ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނަށް އިހުލާސްތެރި ބޭފުޅުން، ޕީޕީއެމް އަށް ދިރުމެއް ދޭން ބޭނުން ނުވާ ކަމަށް ޕީޕީއެމް އިން ވަކިވެވަޑައިގެން އެޕާޓީގެ ކުރީގެ ލީޑަރު ޔާމީން ދެއްކެވި ވާހަކައަށް ޕީޕީއެމް/ޕީއެންސީގެ ޕީޑާޝިޕް އިން ރައްދު ދީފިއެވެ.
ޕީޕީއެމް އާއި އެޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންނާއި މެދު ހިޔާލު ތަފާތުވުންތަކެއް އުފެދި އެޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޔާމީން ވަނީ ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފައެވެ. އަދި އެޕާޓީން ބާއްވާ ޖަލްސާތަކުގައި އާއްމު މެންބަރެއްގެ ހައިސިއްޔަތުން ޔާމީން އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޖަލު ހުކުމެއްގައި ހުންނެވުމުން އާއްމު މެންބަރެއްގެ ހައިސިއްޔަތުން ޔާމީން އެކިއެކި ހިޔާލުތައް ފާޅުކުރައްވާ ސަރުކާރަށް އަންނަނީ ފާޑު ވިދާޅުވަމުންނެވެ.
އެގޮތުން ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ ރައީސް މުއިއްޒު ޕީޕީއެމް އަށް ދިރުމެއް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.
"ރައީސް މުއިއްޒުއާ ކައިރިގައި ތިބި އާރުކާޓީއިން ގެންދަނީ ޕީޕިއެމް ނައްތާލުމަށް މަސައްކަތްކުރުމަށް އެމިހުން ބޭނުމެއް ނުވޭ ޕީޕީއެމްއަށް އެއްވެސް ދިރުމެއް ދޭކަށް،" ޔާމީން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ޕީޕީއެމް އަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑާޝިޕަށް ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ހިންގަމުން ދަނީ ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޑރ. މުއިއްޒުގެ ދުވެލީގައި ދެޕާޓީއާ ގައުމުވެސް ދާނީ ކުރިޔަށް،" އަދުރޭ ވިދާޅުވިއެވެ.
ޔާމީންގެ އެ ވާހަކައަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ވަނީ ސޯޝަލް މީޑިއާގައި ރައްދު ދެއްވައިފައެވެ. އެގޮތުން މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް އަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަގީގަތާ ހިލާފު ވާހަކަދައްކަވާ ރައްޔިތުންގެ ނަފުރަތު ރައީސް މުއިއްޒުގެ ސަރުކާރަށް އަމާޒުކުރުވަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
"އަދި އެފަދަ ބޭފުޅުން [ޕީޕީއެމް އަށް ހެޔޮއެދޭ] ތިއްބަވާނީވެސް ޕީޕީއެމްގައި. ރައީސް މުއިއްޒުގެ މިސަރުކާރުގެ ކާމިޔާބީ އަކީ ޕީޕިއެމްގެ ދިރުމާ ކާމިޔާބު،" ޝިޔާމް ވިދާޅުވިއެވެ.
މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތީ ޕީޕީއެމް/ޕީއެންސީން އެންގި ފޯމިއުލާއެއްގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތީ ދެޕާޓީގެ ސެނެޓަރުންނާއި އިންތިހާބު ކޮށްފައިވާ ދެޕާޓީގެ ހުރިހާ ގުނަވަންތަކާއި އާއްމު މެންބަރުންގެ ވެސް ތާއީދާއެކު ކަމަށް ޣައްސާން ވިދާޅުވިއެވެ.
"މިއަދުވެސް ހާލަތު އޮތީ އެހެން. ޕީޕީއެމް ދަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އެމަނިކުފާނުގެ ފަހަަތްޕުޅުގައި ސާބިތުކަމާއެކު ވަރުބަލިި ކަމެއް ނެތި ހަރަކާތްތެރިވަމުން. ސަފުތަކަށް ހީނަރުކަމެއް ނާދޭ،" ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާން ވިދާޅުވިއެވެ.
ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ޕީޕީއެމްގައި ނުވާ މީހަކަށް މީހަކަށް ޕީޕީއެމް ނުވަތަ ކޯލިޝަން މިހާރު އޮޕަރޭޓް ވާގޮތް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. ދެ ޕާޓީގެ ލީޑަރު ރައީސް ޑރ މުއިއްޒު ދެޕާޓީ ހިންގަވަނީ އެއްވެސް ފަނޑުވުމެއް ނާންނާނޭ ގޮތަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. މިހާރުވެސް މިއީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ސިޔާސަތައް ބަދަލެއް ނާދޭ. އިސްކުރަނީ ދީނާއި ގައުމިއްޔަތު. ބިނާކުރަނީ ގައުމު. އުފާފާގަތިކަން ހޯދައިދެނީ ރައްޔިތުންނަށް. އައި ހަމައެކަނި ބަދަލަކީ ކޯލިޝަންގެ ލީޑަރު ކަމަށް އައި ބަދަލު. ލީޑަރަކަށް މިހާރު ހުންނެވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުއިއްޒު،" ބާރަށު ދާއިރާ އަށް މިފަހަރުގެ މަޖިލީހުގައި ވާދަކުރައްވާ ޝުޖާ ވިދާޅުވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލަޝްކަރު މަގުމަތިވިޔަ ނުދީ އިންތިހާބު ބޮއިކޮޓު ނުކޮށް ދިވެހީންގެ ރާއްޖެ ދަތުރު ކުރުމަށް ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުއިއްޒު ދެޕާޓީ ވަރުގަދަކޮށް ގައުމު ބިނާ ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
ރައީސް މުއިއްޒާއެކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވި މިހާރުގެ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ ވެސް އެކައްޗެއް ކަމަށެވެ. މަސައްކަތް ކުރަނީ ބަދަހިކޮށް އެއްކޮށް ހަދާފައިވާ ކޯލިޝަނެއްގެ ގޮތުގައި ކަމަށާއި ރަށު ކައުންސިލްތަކަށް މީގެކުރިން ވާދަކުރީ ޕީޕީއެމް ކެންޑިޑޭޓުންގެ ގޮތުގައި ކަމަށެވެ.
"މިފަހަރު މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓުންގެ ނަމުގައި. ދެޕާޓީ އަށް ވެސް ހަމަހަމަ ފުރުސަތު،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ އެދެޕާޓީން ރައީސް މުއިއްޒުގެ ލީޑާޝިޕުގައި ހުއްޓުމެއް ނެތި އެތައް ކުރިއެރުމެއް ހޯދަމުން އަންނަ ކަމަށެވެ.
"ގައުމު ބިނާކޮށް އާޒަމާނަކަށް މުހިއްމު ގިނަ ކަންކަން އެ ގެންދަވަނީ ތަންފީޒު ކުރައްވަމުން. ފިތުނައާ ބައިބައި ކުރުމަކުން މޮޅު ނަތީޖާއެއް ނިކުންނާނެކަން އަބަދުވެސް ދަނީ ހާމަވަމުން،" ސައީދު ވިދާޅުވިއެވެ.