ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކޮށްފައިވީ ނަމަވެސް، އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވާ އަނބުރާ ފޮނުވާލައިފިއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މި ބިލު އަނބުރާ މަޖިލީހަށް ފޮނުވާލާފައި މިވަނީ 14 ދުވަސް ފަހުންނެވެ.

އެމްޑީޕީން ވަނީ ބިލު ތަސްދީގު ނުކޮށްފި ނަމަ އަލުން އެ ބިލު ފާސް ކުރުމަށްފަހު ތަސްދީގު ކުރަން ފޮނުވާނެ ކަމަށް ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައިވާ ގޮތުން، މަޖިލީހުގެ އާ ދައުރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޯދައިގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ދިރާސާކުރަން ނެގި ވަގުތީ ކޮމިޓީން އިލެކްޝަން ކޮމިޝަނާ ވެސް ބައްދަލުކުރުމަށް ފަހު ނިންމީ ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރަން ފެންނަ ކަމަށެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުން ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.

މިހާރު ކުރިއަށްދާ ގެންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މެއި 28، 2024 އަށް ހަމަވާއިރު، ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު މަހުގެ 17 ހިސާބުގަ އެވެ.