ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ، އަދި މި ސަރުކާރުން ކުރާ ކަންކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެމްޕެއިން ލޯންޗު ކުރުމަށް އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ. އެހެންކަމުން އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި މި އިންތިހާބު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި އިބޫ ވިދާޅުވީ ގައުމުގެ ހާލަތު އެންމެންނަށް ވެސް މިއަދު އިހުސާސް ކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ގައުމު މިދާ މިސްރާބު ބަލަން ތިބެވޭކަށް ނެތް ކަމަށާއި މިސްރާބު ކަސިޔާރުވެ ހަމަމަގަމުން ނައްޓާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ވެސް އެމްޑީޕީ އިން ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު އެޕާޓީން ވަކިވެވަޑައިގެން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އަށް ސޮއި ކުރެއްވި ވާހަކަ ހިއްސާ ކުރައްވާފައެވެ.

އެއާއެކު އެމްޑީޕީ އަށް މާޔޫސްކަމެއް ލިބުނު ނަމަވެސް މިއަދު އަނެއްކާވެސް އެޕާޓީ ތަރުތީބުވެ، މައިދާނަށް ނިކުމެވެފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫގެ ވާހަކަފުޅުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ގައުމިއްޔަތުގެ ސިޔާސަތަށް އެމަނިކުފާނު ފާޑު ވިދާޅުވެ، ވާހަކަފުޅު ދެއްކެވިއެވެ.

"އިސްލާމްދީން ގަބޫލުކުރިތާ 900 އަހަރު މިވަނީ. ގައުމިއްޔަތެއް އޮތްތަނެއް މިއީ. މިނިވަން ގައުމެއް މިއީ. މިއަދު ވެރިކަމުގައި ތިބި މީހުންނަށް ހީވަނީ އާ ގައުމެކޭ މިއަދު އުފައްދައިގެން މިއުޅެނީ،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރާއްޖެ އަށް ފައިދާވާ އެއްވެސް ކަހަލަ އެއްބަސްވުމެއް މި ސަރުކާރުން ހަދަމުން ދާތަނެއް އަދި ފެނިފައި ނުވާ ކަމަށެވެ. ގައުމަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެކަމަކުން ރާއްޖެ އަށް މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.