސަލާގަ އެވެ.

ސެޕްޓެމްބަރު, 2017 ގައި ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ވަގުތީ ގޮތުން ބަންދުކުރަން ހަތް ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި އޭނާ ބަންދުކުރުމާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވެ އެވެ.އެ މުއްދަތު ހަމަވެގެން ދިޔަ އިރު ވެސް ހައި ކޯޓުން ގޮތެއް ނިންމާފައި ނުވާތީ އޭނާ މިނިވަންވި އެވެ.

އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ވިސްނަމުންދާ ކަމަށް ދައުލަތުން ކުރިން މީޑިއާގައި ބުނެފައިވެ އެވެ.

ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ފަނޑިޔާރުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހޭނަމަ ޖޭއެސްސީއަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުން ހަވަރަށް ދޭން ޕްރޮސެކިއުޓާ ޖެނެރަލާއި އެ އޮފީހަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި އަދި ހިނގަމުންދާ މައްސަލައެއްގައި އެގޮތަށް ދައުލަތުން އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބެންޗުން ވިދާޅުވި އެވެ. އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.

"ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް އަޅަންޖެހޭ ފިޔަވަޅެއް ކޯޓުން ވެސް އަޅާނެ. އެކަން ޕްރޮސެކިއުޝަނުން ހަނދާނުގައި ބެހެއްޓުމަށް އަޅުގަނޑުމެން ނަސޭހަތްތެރިވަން." ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ހައި ކޯޓަށް ލިބުނު ފުރަތަމަ އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ނިންމަން ދެން ބަންދުގައި ސައްމާހު ބަހައްޓަން ޖެހޭ ކަމަށެވެ. އެކަމަކު ފަހުން ކަރެކްޝަނުން ސާފުކުރި އިރު ސައްމާހު ދޫކޮށްލީ ހަތް ދުވަހެއް އޮތް އަމުރެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ. ދެ އަމުރަށް ބަލާއިރު އޮތީ ސުޕްރީމް ކޯޓުގެ ހަމަ އެއް ނަންބަރެއް ކަމަށާއި އެއް ނަންބަރަކުން ދެ އަމުރެއް ނެރޭނެ ކަމަށް ގަބޫލު ކުރަން ދަތިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"ޝަރުއީ ނިޒާމުގެ މި އޮތް ލިޔެކިޔުންތަކާ މެދު އަޅުގަނޑުމެންނަށް މިހާރު ހަމަ ސުވާލު އުފެދޭ،" ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ވިދާޅުވީ ހަތް ދުވަސް ތެރޭގައި ބަންދާ މެދު ގޮތެއް ނުނިންމުނީ ބައެއް ފަނޑިޔާރުންގެ ޗުއްޓީގައި ރާއްޖެއިން ބޭރުގައި ތިއްބެވުމުން ކަމަށެވެ. އަދި ބެންޗް ބަދަލުކޮށްގެން ވެސް އަވަހަށް ގޮތެއް ނިންމަން މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބުނުވި ކަމަށް ބެންޗުން ވިދާޅުވި އެވެ.

އެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ދައުލަތުން އަދި ގޮތެއް ނުނިންމަ އެވެ.