ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހީން ނިންމެވި ނިންމުމާ އެކު، އެންމެ އެކީ އެކުވެރިކަމާ އެކު ކުރިއަށްދާން ސިޔާސީ ޕާޓީތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް އާޓްފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަރިހުގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަވާނެ ކަމަށާއި އެއްވެސް ބޭފުޅަކަށް ތަފާތު ނުކުރައްވާނެ ކަމަށެވެ.

ސަރުކާރަށް ދިން ތާއިދާ އެކު، ދެން ފެނިގެންދާނީ ރައްޔިތުން އާދޭސްކޮށްގެން ނުވި ކަންތައް ކާމިޔާބުވާތަން ކަމުގައި ރައީސް ވިދާޅުވިއެވެ.

"ހިނގާށެ ކުރިއަށްދާން. މި ގައުމު ތަރައްގީކޮށް، ކުރިއަށް ގެންދިއުމަކީ އެންމެންގެ އުފަލަކަށް ހަދަމާތޯ؟ އެންމެން އެކީގައި ކުރިއަށްދަމާ،" ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އިލްތިމާސްކޮށް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާ-- ފޮޓޯ/ ހަތާވީސް

ރައީސް ވިދާޅުވީ ދެން އޮތީ ސަރުކާރުން މަސައްކަތް ކުރުން ކަމަށާއި މަސައްކަތުގެ ދުވެލި އަވަސް ކުރުން ކަމަށެވެ. މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ނަތީޖާ ނެރުވުނުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދެން ފެންނާނީ ގައުމު ތަރައްގީ ކުރާތަން ކަމަށެވެ.

ސަރުކާރުގެ ވެރިންނަށް އިލްތިމާސްކޮށް ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް މަހަކީ އެއްވެސް އެއްޗެއް ނޫން ކަމަށާއި ދެން ސަރުކާރުގެ ވެރިން ތިބެންޖެހޭނީ މަސައްކަތުގައި ހޭލާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކަށް މުއްސަނދިކަން އިހްސާސްވާ މިންވަރަށް ސަރުކާރުން ކަން ކުރައްވާނެ ކަމަށެވެ.

"ގައުމު އެކައްޗެއް ކިޔުމުން ދެން ފެންނާނީ އަމަލުން ކަން ކުރާތަން. އުފާފާގަތިކަން ގެންނާނެ އަމަލީ މަސައްކަތުން. ދެން ތިބޭނީ މަސައްކަތުގައި،" ގިނަ ބަޔަކު ޖަމާވެފައިވާ އާޓްފިޝަލް ބީޗުގައި ރައީސް ވިދާޅުވިއެވެ.

ބޭރު ދުނިޔެއަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ ދިވެހިން ތިބި ގޮތް އިންތިހާބުން ފެންނާނެ ކަމަށެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. މިނިވަން މެންބަރުންގެ ގޮތުގައި އިންތިހާބުވި "ސަރުކާރު މެމްބަރުން"ނާ އެކު 70 ވުރެ ގިނަ ގޮނޑި ވަނީ ލިބިފައެވެ. އެއާ އެކު، ގާނޫނުއަސާސީ އިސްލާހު ކުރެވޭ މިންވަރަށް ސަރުކާރަށް މި ވަނީ މެޖޯރިޓީ ލިބިފައެވެ.