މިއަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި ދައުރު ނިމުމުގެ ކުރިން ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިރޭ އައްޑޫ ސިޓީ ހައި ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދު ފުއްދަވާނީ 2028 [ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އޮންނަ އަހަރު] ކައިރިވުމުން ނޫން ކަމަށާއި ކުރީ ބައިގައި ވައުދުތަކުގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.

އެހެންނަމަވެސް އެކަން ކުރުމަށް އެމަނިކުފާނަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވައުދުތައް "ރަނުން ރަނަށް" ފުއްދުމަށްޓަކައި މަޖިލިސް އެމަނިކުފާނަށް ބޭނުންވާ ކަމަށާއި މަޖިލިސް ނުލިބިއްޖެ ނަމަ މަޝްރޫއުތަކަށް ހުރަސް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީ ގެންނަން އެންމެ މިނެޓެއް ވެސް ބޭކާރު ކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ހުސް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާއި އަމަލީ ގޮތުން ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ބައެއް މަގުތަކުގައި ހުރީ ސިމެންތި ލޭޔަރުތަކެއް އަޅާފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް މަގުތައް މިހާރުވެސް ހަލާކުވާން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ސަރުކާރުން ނިންމާފައި ވަނީ އެ މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްގެން ސިމެންތި ލޭޔަރުތައް އަޅާފައިވާ މަގުތަކުގައި ތާރު އެޅުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެއީ ގާތްގަނޑަކަށް 60 މީޓަރުގެ މަގުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ތަރައްގީ އަށް ދެވޭނެ ވޯޓެއްކަން ޔަގީންކަމާއެކު ވިދާޅުވިއެވެ.