ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ކަރަންޓު ބިލު އަންނަ މަހުން ފެށިގެން ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތީން ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ރަށްތަކުގެ މިސްކިތްތަކުގެ ކަރަންޓު ބިލު އަންނަ މަހުން ފެށިގެން ކުޑަ ވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދާއި ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތްދޭ އެހެން ރަށްރަށުގައި ވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުން ދާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.

"މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ހަރަދު އިގްތިސޯދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް،" ފަހުމީ ވިދާޅުވިއެވެ.

ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގާނޫނު އޮތް ގޮތުން ބައެއް ރަށްތަކަށް ދައުލަތުގެ ބަޖެޓުން ލިބޭ މިންވަރު ވަރަށް ކުޑަ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކަށް މަސައްކަތް ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެ ލިބޭ މަދު ބަޖެޓުން މިސްކިތްތަކުގެ ކަރަންޓު ބިލާއި މަގުތަކުގައި ދިއްލާފައި ހުންނަ މަގުބައްތިތަކުގެ ކަރަންޓު ބިލު ދައްކަން ޖެހޭ ކަމަށާއި އަދި ކައުންސިލްތަކުން އެ ހުރިހާ ބިލެއް ދައްކާއިރު ރޭޓަކަށް ކަނޑައަޅާފައި އޮންނަނީ ގަވަމެންޓް ރޭޓުގައި އަގުބޮޑުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް ކުރަން ޖެހޭ ހަރަދުގެ ތެރެއިން މާލެ ހިމެނޭ ގޮތަށް ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓަށް ބިލު ކުރާނީ ޑޮމެސްޓިކް ރޭޓުގައި" ރައީސް މުއިއްޒު ވިދާޅުވިއެވެ.