ހދ. ވައިކަރަދޫއަށް އުފަން ހުސައިން ޘަޤީފްއަކީ ސިޔާސީ އާއިލާއަކަށް އުފަން ޒުވާނެކެވެ. ވަރަށް ޅަ އުމުރުގައި ސިޔާސީ މައިދާނުގައި ޘަޤީފް ހަރަކާތްތެރިވާންފެށިއެވެ. އޭރުގެ އިސްލާހީ މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވިއެވެ. ސިޔާސީ ހަރަކާތުގައި ޘަޤީފް ހަރަކާތްތެރިވިނަމަވެސް ރަސްމީކޮށް ސިޔާސީ ވާދަވެރިންނާއި އެކު އިންތިހާބެއްގައި ވާދަކުރީ ވަރަށް ޒުވާން އުމުރުގައެވެ. އޭރުވެސް ގިނަ ބަޔަކު ސުވާލު ކުރަމުން ދިޔައީ "އެހާ ޒުވާނުން ސިޔާސީ ދައިރާއަށް ނުކުންނަނީ ކީކުރަންހޭ؟" މިސުވާލެވެ.

ސިޔާސީ ހަޔާތުގެ ފުރަތަމަ އިންތިހާބު

ވަރަށް ޒުވާން އުމުރުގައި ސިޔާސީ ހަޔާތް ޘަޤީފް ފެށީ 2014 ވަނަ އަހަރު ގައެވެ. އެއީ ވައިކަރަދޫ ނިސްބަތްވާ ހދ. އަތޮޅު ކައުންސިލް އިންތިހާބެވެ. ކައުންސިލް މެމްބަރުކަމަށް ފޯރިގަދަ އިންތިހާބަކަށްފަހު އިންތިހާބުވި 2 މެމްބަރުންގެ ތެރެއިން ޘަޤީފް ހިމެނި އަތޮޅު ކައުންސިލް މެމްބަރުކަމުގެ ހުވާކުރިއެވެ. އަދި އެ ދައުރުގެ ތެރޭގައި އޭނާ ވަނީ ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް އެހާ ޒުވާން އިރުވެސް ކުރައްވާފައެވެ.

އަތޮޅު ފެންވަރުގައި ސިޔާސީ މަސައްކަތް ކުރުމަށް ހދ. ކުޅުދުއްފުއްޓަށް ބަދަލުވެ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރަމުން ދިޔައީ ވަރަށް ޝައުވެރިކަމާއި އެކުގައެވެ. އެހެނަސް ކައުންސިލްތަކުގެ ބާރު އޭރުގެ ސަރުކާރުން އަތުލުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އޭނާ ކައުންސިލުން އިސްތިއުފާ ދެއްވި އެވެ.

ސިޔާސީ ހަޔާތުގެ 2 ވަނަ އިންތިހާބު

2019 ވަނަ އަހަރުގެ މަޖިލިހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާ އަށް ޘަޤީފު ވާދަކުރެއްވިއެވެ. ތަފާތު ކެމްޕޭނެއް ކޮށް "ތިލަދުންމަތީ ފިކުރު"ގެ އަޑު މުޅި ތިލަދުންމައްޗަށް ގުގުމާލި ނަމަވެސް އިންތިހާބުން ކާމިޔާބެއް އެފަހަރު ނުވިއެވެ. ރަނގަޅު ތާއީދެއް ހޯއްދެވިނަމަވެސް އިންތިހާބު ކާމިޔާބު ނުވިއެވެ.

ސިޔާސީ ނާކާމިޔާބީއަށްފަހު ސިޔާސީ މަގާމަކަށް ދިއުމުގެ ބަދަލުގައި ޘަޤީފު ބޭނުންވީ ކުޑައިރުންފެށިގެން ޝައުގުވެރިކަން ހުންނަ މީޑިއާގެ މަސައްކަތަށް ކުރުމަށެވެ. މިދިޔަ ފަސް އަހަރު ޘަޤީފުގެ ވިސްނުމަކަށްވީ ހދ. އަތޮޅުގެ އަޑު އިއްވުމަށާއި މައުލޫމާތުތައް ގެނެސްދޭ "ތިލަދުން"ގެ ނަމުގައި ނޫހެއް ހައްދައި ތިލަދުންމަތީގެ އަޑު އުފުލުމަށެވެ.

މިފަހަރު ޘަޤީފު

މީޑިއާގެ މަސައްކަތުގައި ކާމިޔާބު 5 އަހަރު ހޭދަކުރުމަށްފަހު ޘަޤީފު އަނެއްކާވެސް މިއަދު ނުކުމެ އެހުރީ ވައިކަރަދޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށެވެ. ވަރަށް ޒުވާން އިރު ސިޔާސީ މަައިދާނަށް ނުކުމެ ފެށި މަސައްކަތަށް އިތުރު ކާމިޔާބުގެ ބޮޅަކަށް މިފަހަރު ހެދުމަށް އަތުކުރި އޮޅާލައިގެންނެވެ. ކުރީގެ އިންތިހާބުގެ ތަޖުރިބާ އާއި ހަމަ އެޓިކެޓްގައި ހަމަ އެގޮނޑިއަށް ޘަޤީފު ނުކުމެހުރި މިއީ "ޘަޤީފުގެ ފަހަރު"ކަމަށް ނިންމައިގެންނެވެ.

އަތޮޅުގެ ހައްޤުގައި އަދި ދާއިރާގެ ހައްޤުގައި ކުރަމުންއައި ސިޔާސީ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ޘަޤީފަށް ފުރުސަތު ދެއްވުމަށް ދާއިރާގެ ރައްޔިތުންގެ ކިބައިން ޘަޤީފު އެދެއެވެ. ދައިރާއަށް އަންނަން އޮތް ތަރައްޤީއަށް ހުރަސް އަޅާނެ މީހަކަށް ޘަޤީފު ނުވާނެ ކަމުގެ ޔަގީންކަން އެނާ ދެއެވެ. ކުށުގެ ވެށިން ސަލާމަތްވެ ޢައިރު ޤާނޫނީ ކަންކަމަކަށް އަރައި ގަންނާނެ މީހަކަށް ޘަޤީފު ނުވާނެކަމުގެ ޔަގީންކަންވެސް އޭނާ ދެއެވެ. މަޖިލީހުގެ ތަޅުމުން ފިއްތާނެ ބަޓަނެއް ނޭނގި ހުންނާނެ ބޮލަކަށް ނުވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއެވެ.