މަޖިލީހުގެ ހަތް ގޮނޑިއެއް އޮތީ ހުސްކޮށެވެ. މަޖިލިސް އިންތިހާބު ގާތްވެފައި އޮތުމުން ބައި އިލެކްޝަނެއް ބޭއްވޭކަށް ނެތެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުން މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނަން ޖެހެނީ ހުސްވެފައި ހުރި ހަތް ގޮނޑި ވެސް ހިމަނައިގެންނެވެ. މިއީ ޖޯކެއް ނޫނެވެ. މަޖިލީހާއި ސުޕްރީމް ކޯޓާ ދެމެދު އޮތް އަރައިރުމެވެ.
ގާނޫނު އަސާސީގައި މަޖިލީހުގެ ޖުމްލަ މެމްބަރު އަދަދު ގުނާނެ ގޮތެއް ބުނެފައެއް ނޯވެ އެވެ. އެހެނަސް ބައެއް ކަންކަން މަޖިލީހުން ފާސް ކުރާއިރު ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތަށް ބަލަންޖެހެ އެވެ. މިސާލަކަށް ރައީސާއި ނައިބު ރައީސް ވަކި ކުރުމާއި ގާނޫނު އަސާސީ އިސްލާހުކުރުން ފަދަ ކަންކަމެވެ.
ހަތް ގޮނޑިއެއް ހުސްވެފައި އޮތުމުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ދައުރެއްގެ މެދު ތެރެއިން ގޮނޑިއެއް ހުސްވެއްޖެނަމަ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު އެ ގޮނޑި ނުހިމަނާ ގުނާގޮތަށެވެ. ނަމަވެސް އެ ބަދަލުގެ ސަބަބުން އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ބޭނުންވާ ގޮތަށް ކަންކަން ފާސްކޮށްފާނެތީ ސަރުކާރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފްވާ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އަމުރު ނެރުނީ މައްސަލަ ނިމެންދެން, ހުސްވެފައި ހުރި ގޮނޑިތައް ހިމަނައިގެން މެމްބަރުންގެ އަދަދު ގުނުމަށެވެ.
މި އަމުރު މިގޮތަށް އޮއްވާ މަޖިލީހުން އިއްޔެ ވަނީ އެ އަމުރަށް ގޮންޖެހުމަށްފަހު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގޮތަށް ފާސްކޮށްފަ އެވެ.
ހުސް ގޮނޑި ގުނާނަމަ ސަރުކާރަށް މަޖިލިސް ހުއްޓުވާލެވޭ
ހުސްވެފައިވާ ގޮނޑި ގުނާނަމަ ގޮނޑިތަކެއް ހުސްކޮށްލައިގެން މަޖިލީހުގެ ކަންކަން ފާސްވިޔަ ނުދީ ހިފެހެއްޓުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދެ އެވެ. މިސާލަކަށް މެމްބަރުންނަށް ސަރުކާރުގެ މަގާމުތައް ދިނުމަށް އެ ބޭފުޅުން ލައްވައި އިސްތިއުފާ ހުށަހެޅުމަށްފަހު މަޖިލިސް ހުއްޓުވާލުމުގެ ފުރުސަތު ލިބޭއިރު ކުރީގެ ސަރުކާރުގައި ހަ މެމްބަރަކު ވަޒީރު ކަމަށް ވަޑައިގަތްއިރު މި ސަރުކާރުގައި އެ އަދަދު ހަތަކަށް އިތުރުވި އެވެ. އަދި ބޭނުންވަރަކަށް މެމްބަރުންނަށް މަގާމު ދީގެން މަޖިލީހުގެ ގޮނޑިތައް ހުސްކޮށްލުމުގެ ބާރު ސަރުކާރަ އޮވެ އެވެ.
"ރައީސުލް ޖުމްހޫރިއްޔާއަށް އެބައޮވޭ ބޭނުން ވަރަކަށް ވަޒީރުން, އިސް ވަޒީރުން އެމްޑީން އުފެއްދުމުގެ ބާރު. އެ ފެންވަރު މަގާމެއް އޮފާކޮށްލީމަ މެމްބަރުން ދިއުމަކީ އާންމު ކަމެއް. ސުވާލަކީ ދެން އަންނަ ވެރިއަކު މިސާލަކަށް 30 މެމްބަރުންނަށް ވަޒީރުކަން ނުވަތަ އެ ފެންވަރުގެ މަގާމެއް ދީގެން ގެންދަވައިފިއްޔާ ދެން ކިހިނެތްތޯ އަޅުގަނޑުމެން މަޖިލީހުގެ އާންމު ޖަލްސާއެއްގެ ކޯރަމް ހަމަ ކުރާނީ." ޑިމޮކްރަޓްސް ޕާޓީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުގެ ނަތީޖާއަކީ ވިލިމާލޭ ދާއިރާގެ މެމްބަރަކަށް އެންމެ ފަހުން ހުންނެވި އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ވެސް މެމްބަރުކަމުގެ މުސާރަ ދޭން ޖެހުމެވެ. އެއީ އެ ދާއިރާގެ ގޮނޑި ވެސް ހުސްވެފައިވާތީ އެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި ހުސްވެފައި ގޮނޑި ހިމަނައިގެން މެމްބަރުންގެ އަދަދު ގުނުމަކީ ބުއްދީގެ ހަމައިން ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުން ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެކެވެ.
"އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހުތަކެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." އޭނާ ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި ހުސްވެފައި ހުރި ގޮނޑިތައް ގުނުމަކީ މަރުވެފައި ތިބި ބަޔަކު ދިރިތިބި ކަމަށް ބަލަން ޖެހުން ފަދަ ކަމެކެވެ. އަދި މަޖިލީހުގެ ގޮނޑިތައް ގުނޭނީ މެމްބަރުން ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އަހަރު ރޯދަ މަހު ކަދުރު ބަހާއިރު ގޭގޭގައި މަރުވެފައި ތިބި މީހުން ވެސް ލައިގެން ސަރުކާރުން އެ އެއްޗެހި ފޮނުވަން ޖެހޭނީ." ރޮޒައިނާ ވިދާޅުވި އެވެ.
ބަރުލަމާނީ އިމްތިޔާޒް: ސުޕްރީމް ކޯޓާ ބެހެވޭނެތަ
ގާނޫނު އަސާސީ ބުނެފައިވާ ގޮތުން އެންމެ ބޮޑު ބާރަކީ މަޖިލީހެކެވެ. މަޖިލީހުގެ އިޖްރައާތުތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބާރު އޮތީ މަޖިލީހަށެވެ. މަޖިލީހުގެ ކަންކަމާ މެދު ވަރަށް މަދު ހާލަތެއްގައި ފިޔަވައި ކޯޓަށް ބަސް ނުބުނެވޭނެ ކަމަށް ބުނެފައި އޮތުމަކީ މަޖިލީހަށް އޮންނަ ބަރުލަމާނީ އިމްތިޔާޒެވެ.
އެހެންކަމުން މަޖިލީހުގެ މައްޗަށް އަމުރު ނެރުމަކީ ކޯޓަށް ކުރެވޭނެ ކަމެއްތޯ ސުވާލު އުފެދެ އެވެ. ގާނޫނު އަސާސީ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓަށް ބަސް ބުނެވެނީ މަޖިލީހުން ފާސްކުރާ ގާނޫނު ފަދަ ކަންކަމަށެވެ. މަޖިލީހުގެ ގަވާއިދަކީ ގާނޫނަކަށް ނުވާއިރު ކޯރަމް ގުނަންވީ ގޮތް ސުޕްރީމް ކޯޓުން ކިޔައި ދެވޭނެތޯ ސުވާލު އުފެދެ އެވެ.
ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން ކުރާ ކަންކަމަށް ސުޕްރީމް ކޯޓަށް ބަސް ބުނެވުނަސް މަޖިލީހުން ކަންކަން ކުރަންވީ ގޮތެއް ކޯޓުތަކުން ބުނެ ދީގެން ނުވާނެ ކަމަށް މެމްބަރުން ދެކެ އެވެ. އަދި މަޖިލީހުން އަމުރު ނެރުމަކީ ނުހިނގާ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް މެމްބަރުން ދެކެ އެވެ.
"މަޖިލީހުން ކަންކަން ކުރަންވީ ގޮތާއި ކަން ކުރާނެ ގޮތާއި ކަން އޮންނަންވީ ގޮތް އަޅުގަނޑުމެންނަށް ބުނެ ދިނުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެ." ޖޭއެސްސީގެ ރައީސްކަން ކުރައްވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ދެކޭ ގޮތުގައި މަޖިލީހުގެ ކަންކަމާ މެދު ސުޕްރީމް ކޯޓުން ކުރިން ވެސް ބަސް ބުނެ އެވެ. މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ދިއުމުން އެ މައްސަލަ އެ ކޯޓުން ބަލައި, އެމްޑީޕީއާ އެއްކޮޅަށް ހުކުމްކުރި ކަން އެ މެމްބަރުން ފާހަގަ ކުރެ އެވެ.
ނުހިނގާ ކަމަށް އަމުރު ނެރެވޭތަ
ކުރިން ސުޕްރީމް ކޯޓުން ނިންމާފައި އޮތީ ދުސްތޫރީ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެވޭނީ ކޮންމެހެން ނެރެންޖެހޭ ހާލަތްތަކުގަ އެވެ. ނަމަވެސް މިފަހަރު ސުޕްރީމް ކޯޓުން އަމުރު ނެރުނީ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރަންޖެހޭ މައްސަލައެއް މަޖިލީހުގައި އޮވެގެނެއް ނޫނެވެ.
ރައީސް މުހައްމަދު މުއިއްޒު މަގާމުން ވަކިކުރަން ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުންޏަސް އެފަދަ މައްސަލައެއް މަޖިލީހަކު ނެތެވެ.
ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވާންޖެހޭ ކަމެއް މަޖިލީހުގައި ނެތްއިރު އެފަދަ އަމުރެއް ނެރުނު ސަބަބެއް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ނެތެވެ. ބުނެފައި އޮތީ ކުރިން މަޖިލީހުން އެގޮތަށް ކޯރަމް ގުނާތީ ކަމަށް ބުނެ އެވެ. އެފަދަ ކަމެއް މަޖިލީހުން ފާސް ނުކުރާއިރު އަދި މަޖިލީހުގައި ނެތުމުން އެ އަމުރު ނެރުނު ސަބަބާމެދު ސުވާލު އުފެދެ އެވެ.
މެމްބަރު އަލީ ހުސައިން ވިދާޅުވީ ވެދާނެ ކަމެއްގެ މައްޗަށް ލަފާކޮށްގެން އަމުރު ނެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
"މުސްތަގްބަލްގައި މައްސަލައެއް ޖެހިދާނެ ކަމަށް ބަލައި, ކޯޓަކަށް މައްސަލައެއް ހުށައެއްނާޅާނެ." އޭނާ ވިދާޅުވި އެވެ.
ހުސްވެފައި ހުރި ގޮނޑިތައް ގުނުމުގެ މައްސަލާގައި ދައުލަތުގެ ތިން ބާރު އަރައިރުމެއްގައި އޮތްއިރު މަޖިލީހުގެ ނުރުހުން ސުޕްރީމް ކޯޓަށް އެބައޮތެވެ. މަޖިލީހުން ސުޕްރީމް ކޯޓުގެ ނިންމުމަށް ފާޅުގައި ގޮންޖަހާފައިވާއިރު މި މައްސަލަ ކުރިއަށް ދާ ގޮތަކުން މަސްރަހު ހަލަބޮލިވެދާނެ އެވެ.