ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގާނޫނާ ހިލާފްނުވާ ނަމަ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނު ވަކިކޮށްފާނެ ފިކުރުބޮޑުކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ފަަސޭހައިން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމްކޯޓުން އިއްޔެ ވަނީ އަންގައިފަ އެވެ.

ޔާމީން އުފައްދަން މަސައްކަތްކުރާ އާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒު ވަކިކުރަން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ސޮއިހަމަކުރުމުން އެ ކަމާ ރައީސް "ސިހެން ނުޖެހޭ" ކަމަށެވެ. އަދި ރައީސަކު ވަކިކުރެވޭނެ ހަމަތަކާއި އުސޫލުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި އެހެންވެ، ގޯސްކޮށް ކަންތައްތަކެއް ނުހިނގާނަމަ އެކަމާ ފިކުރުބޮޑު ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ގާނޫނު އަސާސީގައާއި މަޖިލީހުގެ ގަވާއިދުގައި އެބަހުރި އުސޫލުތަކެއް ކަނޑައަޅާފައި. އެއީ، ހަމަ ބަޔަކު ހިތަށް އެރީމާ ފަސޭހަކަމާ އެކު ކޮށްލެވޭ ކަމެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ގާނޫނާ ހިލާފު ކަންތައްތަކެއް ފެންނަންޖެހޭ،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެއީ އެހާބޮޑަށް ސިހުންވާން ޖެހޭ ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ.

"ރައީސުލްޖުމްހޫރިއްޔާއަކު އެ ވަރަށް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަކަށް ވެދާނެތޯ އަޒުލުކުރުމަކީ އޮތް އޮޕްޝަނެއް ކަމަށް. އަދި، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގައި އޮތަސް ރައީސުލްޖުމްހޫރިއްޔާ އެކަމާ އެހާ ސިހުންވާން ޖެހޭތޯ،" ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން އެއްސެވި އެވެ.

ޔާމީން ވިދާޅުވީ، ރައީސްކަމުގެ މަގާމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށާއި އަދި އެއީ މަގާމުގައި ތާއަބަދަށް ތިބެން އަންނަ އައުމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން މި ދެންނެވީ، އެއްވެސް މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަނީ އެ މަގާމުގައި ބަގުޑި ބައްދައިގެން އަބަދު ތިބޭކަށެއް ނޫން،"

"ބޭއިންސާފުން ކަމެއް ކޮށްފައި ރައީސުލްޖުމްހޫރިއްޔާ އަޒުލުކޮށްފި ކަމަށްވަންޏާ އެ ބޭފުޅެއްގެ ޝުހުރަތު ރައްޔިތުން ކުރިމަތީ އިތުރުވެގެން އެ ދަނީ. އަދި، އަނިޔާވެރިކޮށް ކަންތައް ކުރި މީހުންގެ އަނިޔާވެރިކަން ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ކަންތައްތައް އިހުލާސްތެރިކަމާ އެކީ ވަރުގަދައަށް ކުރާ ކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި އެ ވަރަށް އޮންނަންޖެހޭ ކަމެއްތޯ؟ އަޒުލުކުރުމާ ދޭތެރޭ އެ ވަރަށް ފިކުރުކުރަން ޖެހޭ ކަމެއްތޯ އެއީ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ސަރުކާރުން އެމަނިކުފާނުގެ ޕީއެންއެފަކީ އިދިކޮޅު ޕާޓީއެއް ކަމަށް ދެކޭ ކަމަށް ވެސް ޔާމީން ރޭ ވިދާޅުވި އެވެ.

އެ މަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު 11 އަހަރުގެ ހުކުމެއްގައި ހުންނެވި ޔާމީން ކުރީ ސަރުކާރުން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ. އެކަމަކު، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގައި ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީން ވަކިވެ، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.