ނަވާރަ ވަނަ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެ، އެ ޕާޓީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމް ކުރުމުގައި ދެއްކީ ނަމޫނާއެއް ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވީ މަޖިލިސް ރައީސް އަސްލަމް އާއި މަޖިލިސް ނައިބު ރައީސް އަޙްމަދު ސަލީމާ އެކު މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތިން ބާރު ވަކިވެފައިވާ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއްގައި ޤާނޫނު ހަދާ މަޖިލީހެއް މަސައްކަތްކުރާނެ ގޮތް 19 ވަނަ މަޖިލީހުގައި އެމްޑީޕީން ދައްކުވައިދީފައިވާ ކަމަށެވެ.

"މެޖޯރިޓީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެ، މިޕާޓީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއްކަންވެސް ޕާޓީގެ ރައީސް ފާހަގަކުރެއްވިއެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްއާ ބައްދަލުކުރެއްވުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުން-- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ އިދާރާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޝާހިދު ވިދާޅުވީ ސަރުކާރުގައި އެމް.ޑީ.ޕީ އޮތްނަމަވެސް، ސަރުކާރު ޖަވާބުދާރީކޮށް، ވަޒީރުންނާ ސުވާލުކޮށް، ދިވެހިން ފަޚުރުވެރިވާނެ މަސައްކަތްތަކެއް 19 ވަނަ މަޖިލީހުގައި ތިއްބެވި އެމް.ޑީ.ޕީގެ މެމްބަރުން ކުރައްވާފައިވާ ކަމަށެވެ.

ނިމިގެން މިދާ މަޖިލިސް ދައުރުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ފޮނުއްވައިގެން، އެމް.ޑީ.ޕީގެ މެޖޯރިޓީގައި މަޖިލީހުން ފާސްކޮށްފައިވާ މުހިއްމު ބައެއް ބިލްތަކަށް އެ ބައްދަލުކުރެއްވުމުގައި ޕާޓީގެ ރައީސް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

ޝާހިދު ފާހަގަކުރެއްވި މުހިއްމު ބިލުތައް

  1. އިންކަމް ޓެކްސްގެ ގާނޫނު
  2. ޤާނޫނީ ފަންނުގެ ބިލު
  3. ޗާރޓަޑް އެކައުންޓެންޓުންގެ ބިލު
  4. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު
  5. ފޮރިން ސަރވިސް ބިލް
  6. ހެއްކާއި ބެހޭ ބިލު
  7. މަދަނީ އިޖުރާތުގެ ބިލް
  8. ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް، ދައުރު 5 އަހަރަށް
  9. އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލު
  10. މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލު